Viyas
Viyas
ޚަބަރު
މީހުން
މަޢުލޫމާތު
ވިޔަފާރި
އާދަޔާޚިލާފު
ވިޔަފާރި
ފަންނުވެރި އިޤްތިޞާދަކަށް ދިވެހިރާއްޖެ ފަށާފައިވަނީ މުހިންމު ދަތުރެއް
ފަންނުވެރި އިޤްތިޞާދަކަށް ދިވެހިރާއްޖެ ފަށާފައިވަނީ މުހިންމު ދަތުރެއް

ދިވެހިރާއްޖޭގެ އިޤްދިޞާދު ސިންދަފާތުކޮށް އިތުރު ދާއިރާތަކުގެ މަސައްކަތްތަކުން ޢާމްދަނީގެ ފުރުޞަޠު ރައްޔިތުންނަށް ފަހިކޮށްދެއްވުމަކީ އަދުގެ ސަރުކާރުގެ ވަރަށްބޮޑު މުހިންމަތެކެވެ. އެގޮތުން ފަންނުވެރި އިޤްތިޞާދެއް ޤާއިމުކުރައްވައި، ފަންނުވެރިކަމާއި އުފެއްދުންތެރިކަމުގެ ދާއިރާއަކީވެސް ޤައުމީ އިޤްތިޞާދުގައި ބޮޑު ޙިއްސާއެއް އަދާކުރާ ދާއިރާއަކަށް ހެއްދެވުމަށްޓަކައި ޤައުމީ ސިޔާސަތެއް އެކުލަވާލައްވައި ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. މިކަމަށްޓަކައި ފަންނުވެރި އިޤްތިޞާދުގެ ކަންކަން ވިލަރެސް ކުރެއްވުމަށް "ނޭޝަނަލް ކްރިއޭޓިވް އިކޮނޮމީ ކޮމިޓީ" އެއް އުފައްދަވައި، ފަންނުވެރި އިޤްތިޞާދުގެ ކަންކަން ކުރިއަށް ގެންދަވާނެ ގޮތުގެ އިސްތިރާޖީ ރޭވުންތައް ރާއްވަވައި، އެކަން ހިންގަވާނެ ގޮތުގެ މާސްޓަރ ޕްލޭން ވަނީ މި ކޮމިޓީން އެކުލަވާލައްވައިފައެވެ.

މި ޕްލޭންގެ ތެރޭގައި ހިމެނިގެން ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު ވަނީ "މޯލްޑިވްސް ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2024 - 2028" ރަސްމީކޮށް ތަޢާރަފު ކުރައްވާފައެވެ. މިއީ ފަންނުވެރި އިޤްތިޞާދެއް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގައިވާ ފަދައިން، ފަރުދުންނަށް ބާރުވެރިކަން ހޯއްދަވައި ދެއްވުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯއްދެވުމާއި، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ފަންނާނުންނާއި، ކުރެހުންތެރިންނާއި، ވިޔަފާރިވެރިންނަށް އުފެއްދުންތެރި މަސައްކަތްތަކާއި އައު ގޮތްތައް ހޯއްދެވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރޭވިފައިވާ މަޝްރޫޢެކެވެ.

މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ހިންގަވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުންނެވެ. އެ ކުންފުނިން ވަނީ ފަންނުވެރި މަސައްކަތް ކުރައްވާ ފަރާތްތަކާއެކު ކްރިއޭޓަރސް ކޮންފްލުއެންސްގެ ނަމުގައި މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިލްސިލާ ބައްދަލުވުންތަކެއް ބާއްވައިފައެވެ. މި ބައްދަލުވުންތަކުގައި ބައިވެރިންގެ ފަރާތުން ލިބުނު ޚިޔާލާއި މަޝްވަރާގެ އަލީގައި ފަންނުވެރި އިޤްތިޞާދެއް ޤާއިމު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ބޭނުންވާ، ވަރަށް މުހިންމު މަޢުލޫމާތުތަކެއް ވަނީ އެއްކުރެވިފައެވެ.

އުފެއްދުންތެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ކޮންމެ ފަރުދަކީވެސް ކުޑަ ވިޔަފާރިވެރިއެކެވެ. އެވިޔަފާރިއަކީ މިހާތަނަށް އައި އިރު ކުރީގެ ސަރުކާރުތަކުން މާބޮޑު އަހަންމިއްޔަތުކަމެއް ދީފައިވާ ދާއިރާއެއްނޫން ނަމަވެސް، މިސަރުކާރުން އެދާއިރާއަށް އަޅައިލައި، އެދާއިރާގައި ކުރެވޭ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވަނީ 'ކްރިއޭޓިވް އިކޮނޮމީ ފަންޑު' ގެ ނަމުގައި ޚާއްޞަ ފަންޑެއް އިފްތިތާޙް ކުރައްވާފައެވެ. މި ފަންޑުގެ ދަށުން ފެށޭ ފުރަތަމަ ސްކީމް މިހާރު ވަނީ ފެށިފައެވެ. މި ސްކީމަކީ މިޔުޒިކާއި ފިލްމު އުފެއްދުމުގެ އިތުރުން އާޓް އެންޑް ކްރާފްޓްގެ ގޮތުގައި ގިންތިކުރެވޭ އެކި އުފެއްދުންތަކާއި، މީޑިއާ ކޮންޓެންޓް އުފެއްދުންފަދަ ޕްރޮޖެކްޓުތަކަށް މާލީ އެހީ ފޯރުކޮށްދޭ ސްކީމެކެވެ.  މިއީ ފަންނުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ފަންސާސް ހާސް ރުފިޔާއިން ފެށިގެން ތިންލައްކަ ރުފިޔާއާ ހަމައަށް ފައިސާގެ އެހީ ފޯރުކޮށްދެވޭ ސްކީމެކެވެ.  ފުރަތަމަ އަހަރު މި ފަންޑުން އެހީތެރިކަން ފޯރުކޮށްދޭނީ ފިލްމާއި މިއުޒިކް އުފެއްދުމުގެ މަޝްރޫޢުތަކަށާއި، އާޓްސް އެންޑް ކްރާފްޓްސް އަދި ކޮންޓެންޓް ކްރިއޭޝަންގެ މަޝްރޫޢުތަކަށެވެ. މިއީ އުފެއްދުންތެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ޒުވާނުން ވަރަށް ބޮޑަށް އެދިއެދި ތިބި ކަމެއްކަން ކުރިން ބޭއްވުނު ކްރިއޭޓަރސް ކޮންފްލުއެންސްތަކުން ވަނީ އެނގިފައެވެ. އެހެންކަމާއެކު މި ސްކީމް ތަޢާރަފު ކުރުމުން ފަންނުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ވަރަށްގިނަ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅުއްވަމުން އެބަގެންދަވައެވެ. މިއީ ފަންނުވެރި އިޤްތިޞާދެއް ޤާއިމު ކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. ފަންނުވެރި މަސައްކަތުގެ ދާއިރާއަކީ ވަރަށް ފުޅާ ދާއިރާއެކެވެ. މިހާރު ފެށިފައިވަނީ ފަންނުވެރި އިޤްތިޞާދުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ސްކީމް ނަމަވެސް މި ދާއިރާއަށް ޚާއްޞަކޮށް އިތުރު ސްކީމްތައްވެސް ކުރިއަށް އޮތްތަނުގައި ތަޢާރަފު ކުރެއްވުމަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުރައްވާނެ ކަމެކެވެ.

ފަންނުވެރި އިޤްތިޞާދުގެ އިސްތިރާޖީ މަސައްކަތު ޕްލޭނުގައި ހިމެނިގެން، ތަޢާރަފުކުރެވުނު ފަންޑަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ޤައުމުގެ ފަންނުވެރި ހުނަރުވެރިން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ކްރިއޭޓިވް އިކޮނޮމީ ނުވަތަ ފަންނުވެރި އިޤްތިޞާދު ތަރައްޤީކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމަކީ ދިވެހިރާއްޖެއަށް އިޤްތިޞާދީ ގޮތުންނާއި ޘަޤާފީ ގޮތުން ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ. އަދި މިކަމުގެ ސަބަބުން މިހާރުވެސް ދިވެހި އިޤުތިޞާދުގެ މުހިންމު އެހެން މަސައްކަތްތައް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށްވެސް ފައިދާ ލިބޭނެއެވެ. ކޮންޓެންޓް އުފެއްދުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުން އުފައްދަވާ ކޮންޓެންޓްތަކުގެ ތެރޭގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި މިނޫނަސް ވިޔަފާރީގެ އެކިއެކި ދާއިރާތައް އިޝްތިހާރުވާފަދަ އުފެއްދުންތައް މިހާރުވެސް އަންނަނީ އުފައްދަމުންނެވެ. މިއީ ފަންނުވެރި އިޤްތިޞާދުގެ ސަބަބުން ދިވެހިރާއްޖޭގެ މުޅި އިޤްތިޞާދަށްވެސް ލިބޭ މުހިންމު ކުރިއެރުމެއްކަން ޔަޤީނެވެ.

ކިޔުންތެރިންގެ ހިޔާލު

މިލިޔުމާ ގުޅުންހުރި