Viyas
Viyas
ޚަބަރު
މީހުން
މަޢުލޫމާތު
ވިޔަފާރި
އާދަޔާޚިލާފު
ވިޔަފާރި
މިހާރު ނަން މަޝްހޫރު ވިޔަފާރިތަކުން އެންމެފުރަތަމަ ކުރީ ކޮންކަމެއްކަން އެނގޭތަ؟
މިހާރު ނަން މަޝްހޫރު ވިޔަފާރިތަކުން އެންމެފުރަތަމަ ކުރީ ކޮންކަމެއްކަން އެނގޭތަ؟

އަލަށް ވިޔަފާރިއެއް ފަށަން ޤަސްދުކުރާ މީހަކުނަމަ ތަފާތު އައުބާވަތެއްގެ ވިޔަފާރިއެއް ފެށުމަށް ވަރަށްބޮޑަށް އިސްކަންދެއެވެ. ވިޔަފާރި ފެށުމާމެދު ވިސްނާއިރު، ކުރާނީ ކޮންކަހަލަ ވިޔަފާރިއެއް ކަމާމެދު ވަރަށް ފުންކޮށް ވިސްނާ ވިސްނުންތައް ގިނަވަނީ، ވަރަށްމޮޅު ވަރަށް ފުރިހަމަ އަދި އެހެން މީހުން ނުކުރާ ބާވަތެއްގެ ވަރަށް ތަފާތު ވިޔަފާރިއެއް ކުރާނަމޭ ހިތުގައި އޮންނާތީއެވެ. އަދުގެ ދުނިޔޭގައި ވިޔަފާރިއެއް ހިންގުމަކީ މާ އުނގަދޫ ކަމެއް ނޫންނަމަވެސް، ކުރިން ވިޔަފާރިއެއް ނުކުރާ މީހަކަށް ވިޔަފާރިއެއް ފެށުމަކީ ގިނަފަހަރަށް ގޮންޖެހުން ބޮޑު ކަމެއްކަމަށް ވެއެވެ. އެއީ ކުރިން މިދެންނެވި ސަބަބާ ހުރެއެވެ. ނަމަވެސް އަލަށް ވިޔަފާރި ފަށާއިރު އެއީ އެންމެ ފުރިހަމަ އަދި އެންމެ ތަފާތު ވިޔަފާރިއަށް ނުވިޔަސް، އެވިޔަފާރި ފަށައިގެން ވިޔަފާރީގެ ތެރޭގައި އުޅެން ފެށުމުން ކުރިން ނާންނަ ޚިޔާލުތައް އައިސް، ކަސްޓަމަރުން އެންމެ ބޭނުންވާ ބާވަތްތަކުގެ ވިޔަފާރިއަކީ ކޮބައިކަން ދޭހަވެ ފަހުމްވާން ފަށައެވެ. އެހިސާބުން އެވީ ވިޔަފާރި ސިންދަފާތުކޮށް އެހެން ދާއިރާތަކުގައިވެސް އިންވެސްޓްކޮށް ވިޔަފާރި ފުޅާ ކުރާށެވެ. ޤަބޫލްކުރަންޖެހޭ ކަމަކީ ނުފަށާ އޮތް ވިޔަފާރިއެއް ފުޅާ ނުކުރެވޭނެ ކަމެވެ. އާދައިގެ ގޮތަކަށް ފަށައިގެން ކުރިއަރުވަމުން ގޮސް މިއަދު ދުނިޔޭގައި ނަންހިނގާ ވިޔަފާރިތައް ބައިވަރު އެބަހުއްޓެވެ.

އެގޮތުން ބަލާއިރު މިއަދު ދުނިޔޭގައި ނަން މަޝްހޫރު ސެމްސަންގ ކުންފުންޏަކީ ފާހަގަކޮށްލެވޭ އެއްކުންފުންޏެވެ. ސެމްސަންގުގެ ނަން މިހާރު ގުޅިފައިވަނީ އެންމެފަހުގެ ޓެކްނޮލޮޖީގެ އުފެއްދުންތައް ކަމަށްވިޔަސް ސެމްސަންގުން ވިޔަފާރީގެ މައިދާނަށް ނިކުމެ އެންމެފުރަތަމަ ކުރީ އާދައިގެ ކަންމަތީ ފިހާރައެއްފަދަ ފިހާރަ ހިންގުމުގެ ވިޔަފާރިއެވެ. އެގޮތުން ނޫޑްލްސްއާއި ތަރުކާރީގެ އިތުރުން މޭވާއާއި މަހުގެ ބާވަތްތައް ވިއްކުމަކީ ސެމްސަންގުން އެންމެ ފުރަތަމަ ކުރި ވިޔަފާރިއެވެ.

