މިއަދުގެ ހަލުވިކަމާއެކު ބަދަލުވަމުންދާ ވިޔަފާރީގެ މާޙައުލުގައި، ވަކި އޮފީހެއްގައި ބަންދުވެގެން މަސައްކަތްކުރުމުގެ އާދަ އަންނަނީ މަޑުމަޑުން ބަދަލުވަމުންނެވެ. ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއި، ޑިޖިޓަލް ބަދަލުތަކާއި، އަދި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް އިތުރުވުމާއެކު، ލުއިފަސޭހަ ގޮތެއްގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތަކަށް އޮތް ބޭނުން ވަނީ ބޮޑުވެފައެވެ. މިގޮތުން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކުރިއެރުމަކީ، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކާއި، އަމިއްލަ ވިޔަފާރިވެރިންނާއި، އަލަށް ފަށާ ވިޔަފާރިތަކުގެ އިތުރުން ޤާއިމުވެފައިވާ ކުންފުނިތަކަށްވެސް ބޭނުންކުރެވޭނެހެން ފަރުމާކޮށްފައިވާ "ކޯ-ވޯކިންގ ސްޕޭސް" ނުވަތަ ހިއްސާކުރެވޭ މަސައްކަތުގެ މާހައުލުތަކެވެ.
ކޯ-ވޯކިންގ ސްޕޭސްއަކީ ތަފާތު އެކި ދާއިރާތަކުގެ ފަރާތްތަކުން އެކަކު އަނެކަކާ ގުޅިގެން ނުވަތަ އަމިއްލައަށް މަސައްކަތް ކުރުމަށްޓަކައި ވަޞީލަތްތައް ޙިއްސާކުރާ އޮފީސް މާހައުލެކެވެ. މިފަދަ ތަންތަނުގައި ޢާންމުކޮށް ހަލުވި އިންޓަނެޓާއި، މަސައްކަތްކުރާނެ މޭޒާއި ގޮނޑި، މީޓިންގ ރޫމް، ޕްރިންޓްކުރުމުގެ ޚިދުމަތް އަދި ކޮންފަރެންސް އޭރިއާތައް ހުރެއެވެ. ޢާންމު އޮފީސްތަކާ ޚިލާފަށް، ކޯ-ވޯކިންގ ސްޕޭސްތަކުން ގަޑިއިރަކަށް، ހަފުތާއަކަށް ނުވަތަ މަހަކަށް ފައިސާ ދައްކައިގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު ލިބިގެންދެއެވެ.
ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ކޯ-ވޯކިންގްގެ މަފްހޫމް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑަށް ފުޅާވެފައެވެ. އެމެރިކާ، އިނގިރޭސިވިލާތް، އިންޑިއާ، ސިންގަޕޫރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ޤައުމުތަކުގައި މި ސިނާއަތް ވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ.
އެމެރިކާގައި "ވީވޯކް" ފަދަ ކުންފުނިތަކުން ވަނީ މަސައްކަތްކުރާނެ ލުއިފަސޭހަ މާހައުލުތަކާއި، މީޓިންގ ބާއްވާނެ ތަންތަނާއި، އަދި އެކި ދާއިރާތަކުގެ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ފަހިކޮށްދީ، މި މަފްހޫމް މަޤުބޫލުކޮށްފައެވެ. އިނގިރޭސިވިލާތުގެ ލަންޑަނުގައި، ކޯ-ވޯކިންގ ސްޕޭސްތަކަކީ ފްރީލާންސަރުންނާއި ކުދި ވިޔަފާރިތަކުގެ މައި ހަބުތަކެވެ. ހަމައެހެންމެ، އިންޑިއާގެ ބެންގަލޫރާއި، މުމްބާއީ އަދި ނިއުދިއްލީ ފަދަ ސިޓީތަކުގައި ޓެކްނޮލޮޖީގެ ދާއިރާއާއި އަލަށް ފަށާ ވިޔަފާރިތަކަށް އަމާޒުކޮށް މިފަދަ އެތައް މަރުކަޒެއް ވަނީ ޤާއިމުކޮށްފައެވެ.
