ބަހަކީ އިންސާނީ މުޢާމަލާތުގެ އެންމެ މުހިންމު އެއް ބަހާއެވެ. އެއީ މީހުންގެ ޝުޢޫރުތައް ފާޅުކުރުމަށާއި، ޚިޔާލު ބަދަލުކުރުމަށާއި، މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އެބައެއްގެ ސަޤާފަތާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް މަގުފަހިކޮށްދޭ ވަޞީލަތެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަހަކުން ވާހަކަދައްކާއިރު، އޭގެ ތެރެއިން ގިނަ ބަސްބަހުގައި ސަރަހައްދީ އަދި އިޖުތިމާޢީ ތަފާތު ގޮތްތަކެއް ނުވަތަ "ބަހުރުވަތަކެއް" ހުރެއެވެ. "ބަސް" އަދި "ބަހުރުވަ" މި ދެ ލަފްޒު ބައެއް ފަހަރު އެއް މާނައެއްގައި ބޭނުންކުރެވުނު ކަމުގައިވިޔަސް، މިއީ މާނައިގެ ގޮތުންނާއި ސިފަތަކުގެ ގޮތުން ތަފާތު ދެ އެއްޗެކެވެ. މި ދެމެދުގައި ހުންނަ ތަފާތުތައް ދެނެގަތުމަކީ ބަަސްބަހުގެ މުއްސަނދިކަމާއި މުޖުތަމަޢުގައި ބަހުގެ މުހިންމުކަން ވަޒަންކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ބަހަކީ މުޖުތަމަޢެއްގެ މީހުން މުޢާމަލާތް ކުރުމަށް ބޭނުންކުރާ ނިޒާމީ އޮނިގަނޑެކެވެ. އޭގައި ލަފްޒުތަކާއި، ޤަވާޢިދާއި، ވާހަކަދައްކާ ގޮތްތަކުގެ އިތުރުން މުޢާމަލާތް ކުރުމަށް ބޭނުންވާ އުޞޫލުތައް ހިމެނެއެވެ. ބަސްބަހަކީ އަނގަބަހުން ވާހަކަދެއްކޭ، ލިޔެވޭ ނުވަތަ އިޝާރާތުން ބޭނުންކުރެވޭ އެއްޗަކަށް ވެދާނެއެވެ. މިސާލަކަށް އިނގިރޭސި، ދިވެހި، ޢަރަބި، ފްރެންޗް އަދި ޖަޕަނީޒް ފަދަ ބަސްތައް ހިމެނެއެވެ. ކޮންމެ ބަހަކަށްވެސް އަމިއްލަ ޤަވާޢިދާއި، ބަސްކޮށާރާއި، އަޑުތަކާއި، ލިޔުމުގެ ނިޒާމެއް އޮވެއެވެ. ނަމަވެސް ހުރިހާ ބަހެއްގައި ލިޔުމުގެ ނިޒާމެއް އޮތުމަކީ ލާޒިމު ކަމެއް ނޫނެވެ. މީގެ އިތުރުން، ތަޢުލީމާއި، ސަރުކާރުގެ މުޢާމަލާތްތަކާއި، އަދަބިއްޔާތާއި، މީޑިއާ އަދި ސަޤާފަތް ދެމެހެއްޓުމުގައި ބަސް މުހިންމު ދައުރެއް އަދާކުރެއެވެ.
އަނެއްކޮޅުން ބަހުރުވަޔަކީ ވަކި ޚާއްޞަ ސަރަހައްދެއްގެ ނުވަތަ އިޖުތިމާޢީ ގުރޫޕެއްގެ މީހުން ވާހަކަދައްކާ ބަހުގެ ވަކި ގޮތެކެވެ. ނުވަތަ ބަހަށް އަންނަ ބަދަލެކެވެ. ބަހުރުވަތަކުގެ މެދުގައި އަޑުތައް ނެރޭ ގޮތާއި، ބަސްކޮށާރާއި، ޤަވާޢިދުގެ ތަފާތުތަކެއް ހުރެދާނެއެވެ. ނަމަވެސް ޢާންމުގޮތެއްގައި ބަހުރުވަތަކުގައި އެ ބަހެއްގެ އަސާސީ ސިފަތައް ހިމެނޭނެއެވެ. މިސާލަކަށް ބްރިޓިޝް އިނގިރޭސި، އެމެރިކަން އިނގިރޭސި އަދި އޮސްޓްރޭލިއަން އިނގިރޭސި އަކީ އިނގިރޭސި ބަހުގެ ތަފާތު ބަހުރުވަތަކެކެވެ. މި ބަހުރުވަތަކުގައި ސްޕެލިންގ ނުވަތަ ލިޔަކުރާއި، އަޑުތަކާއި، ބަސްކޮށާރުގެ ތަފާތުތައް ހުރި ނަމަވެސް، އެ ބަހުން ވާހަކަދައްކާ މީހުންނަށް އެކަކު އަނެކަކު ދައްކާ ވާހަކަ ފަސޭހައިން ދެނެގަނެވޭނެއެވެ.
