ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ އިގުތިސާދީ މަސައްކަތްތަކާއި، އެ މަސައްކަތްތައް ކުރައްވާ ފަރާތްތަކުގެ ޢަދަދުތަކާއި މިންތީގެ ނިސްބަތުގެ އިތުރުން މިފަދަ ގިނަ މަޢުލޫމާތު ހޯދައި އެއްކުރުމުގެ މަސައްކަތް "ދިވެހިރާއްޖޭގެ އިގުތިސާދީ ފުރަމަލަ 2025" ގެ ނަމުގައި ތަޢާރަފު ކޮށްފިއެވެ. މިކަމަށްޓަކައި 2024 ނޮވެމްބަރު 1 ވަނަ ދުވަހުގެރޭ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ފުރަމަލަ އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަލްފާޟިލް މުޙައްމަދު ސަޢީދެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކުރިއަށް ގެންދާ މި ފުރަމަލައަކީ މުޅިރާއްޖެ ހިމެނޭހެން ގައުމީ މަސައްކަތެއްގެ ގޮތުގައި މުޅި ގައުމުގެ އިގުތިސާދީ ފުރަމަލައެއް ގާއިމުކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ދަށުން މައުލޫމާތު އެއްކުރުމަށް ޓަކައި އެކިއެކި އިދާރާތަކުން އެއްކޮށްފައި ހުރި މައުލޫމާތުގެ އިތުރުން، ބީސީސީގެ ޓީމުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް އެންމެ އަދާހަމަ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރާނެއެވެ. މި މަސައްކަތް އަމަލީގޮތުން ހއ އަތޮޅުގައި މި މަހުގެ ތެރޭގައި ފެށޭނެއެވެ. ބީސީސީގެ އަމާޒަކީ އަންނަ އަހަރުގެ މެދަކާ ހަމައަށް ދާއިރު މުޅި ރާއްޖޭގެ ފުރިހަމަ އިގްތިސާދީ ފުރަމަލައެއް އެކުލަވައިލައި އިފްތިތާހުކުރުމެވެ.
މި މަސައްކަތުގެ ސަބަބުން ގައުމެއް، ސިޓީއެއް، އަތޮޅެއް ނުވަތަ ރަށެއްގެ ނިސްބަތުން އެ ތަންތަން ހިންގުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކަށް އެންމެ ފުރިހަމަ މައުލޫމާތާއެކު ނިންމުންތައް ނިންމުމުގެ ފުރުސަތު ލިބޭނެއެވެ. ހަމައެއާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ވުނަ ކުރުމަށްވެސް މަގުފަހި ކޮށްދެވޭނެއެވެ. މިގޮތުން އެފަދަ ފަރާތްތަކަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ވުނަ ކުރުމަށް ޓަކައި ބޭނުންވާ އެންމެ ފުރިހަމަ މައުލޫމާތު ލިބި، ވުނަތަކަށް ފަހި މާޙައުލެއް ގާއިމު ކުރުމުގެ ފުރުސަތު މިކަމުގެ ސަބަބުން ފަހިވާނެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ސަޢީދު ދެއްކެވި ވާހަކަފުގައި، މި މަސައްކަތުގައި ވަރަށް ފަރުވާތެރިކަމާއިއެކު ކޮންމެ ރަށެއް ވަރަށް ރަނގަޅަށް މޮނިޓަރ ކުރެވި، ދިރާސާ ކުރެވިގެން އެރަށެއްގައި މިހާރު ހިނގާ އިގުތިސާދީ ހަރަކާތްތަކަކީ ކޮބައިކަމާއި އެރަށެއްގައި ކުރެވިދާނެ އިޤްތިޞާދީ ކަންތައްތަކަކީ ކޮބައިތޯ ބެލުމާއި ރާއްޖޭގައި އުފައްދާ އެކިކަހަލަ މުދާ ނުވަތަ އުފެއްދިދާނެ ތަކެތި އެކްސްޕޯޓްކުރުމަށްޓަކައި އެރަށެއްގައި ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިތޯ ބީސީސީން ވަރަށް ފަރުވާތެރިކަމާއެކު ބައްލަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިހް އާދަމް ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން އިތުރު އެހީތެރިކަމަށް ބޭނުންވާ ކުދި ވިޔަފާރިތައް ދެނެގަނެވި ޚާއްސަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެވޭނެ ކަމަށެވެ. އަދި މުސްތަޤްބަލުގައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ ޚިދުމަތްތައް ބައްޓަންވާނީ މި ފުރަމަލައިގެ މައްޗަށް ކަމަށާއި، މި މަސައްކަތް ނިމުމުން ރާއްޖޭގެ އިގުތިސާދަށް އޭގެ ފައިދާއާއި މަންފާ ވަރަށް ބޮޑުވާނެ ކަމަށާއި ވަކިން ޚާއްސަކޮށް އެހީތެރިކަމަށް ބޭނުންވާ ކުދި ވިޔަފާރިތައް ދެނެގަނެވި އެ ވިޔަފާރިތަކަށް އިތުރު އެހީ ފޯރުކޮށްދޭން ފަސޭހަވާނެ ކަމަށެވެ. ހަމައެހެންމެ އިޤްތިސާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އެހެން އިދާރާތަކަށްވެސް މީގެ ބޭނުން ހިފޭނެ ކަމަށްވެސް ސާމިޙް ވިދާޅުވިއެވެ.
ރާއްޖޭގެ އިގުތިސާދުގައި ކުޑަ މިންވަރަކަށް ނަމަވެސް ބައިވެރިވާ ކޮންމެ ފަރާތެއްވެސް ޝާމިލުވާ ފަދަ ފުރަމަލައެއް ތައްޔާރު ކުރުން މިއީ ބީސީސީގެ މުހިންމަތެކެވެ. ކޮންމެ ރައްޔިތެއްގެ، ކިތަންމެ ކުޑަ ނަމަވެސް އިގުތިސާދީ ކަމެއް ނަމަ އެ ކަމެއް ވެސް މި މަސައްކަތުގައި ގުނުމަށް ވަނީ ހަމަޖެހިފައެވެ.