ޚަބަރު މާލެއިން ވިލިމާލެއަށް މީހަކާއެކު ޑްރޯނެއް ދަތުރުކޮށްފި
ޚަބަރު

މާލެއިން ވިލިމާލެއަށް މީހަކާއެކު ޑްރޯނެއް ދަތުރުކޮށްފި

މާލެއިން ވިލިމާލެއަށް މީހަކާއެކު ޑްރޯނެއް ދަތުރުކޮށްފި
މާލެއިން ވިލިމާލެއަށް މީހަކު އުދުހިފައި ދިއުމަށް ބޭނުންކުރި ޑްރޯން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މާލެއާއި ވިލިމާލެއާ ދެމެދު އަމިއްލަ މަތިންދާބޯޓެއްގައި މީހުންނާއެކު ކުރި ފުރަތަމަ ދަތުރުން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުން އާ ސަފުހާއެއް ހުޅުވިއްޖެ

ޗައިނާގެ ޓެކްނޮލޮޖީ ކުންފުންޏަކުން އުފައްދާފައިވާ، ކަރަންޓުން ދުއްވާ އަމިއްލަ ކުޑަ މަތިންދާބޯޓެއްގައި ރާއްޖޭގެ ދެ ރަށެއްގެ ދެމެދުގައި މީހުންނާއެކު ކުރި ފުރަތަމަ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައި، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.

"ކޫލްފްލައި އެއާކްރާފްޓް" ކުންފުނިން ނޮވެމްބަރު 23 ވަނަ ދުވަހު ހާމަކުރި ގޮތުގައި، އެންމެ މީހަކަށް އެރޭގޮތަށް، އެ ކުންފުނިން އުފައްދާފައިވާ "ޑްރީމް އެސްޓީ" މޮޑެލްގެ އިލެކްޓްރިކް ވަރޓިކަލް ޓޭކް-އޮފް އެންޑް ލޭންޑިންގ (eVTOL) ބޯޓު ވަނީ މާލެއާއި ވިލިމާލެއާ ދެމެދު ކަނޑުމަތިން ގާތްގަނޑަކަށް ތިން ކިލޯމީޓަރުގެ ރާސްތާއެއް ކާމިޔާބުކަމާއެކު ހުރަސްކޮށްފައެވެ.

ނޮވެމްބަރު 6 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ހަރަކާތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ދަތުރުތައް ކޮށްފައިވަނީ ކޫލްފްލައިގެ ތަމްރީނު ލިބިފައިވާ ޕައިލެޓެކެވެ.

މި ހަރަކާތުގެ ތެރެއިން ހުޅުމާލެ ފޭސް 1 ގައިވެސް މި ބޯޓު އުދުހުނުއިރު، މާލެއާއި ވިލިމާލެއާ ދެމެދު އެތައް ފަހަރަކު ވަނީ ދަތުރުކޮށްފައެވެ. މި ޙަރަކާތްތައް ބައްލަވާލެއްވުމަށް ސަރުކާރުގެ އެކި ވުޒާރާތަކާއި މުއައްސަސާތަކުގެ އިސް ބޭފުޅުން ވަޑައިގެންނެވިއެވެ.

"ޑްރީމް އެސްޓީ" އަކީ އާދައިގެ މަތިންދާބޯޓުތަކާ ޚިލާފަށް، ރަންވޭއެއް ބޭނުންނުކޮށް ސީދާ މައްޗަށް އުދުއްސާލައި އަދި ތިރިކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓެކެވެ. ކޫލްފްލައި އިން ބުނާ ގޮތުގައި، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މި ބޯޓުގައި ވަކިވަކި އަށް މޯޓަރާއި، ދެ ފްލައިޓް ކޮންޓްރޯލް ސިސްޓަމްގެ އިތުރުން މައި ބެޓެރީއާއި ބެކަޕް ބެޓެރީ ހިމެނެއެވެ. މި ޑްރޯނަކީ މިއަހަރު ބޭއްވި މޯލްޑިވްސް އެކްސްޕޯގެ އިންޓަރނޭޝަނަލް ޑިސްޓްރިކްޓުގައި ދައްކާލަން ބެހެއްޓިފައިހުރި ޑްރޯނެކެވެ.

އާދަޔާޚިލާފު ޤުދުރަތީ ރީތިކަމެއް ލިބިފައިވާ، ހާހަކަށްވުރެ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ރާއްޖޭގައި މިފަދަ އުޅަނދުތައް ބޭނުންކުރަން ފެށުމަކީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއަށް އަންނާނެ ބޮޑު އިންޤިލާބެކެވެ. މީގެ ތެރޭގައި މަތިން މަންޒަރުތައް ބަލާލުމާއި، ރިސޯޓުތަކުގައި ކުރިއަށްގެންދާ ފްލައިޓް އެކްސްޕީރިއަންސްތަކާއި، ޔޮޓް ފަދަ އުޅަނދުތަކާ ގުޅުވައިގެން ކުރިއަށްގެންދާ މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ހިމެނެއެވެ.

މި ދަތުރުގެ ތެރެއިން ކޫލްފްލައި އިން ވަނީ ރާއްޖޭގެ އޭވިއޭޝަން ކުންފުންޏެއް ކަމަށްވާ "ސްކައިލިންކް އޭވިއޭޝަން" އާއެކު އިސްތިރާޖީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި "ޗައިނާ-މޯލްޑިވްސް ބިޒްނަސް ގޭޓްވޭ އެސޯސިއޭޝަން" އާއެކު ފަހުމުނާމާއެއްގައިވެސް ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގެ މަޤުޞަދަކީ މިފަދަ އުޅަނދުތައް ރާއްޖޭގައި އޮޕަރޭޓްކުރުމަށް ބޭނުންވާ ހުއްދަތައް ހޯދުމާއި ވިޔަފާރީގެ އުޞޫލުން މި ޚިދުމަތް ފެށުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމެވެ.

މިއީ ޓެކްނޮލޮޖީގެ ގޮތުން ލިބުނު ބޮޑު ކުރިއެރުމެއް ނަމަވެސް، މިފަދަ އުޅަނދުތައް ޢާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއަށް ވެއްދުމުގެ ކުރިން، ކަމާގުޅޭ ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި އޮޕަރޭޝަނަލް ގޮތުން ބަލަންޖެހޭ ކަންކަން ބަލައި ކަށަވަރުކުރަން ޖެހޭނެއެވެ.

ކޮންމެއަކަސް، މި ކާމިޔާބު ދައްކާލުމަކީ ރާއްޖޭގެ މުސްތަޤުބަލުގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގައި، ކަރަންޓުން ދުއްވާ އަމިއްލަ މަތިންދާބޯޓުތަކަށް އޮތް ފުރުޞަޠުތައް ހާމަވެގެންދިޔަ ކަމެކެވެ.

ޓެގް

ޑްރޯން ދަތުރުފަތުރު ޓެކްނޮލޮޖީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.