ބަހަކާއި ބަހުރުވަޔަކާ ދެމެދު ހުންނަ އެންމެ ބޮޑު އެއް ތަފާތަކީ އެ ބަހެއްގެ މިނިވަންކަމާއި މިންގަނޑުތައް ހިފެހެއްޓިފައިވާ މިންވަރެވެ. ޢާންމުގޮތެއްގައި ބަހެއްގައި ރަސްމީ ތަޢުލީމާއި، ސަރުކާރުގެ މުޢާމަލާތްތަކާއި، ލިޔެކިޔުންތަކުގައި ބޭނުންކުރާނެ ވަކި މިންގަނޑުތަކެއް ކަނޑައެޅިފައި އޮވެއެވެ. ނަމަވެސް ބަހުރުވަޔަކަށް މިފަދަ ރަސްމީ ހައިސިއްޔަތެއް ނުވަތަ މިންގަނޑުތަކެއް ކަނޑައެޅިފައި ނޯވެދާނެއެވެ. އެހެންނަމަވެސް، މީގެ މާނައަކީ ބަހުރުވަޔަކީ ބަހަކަށްވުރެ ދަށް ނުވަތަ ފުރިހަމަނޫން އެއްޗެއް ނޫނެވެ. ކޮންމެ ބަހުރުވަޔަކީވެސް އެ ބަހުރުވައަކުން ވާހަކަދައްކާ މީހުންނަށް ފުރިހަމައަށް މުޢާމަލާތް ކުރެވޭނެ ފަދަ ނިޒާމީ ޤަވާޢިދުތަކާއި ސިފަތަކެއް އެކުލެވިގެންވާ އެއްޗެކެވެ.
އަނެއް މުހިންމު ތަފާތަކީ "ދެފަރާތަށް ދޭހަވުން" ނުވަތަ މިއުޗުއަލް އިންޓެލިޖިބިލިޓީ އެވެ. މިއީ ތަފާތު ގޮތްގޮތަށް ވާހަކަދައްކާ މީހުންނަށް، އެކަކު އަނެކަކުގެ ބަސް ދަސްކުރުމަކާ ނުލައި ދައްކާ ވާހަކަ ދޭހަވުމެވެ. މިސާލަކަށް އިނގިރޭސިވިލާތުގެ މީހަކާއި އެމެރިކާގެ މީހަކާ ދެމެދު ބަސްކޮށާރާއި އަޑުތަކުގެ ތަފާތު ހުރި ނަމަވެސް، އެކަކު އަނެކަކު ދައްކާ ވާހަކަ އޮޅުމެއް ނެތި ފަސޭހައިން ދެނެގަނެވޭނެއެވެ. ނަމަވެސް ބައެއް ފަހަރު އެއް ބަހެއްގެ ބަހުރުވަތައް ބޮޑަށް ތަފާތުވުމުގެ ސަބަބުން ދޭހަވާން އުނދަގޫވެދާނެއެވެ. ހަމައެފަދައިން، ތަފާތު ދެ ބަހެއްގެ ގޮތުގައި ބެލެވޭ ބައެއް ބަސްބަހުގެ މެދުގައި ވަރަށް ބޮޑެތި އެއްގޮތްކަންކަން ހުރެދާނެއެވެ. އެހެންކަމުން، ހަމައެކަނި ދޭހަވާ މިންވަރަށް ބަލައިގެން، އެއީ ބަހެއް ނުވަތަ ބަހުރުވަޔެއް ކަމެއް އަބަދަކު ކަނޑައެއް ނޭޅޭނެއެވެ.
