ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުންދޭ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް އެއް މަންސައަކުން ފޯރުކޮށްދިނުމަށް ޚާއްޞަ އޮންލައިން ޕޯޓަލެއް 'ކުމެވި ޕޯޓަލް' ގެ ނަމުގައި އިފްތިތާޙު ކޮށްފިއެވެ. ބީސީސީން ދެމުން އަންނަ ޚިދުމަތްތައް ކަމަށްވާ، އޮތެންޓިކް މޯލްޑިވްސް، ސީޑް ބައި ބީސީސީ، ވިޔަފާރި ކޮންސަލްޓެންސީގެ ޚިދުމަތް، މަހަ ޕޯޓަލް، އަދި ކްރިއޭޓިވް އިކޮނޮމީ ފަންޑާއި އަމިއްލަ މަސައްކަތް ކުރައްވާ ފަރާތްތަކުގެ ދަފްތަރުގައި ހިމެނުމުގެ ފުރުޞަޠުވެސް ލިބޭނެއެވެ.
އޮތެންޓިކް މޯލްޑިވްސްގެ ސަޕްލަޔަރަކަށް ވާންއެދޭ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމާއި، ސީޑް ބައި ބީސީސީންދޭ ޚިދުމަތްތައް ކަމަށްވާ، މަސައްކަތު ޖާގަތައް ހޯދުމަށް އެދި ހުށަހެޅުމާއި، ވިޔަފާރި އެއް ފެށުމަށް ނުވަތަ ވިޔަފާރިއާ ބެހޭ ކަންކަމުގައި ތަޖުރިބާކާރުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ކޮންސަލްޓެންސީގެ ޚިދުމަތަށް އެދި ހުށަހެޅުމާއި، މަސްވެރި އުފެއްދުންތައް ވިއްކުމަށް ޚާއްޞަ މަހަ ޕޯޓަލްގެ ޚިދުމަތްތައް ހޯދުމަށާއި، އަމިއްލަ މަސައްކަތް ކުރައްވާ ފަރާތްތަކުގެ ދަފްތަރުގައި ހިމެނުމުގެ އިތުރުން ބީސީސީން ދާދިފަހުން ފެށި ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ޚިދުމަތް ހޯދުމަށްވެސް މީގެފަހުން ކުމެވި ޕޯޓަލް ބޭނުން ކުރެވޭނެއެވެ. މީގެކުރިން މި ޚިދުމަތްތަކަކީ ބީސީސީގެ ވެބްސައިޓުގައި ހިމެނިފައިވާ ވަކިވަކި ޚިދުމަތްތަކެކެވެ. ނަމަވެސް ކުމެވި ޕޯޓަލްއާއެކު އީފާސް މެދުވެރިކޮށް ލޮގްއިން ވެގެން އެ ހުރިހާ ޚިދުމަތެއްވެސް އެއް މަންސައަކުން ލިބޭނެ މަގު މިހާރު މިވަނީ ފަހިވެފައެވެ.
ބީސީސީގެ ވެބްސައިޓް www.bcc.mv އިން މިހާރު ކުމެވި ޕޯޓަލް ފެންނަން ހުންނާނެއެވެ. ބީސީސީން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ މަޤުޞަދުގައި އިފްތިތާޙްކުރި މި ޕޯޓަލްގެ މަސައްކަތަކީ ޔޫ.އެން.ޑީ.ޕީ އާއި ޖަޕާން ސަރުކާރުގެ އެހީތެރިކަމާއެކު ކުރެވުނު މަސައްކަތެކެވެ.
ކުމެވި ޕޯޓަލް އިފްތިތާޙް ކުރުމަށް 10 ޑިސެމްބަރ 2024 ގައި ބީސީސީގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާޙް ކުރެވުނީ ބީސީސީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ސުމޭކުކޮށެވެ.