ރާއްޖޭގެ ވަޒީފާގެ ބާޒާރު ހަރުދަނާކޮށް، ވިޔަފާރީގެ ހަރަކާތްތައް ފުޅާކުރުމަށްޓަކައި 150 އެގްޒިބިޓަރުންނާއެކު ބާއްވާ 'ވަރަ އެކްސްޕޯ' މެދުވެރިކޮށް 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެއްދުމަށް، 'ވަރަ އެކްސްޕޯ' އިންތިޒާމުކުރާ ފަރާތުން އަމާޒު ހިފައިފިއެވެ.
މި މައުރަޒުގެ މައިގަނޑު މަޤުޞަދަކީ ވިޔަފާރިތަކާއި، އެކި މުއައްސަސާތަކާއި، ވަޒީފާ ބޭނުންވާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވަޒީފާއާއި ކުރިއަށްދާނެ އެކި ފުރުޞަތުތައް ދެނެގަތުމަށް މަގުފަހިކޮށްދިނުމެވެ. ހަމައެއާއެކު، ކުންފުނިތަކުން ދޭ ޚިދުމަތްތަކާއި އުފެއްދުންތައް އިޝްތިހާރުކުރުމުގެ ފުރުޞަތުވެސް މި މަޢުރަޒުގެ ތެރެއިން ލިބިގެންދާނެއެވެ.
150 ފަރާތަކުން ބައިވެރިވާ މި އެކްސްޕޯ ފަރުމާކޮށްފައިވަނީ ވިޔަފާރިތަކުން ކަސްޓަމަރުންނާ ގުޅުން ބަދަހިކޮށް، ބްރޭންޑްތައް ކުރިއަރުވައި، އާ ވިޔަފާރި ގުޅުންތައް ޤާއިމުކުރުމަށް އެހީތެރިވެދޭނެ މާޙައުލެއްގެ ގޮތުގައެވެ.
މި ޙަރަކާތުގެ އެންމެ މުހިންމު އެއް އަމާޒަކީ ވަޒީފާ ހޯދާ ފަރާތްތަކާއި ބައިވެރިވާ ކުންފުނިތައް ގުޅުވައިދީގެން ވަޒީފާގެ ފުރުޞަޠުތައް އިތުރުކުރުމެވެ.
ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން، މި މަޢުރަޒުގެ ސަބަބުން އަމިއްލަ މަސައްކަތްތެރިކަމާއި ވިޔަފާރިވެރިކަމަށް ހިތްވަރު ލިބި، ވިޔަފާރިތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ރާއްޖޭގެ އުފެއްދުންތަކަށް އޮންނަ ތަރުޙީބު ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.
'ވަރަ އެކްސްޕޯ' ފަދަ ހަރަކާތްތަކަކީ އަމިއްލަ ދާއިރާތަކާއި، ވަޒީފާ ހޯދާ ފަރާތްތަކާއި، ޢާންމު ރައްޔިތުން އެއްތަނަކަށް ޖަމާކޮށްދީ، އިޤުތިޞާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާނެ ޙަރަކާތްތަކެކެވެ. މީގެ އިތުރުން، މިއީ ވިޔަފާރިތަކަށް ބޭނުންވާ ފަންނީ މުވައްޒަފުން ދެނެގަތުމަށާއި، އާ ޕާޓްނަޝިޕްތައް އުފައްދައި، މާކެޓް ފުޅާކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.
ވަޒީފާގެ ފުރުޞަތުތަކާއި ވިޔަފާރި ކުރިއެރުވުމުގެ ޙަރަކާތްތައް ހިމެނޭހެން ބާއްވާ މި އެކްސްޕޯގެ މަޤުޞަދަކީ، ރާއްޖޭގެ ވިޔަފާރީގެ މާހައުލަކީ ހަރަކާތްތެރި މާހައުލަކަށް ހަދައި، ފަރުދުންނާއި ވިޔަފާރިތަކަށް އާ ފުރުޞަޠުތަކެއް ތަނަވަސްކޮށްދިނުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...