ޚަބަރު ޑަބްލިއުއެޗްއޯ ރީޖަނަލް ރިވިއު ކޮމިޓީ މީޓިންގް އޮން ޕެންޑަމިކް ޕްރިޕެއާރޑްނަސް ހެލްތު ސެކިއުރިޓީ ބައްދަލުވުން ރާއްޖޭގައި ފަށައިފި
ޚަބަރު

ޑަބްލިއުއެޗްއޯ ރީޖަނަލް ރިވިއު ކޮމިޓީ މީޓިންގް އޮން ޕެންޑަމިކް ޕްރިޕެއާރޑްނަސް ހެލްތު ސެކިއުރިޓީ ބައްދަލުވުން ރާއްޖޭގައި ފަށައިފި

ޑަބްލިއުއެޗްއޯ ރީޖަނަލް ރިވިއު ކޮމިޓީ މީޓިންގް އޮން ޕެންޑަމިކް ޕްރިޕެއާރޑްނަސް ހެލްތު ސެކިއުރިޓީ ބައްދަލުވުން ރާއްޖޭގައި ފަށައިފި
ބައްދަލުވުމުގެ ބައިވެރިން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
އޯޑިއޯ އަޑުއަހާލާ 0:00/2:06

ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ޤީލާ ޢަލީ ބައިވެރިވެވަޑައިގެންފިއެވެ. 2026 އޮކްޓޫބަރު 18 އިން 22 އަށް މާލޭގައި ކުރިއަށްދާ މި މުހިންމު ބައްދަލުވުމަކީ، ބައިނަލްއަގުވާމީ 42 މަންދޫބުންނާއި، ސަރަޙައްދީ ޞިއްޙީ ދާއިރާގެ އިސްވެރިންނާއި މާހިރުން ބައިވެރިވެވަޑައިގަންނަވާ މަތީ ފަންތީގެ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ "ޕެންޑެމިކް އިންފްލުއެންޒާ ޕްރިޕެއާޑްނަސް" (ޕީ.އައި.ޕީ) ފްރޭމްވޯކާއި، "ޕްރިޕެއާޑްނަސް އެންޑް ރެޒިލިއަންސް ފޯ އިމަރޖިންގ ތުރެޓްސް" (ޕްރެޓް) އިސްނެގުމުގެ އިތުރުން، ޑަބްލިއު.އެޗް.އޯ ޖީ.އައި.އެސް.އާރް.އެސް ޔުނިޓީ ސްޓަޑީޒް ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކުރުން ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

ގައުމީ ފެންވަރުގެ ލީޑަރެއްގެ ހައިޞިއްޔަތުންނާއި، ޑަބްލިއު.އެޗް.އޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދު ތަމްޞީލުކުރައްވާ "ޕެންޑެމިކް ފަންޑް" ބޯޑުގެ މެންބަރެއްގެ ހައިޞިއްޔަތުން މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ޤީލާ ވަނީ ސަރަޙައްދީ އެއްބައިވަންތަކަން ދެމެހެއްޓުމާއި، ޞިއްޚީ ނިޒާމުތައް ހަރުދަނާކޮށް މޮނިޓަރކުރުމާއި، ކުރިމަތިވެދާނެ ބަލިމަޑުކަމަކުން ރައްކާތެރިވުމަށްޓަކައި ދުރާލައި ގިނަ ދާއިރާތަކެއް އެކުލެވޭ ޕްލޭންތަކެއް އެކުލަވައިލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ސަރަޙައްދީ މި މުހިންމު ރިވިއު ބައްދަލުވުން ރާއްޖޭގައި ބޭއްވުމާއި، މި ބައްދަލުވުމުގައި ޢަމަލީ ގޮތުން ބައިވެރިވުމަކީ ދިވެހިރާއްޖެއަށް އޭގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެކެވެ. އެގޮތުން:

ގައުމީ އޮނިގަނޑުތައް ހަރުދަނާވުން: ސަރަހައްދީ ރޯޑްމެޕް (2026-2031) ތަކާ އެއްގޮތަށް ފަންނީ މަސައްކަތްތައް ބައްޓަންކުރުމަކީ، ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ ބަލިތައް ދެނެގަތުމަށާއި އެކަމާ ގުޅޭ ގައުމީ އިސްތިރާޖީތައް އިތުރަށް ފުރިހަމަކުރުމަށް ލިބޭ ބާރެކެވެ. މީގެ ތެރޭގައި އިންފްލުއެންޒާ އަދި ނޭވާލާ ނިޒާމަށް ޖެހޭ ސީރިއަސް ބަލިތަކާ ގުޅޭ އުޞޫލުތައް އަދާހަމަކުރުން ހިމެނެއެވެ.

ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ އެހީތެރިކަން އިތުރުވުން: 'ޕެންޑަމިކް ފަންޑް' ބޯޑުގައި މިނިސްޓަރު ޤީލާ ރާއްޖެ ތަމްޞީލުކުރެއްވުމުގެ ސަބަބުން، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ޚާއްޞަ ނާޒުކު ޙާލަތްތަކަށް ބައިނަލްއަޤުވާމީ މާލީ އެހީތެރިކަމާއި ފަންނީ އެއްބާރުލުން ހޯދުމުގައި އިސްކަންދެވޭކަން ކަށަވަރުވެގެންދާނެއެވެ.

ޤާބިލުކަން އިތުރުކުރުން: ޔޫ.ކޭ ހެލްތު ސެކިއުރިޓީ އެޖެންސީ އާއި ޑަބްލިއު.އެޗް.އޯގެ ކަމާގުޅޭ މަރުކަޒުތައް ފަދަ ބައިނަލްއަޤުވާމީ މާހިރުންނާއެކު މަސައްކަތްކުރުމުގެ ފުރުޞަޠު ފަހިވުމުން، ރާއްޖޭގެ ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ ތައްޔާރީތަކާއި، ލެބޯޓްރީ ތަޙުލީލުތަކުގެ ފެންވަރާއި، ކްލިނިކަލް ރިސާޗް ނެޓްވޯކްތައް އިތުރަށް ވަރުގަދަވެގެންދާނެއެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ މެންބަރު ގައުމުތަކުން، ދުނިޔޭގެ ޞިއްޙީ ބަލިމަޑުކަމުގެ ކާރިސާތަކުން ލިބިގަތް ފިލާވަޅުތަކުގެ އެހީގައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެޅޭ މުހިންމު ބިންގަލެކެވެ.

ޓެގް

ޞިއްޙީ ވުޒާރާ ބައްދަލުވުން ޞިއްޙީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.