ޖިއޮގްރަފީއާއި ސަގާފީ ނުފޫޒުތަކަކީވެސް ބަހާއި ބަހުރުވަ ތަފާތުވުމަށް މެދުވެރިވާ ސަބަބުތަކެކެވެ. ބަސްބަސް އުފެދި ކުރިއަރަނީ ހިޖުރަކުރުމާއި، ތާރީޚީ ހާދިސާތަކާއި، ސަގާފީ ގުޅުންތަކާއި، އިޖުތިމާޢީ ބަދަލުތަކުގެ ތެރެއިން ދިގު މުއްދަތެއްގެ ތެރޭގައެވެ. ބަހުރުވަތައް އުފެދެނީ ތަފާތު ސަރަހައްދުތަކުގައި ނުވަތަ ތަފާތު އިޖުތިމާޢީ މާޙައުލުތަކުގައި ދިރިއުޅޭ މީހުން ވާހަކަދެއްކުމުގައި ގެންގުޅޭ ތަފާތު ގޮތްތަކުގެ ސަބަބުންނެވެ. މިސާލަކަށް ރާއްޖެއަށް ބަލާއިރު، ދިވެހިބަހަކީ ރަސްމީ ބަހެވެ. ނަމަވެސް އެކި އަތޮޅުތަކާއި ރަށްތަކަށް ޚާއްޞަ ބަހުރުވަތަކެއް ހުރެއެވެ. މާލޭ ބަހުރުވައާއި ދެކުނުގެ އަތޮޅުތަކުގެ ބަހުރުވަތަކުގެ މެދުގައި އަޑުތައް ނެރޭ ގޮތާއި، ބަސްކޮށާރާއި، ބައެއް ހަމަތަކުގައި ތަފާތުތަކެއް ހުރެއެވެ. މި ތަފާތުތައް ހުރި ނަމަވެސް، މިއީ ދިވެހި ބަހުގެ ބަހުރުވަތަކެވެ. އަދި މިއީ ރާއްޖޭގެ މުއްސަނދި ސަޤާފީ ތަރިކަ ދައްކުވައިދޭ ކަމެކެވެ.
މީގެ އިތުރުން، އިޖުތިމާޢީ އަދި ސިޔާސީ ސަބަބުތަކަކީވެސް ވަކި ގޮތަކަށް ވާހަކަދެއްކުމަކީ ބަހެއް ނުވަތަ ބަހުރުވަޔެއްގެ ގޮތުގައި ބަލައިގަތުމަށް ނުފޫޒު ފޯރުވާ ކަންކަމެވެ. ބައެއް ފަހަރު މި ތަފާތު ކަނޑައަޅަނީ ހަމައެކަނި ބަހަވީ ތަފާތުތަކަށް ބަލައިގެނެއް ނޫނެވެ. އޭގެ ބަދަލުގައި ޤައުމީ އަމިއްލަވަންތަކަމާއި، ސިޔާސީ ބަލައިގަތުމާއި، ތާރީޚާއި، ސަޤާފީ މިނިވަންކަމަށް ބަލައެވެ. ވަކި ގޮތަކަށް ވާހަކަދެއްކުމަކީ ޤައުމެއްގެ ނުވަތަ މުޖުތަމަޢެއްގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ އެއްޗެއް ކަމަށްވާނަމަ، އެއީ ވަކި ބަހެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެދާނެއެވެ. މިއިން އެނގެނީ ބަހާއި ބަހުރުވަ ވަކިކުރުމަކީ އަބަދު ފަސޭހަ ކަމެއް ނޫން ކަމާއި، އެކަމުގައި އިޖުތިމާޢީ އަދި ސިޔާސީ ކަންކަން އެކުލެވޭ ކަމެވެ.
ބަހުރުވަތަކަކީ ސަޤާފީ އަމިއްލަވަންތަކަމާއި ތަރިކަ ރައްކާތެރިކުރުމަށް ވަރަށް މުހިންމު އެއްޗެއްކަން ދެނެގަތުން މުހިންމެވެ. ބަހުރުވަތަކުގެ ސަބަބުން އެ ސަރަހައްދެއްގެ އާދަކާދަތަކާއި، ތާރީޚީ ބަސްމަގުތަކާއި، ވާހަކަތަކާއި، ދިރިއުޅުމުގެ ވައްޓަފާޅި ރައްކާތެރިކޮށްދެއެވެ. ރަސްމީ ކަންކަމުގައި މިންގަނޑުތަކަށް ފެތޭ ބަސް ބޭނުންކުރި ކަމުގައިވިޔަސް، އާންމު ދިރިއުޅުމުގެ މުޢާމަލާތްތަކުގައި ގިނައިން ބޭނުންކުރެވެނީ ބަހުރުވަތަކެވެ. ބަހުރުވަތަކުގެ ސަބަބުން މީހުންގެ އުފަން ރަށާއި، އާޢިލާއާއި، ސަޤާފީ ފަސްގަނޑާ އޮންނަ ގުޅުން ދެމެހެއްޓުމަށް އެހީތެރިވެދެއެވެ. އެހެންކަމުން، ބަހުރުވަތައް ރައްކާތެރިކުރުމަކީ ބަސް ރައްކާތެރިކުރުން ފަދަ މުހިންމު ކަމެކެވެ. ސަބަބަކީ ބަހުރުވައެއް އުވިދިއުމަކީ އެއާ ގުޅިފައިވާ އަގުހުރި ސަޤާފީ ޢިލްމާއި އާދަކާދަތައް ގެއްލިގެންދާނެ ކަމަކަށް ވާތީއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...