Viyas
Viyas
ޚަބަރު
މީހުން
މަޢުލޫމާތު
ވިޔަފާރި
އާދަޔާޚިލާފު
ޚަބަރު
ދަނޑުވެރި އުފެއްދުންތަކަށް ޚާއްޞަކޮށް 'އިހުރު ބާޒާރު' ހުޅުވައިފި
ދަނޑުވެރި އުފެއްދުންތަކަށް ޚާއްޞަކޮށް 'އިހުރު ބާޒާރު' ހުޅުވައިފި

ދަނޑުވެރިންގެ އުފެއްދުންތައް ވިއްކަން ޚާއްޞަކޮށް 'އިހުރު ބާޒާރު' ގެ ނަމުގައި ބީސީސީން އއ.ތޮއްޑޫގައި މާރުކޭޓެއް ހުޅުވައިފިއެވެ. އެކަމަށްޓަކައި 22 އޮކްޓޫބަރު 2024 ވީ އަންގާރަ ދުވަހު ތޮއްޑޫގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައި އިހުރު ބާޒާރު ހުޅުއްވައިދެއްވީ ދިވެހިރާއްޖެއަށް ޖަޕާނު ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޗި މިޑޯރީއެވެ. މި ޕްރޮޖެކްޓަކީ ޔޫ.އެން.ޑީ.ޕީއާއި ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެކެވެ. އިހުރު ބާޒާރު ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރެޕްރެސެންޓިވްގެ އިތުރުން ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒިޔާއު މުޙައްމަދާއި ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިހް އާދަމް އާއި ތޮއްޑޫ ކައުންސިލް މެންބަރުންނާއި ތޮއްޑޫ ގައި ދިރިއުޅުއްވާ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދަނޑުވެރިކަމުގެ ދާއިރާގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރައްވާ ފަރާތްތަކަށް އިތުރު ފުރުޞަޠު ފަހިކޮށްދިނުމުގެ ގޮތުން ހުޅުވި މި މާރުކޭޓުގައި ތޮއްޑޫގައި ދަނޑުވެރިކަން ކުރައްވާ ފަރާތްތަކަށް ވިޔަފާރި އުސޫލުން 10 ކުށި (ކިއޮސްކު) ދޫކޮށްފައިވެއެވެ. މިއިން ކޮންމެ ކުށްޓެއްގައިވެސް ތޮއްޑޫ ދަނޑުވެރިން ހައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން އަގުއެއްކުރި ބާވަތްތައްވެސް ވިއްކަން ހުންނާނެއެވެ. މި ކުށިތައް ކުއްޔަށްހިފި ފަރާތްތަކަށް އަމާޒުކޮށް ބީސީސީން ވަނީ މޭވާގެ ބާވަތްތަކުން އަގުއެއްކުރި ތަކެތި އުފައްދާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ ދަންފަޅިއެއްވެސް ކާބޯތަކެތި ތައްޔާރު ކުރުމުގެ ތަޖުރިބާކާރެއްގެ އެހީގައި ކުރިއަށް ގެންގޮސްފައެވެ.

އިހުރު ބާޒާރު ހުޅުވުމުގެ އުފަލުގައި ދިވެހި ޘަޤާފީ ކުޅިވަރުތަކާއެކު އެރޭ ރޭގަނޑު ޚާއްޞަ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދާދިފަހުން ބީސީސީން ވަނީ ތޮއްޑޫގައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއްވެސް ހުޅުވާފައެވެ. މިފިހާރަވެސް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

މިލިޔުމާ ގުޅުންހުރި