ސިންގަޕޫރާއި ދުބާއީ ފަދަ ޤައުމުތަކުގައި، ބައިނަލްއަޤުވާމީ ވިޔަފާރިވެރިންނަށް ފަސޭހައިން އޮފީސް ހިންގޭނެ އިންތިޒާމުތައް ކޯ-ވޯކިންގ ސްޕޭސްތަކުން ފޯރުކޮށްދެއެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމަށްފަހު، ދުރުގައި ތިބެގެން މަސައްކަތްކުރުމުގެ އާދަ އިތުރުވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި މިފަދަ ތަންތަނަށް އޮތް ޑިމާންޑް ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.
ބައިނަލްއަގުވާމީ ބާޒާރާ އަޅާބަލާއިރު، ރާއްޖެއަށް ކޯ-ވޯކިންގްގެ މަފްހޫމަކީ ނިސްބަތުން އާ ކަމެކެވެ. ނަމަވެސް، ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް މިކަން ތަޢާރަފުކުރުމަށް މުހިންމު މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.
މިގޮތުން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އިން ޖުލައި 2021 ގައި މާލޭގެ މ.ކަނީރުވިލާގައި ހުޅުވި "ސީޑް" އެވެ. ޔޫ.އެން.ޑީ.ޕީ، ޖަޕާން ސަރުކާރުގެ އެހީތެރިކަމާއެކު ޤާއިމުކުރި މި މަރުކަޒަކީ، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހެޔޮ އަގުގައި މަސައްކަތްކުރެވޭނެ މާހައުލެއް ފޯރުކޮށްދިނުމަށް ހުޅުވި ތަނެކެވެ.
ކޯ-ވޯކިންގ ސްޕޭސްތަކުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ޚަރަދު ކުޑަވުމެވެ. ވަކި އޮފީހެއް ކުއްޔަށް ހިފައިގެން ހިންގުމަށް ހިނގާ ބޮޑު ޚަރަދުގެ ބަދަލުގައި، ކުދި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު އޮފީސް ވަޞީލަތްތައް ބޭނުންކުރެވެއެވެ.
މީގެ އިތުރުން، އެކި މުއްދަތުތަކަށް ބަހާލެވިފައިވާ މެންބަރޝިޕްތަކުގެ ސަބަބުން ވިޔަފާރީގެ ބޭނުމަށް ބަލައި ޚިދުމަތް ހޯދުމުގެ ފުރުޞަތު ލިބެއެވެ. އަދި ތަފާތު އެކި ދާއިރާތަކުގެ މީހުން އެއް ތަނަކުން ބައްދަލުވުމުގެ ސަބަބުން، އައު ގުޅުންތައް އުފެދި، މަޢުލޫމާތު ބަދަލުކުރުމާއި، އެކުގައި މަސައްކަތްކުރުމުގެ ފުރުޞަޠުތައް ފަހިވެގެންދެއެވެ.
މަސައްކަތުގެ މާހައުލުގައި ހީވާގިކަން އިތުރުވުމާއި، ފެންވަރު ރަނގަޅު މެޝިނަރީޒް ބޭނުންކުރަން ލިބުމާއި، ގޭގައި ތިބެގެން ތިމަސައްކަތްކުރުމުން ދިމާވާ އެކަނިވެރިކަން ކުޑަވުމަކީވެސް މިފަދަ ތަންތަނުން ލިބޭ ފައިދާތަކެވެ. ކުދި ވިޔަފާރިތަކުން ކްލައިންޓުންނާ ބައްދަލުކޮށް ވިޔަފާރީގެ މުޢާމަލާތްތައް ހިންގާއިރު، މިއީ ފަންނީ އަދި އިތުބާރު ހުރި ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް ލިބޭ ބޮޑު ބާރެކެވެ.
ރާއްޖޭގެ އެހެން ރަށްތަކަށް މިފަދަ ތަންތަން ފުޅާކުރުމަކީ ރަށްރަށުގައި ތިބި ޒުވާނުންނާއި، ޑިޖިޓަލް ވިޔަފާރިތަކާއި، ފަތުރުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރާ ފަރާތްތަކަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. ޚާއްސަކޮށް މީޑިއާ، ފޮޓޯގްރަފީ، ޓެކްނޮލޮޖީ އަދި އުފެއްދުންތެރި މަސައްކަތްތަކަށް ޚާއްސަ މަރުކަޒުތައް ޤާއިމުކުރުމަކީ އިތުރު ފުރުޞަޠުތަކެއް ހުޅުވިގެންދާނެ ކަމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...