ލަމްބޮގިނީއަކީ މިއަދު ކާރު އުފެއްދުމުގައި ވަރަށް ކުރިއަރާފައިވާ ނަން މަޝްހޫރު ކުންފުންޏެކެވެ. ޖީލަކަށްފަހު ޖީލަކަށް ކަމުދާނެ ގޮތަށް ލަމްބޮގިނީން އަންނަނީ ކާރު އުފައްދަމުންވެ. އެވިޔަފާރީގައި މިއަދު ކިތަންމެ އުހަކަށް އަރާފައިވިޔަސް ލަމްބޮގިނީން ވިޔަފާރީގެ މައިދާނަށް ނިކުމެ އެންމެފުރަތަމަ އުފައްދަންފެށީ ޓްރެކްޓަރެވެ. ޓްރެކްޓަރު އުފެއްދުމުގެ ވިޔަފާރި ކާމިޔަބު ކަމާއެކު ކުރިއަށް ގެންގޮސް ޒަމާނާއެކު ތަރައްޤީ ކުރަމުންއައި މިއަދު އެއީ ލަގްޒަރީ ބްރޭންޑެއްގެ ގޮތުގައި ގިނަބަޔަކު ބަލައިގެންފައިވާ އަގުބޮޑު ކުންފުންޏެކެވެ.

ސޮނީ ކުންފުންޏަކީ މިއަދު ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ވިޔަފާރި ހިންގާ ކުންފުންޏެކެވެ. އެކުންފުނި އަބަދުވެސް ޚާއްޞަވެފައި އޮތީ އިލެކްޓްރޯނިކް އާލާތްތައް އުފެއްދުމަށެވެ. އެގޮތުން 1946 ވަނަ އަހަރު ސޮނީ ކުންފުނިން ވިޔަފާރި ފެށީ އެކުންފުނިން އުފެއްދި ރައިސް ކުކަރގެ ވިޔަފާރިންނެވެ. ރައިސް ކުކަރ ވިޔަފާރިން ލިބުނު މަންފާއިން އިތުރު ބާވަތްތައް އުފައްދައި ވިޔަފާރީގެ މައިދާނުގައި ސޮނީ ކުންފުނިން ރަނގަޅަށް ސާބިތުވެލިއެވެ. ސޮނީއަކީ ވިޔަފާރި ފެށީއްސުރެ މިއަދާ ހަމައަށްވެސް ކާމިޔާބު ވިޔަފާރިތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ.

މޮބައިލް ފޯނު އުފައްދާ ކުންފުނިތަކުގެތެ ލިސްޓެއް ލިޔާނަމަ ނޮކިޔާއަކީ އެލިސްޓުގައި ނުހިމެނި ނުދާނެ ކުންފުންޏެއްކަން ގައިމެވެ. ނަމަވެސް 1865 ވަނަ އަހަރު ނޮކިޔާއިން އެންމެފުރަތަމަ ވިޔަފާރީގެތެރޭގައި ޙަރަކާތްތެރިވާންފެށީ ފޯނު އުފައްދައިގެނެއްނޫނެވެ. ނޮކިޔާއިން އެންމެފުރަތަމަ އުފެއްދީ ޓޮއިލެޓް ޕޭޕަރެވެ. އެއީ އަބަދުވެސް މީހުން ބޭނުންކުރާނެ ބާވަތެއް ކަމަށް ދެކި އެވިޔަފާރި ނޮކިޔާއިން ކުރީ ކާމިޔާބު ވިޔާފާރިއެއްގެ ގޮތުގައެވެ.

ދަތް އުނގުޅާ ބޭހުގެ ގޮތުގައި ރާއްޖޭގައިވެސް އެންމެ މަޝްހޫރު އެއް ބްރޭންޑަކީ ކޮލްގެޓެވެ. އެއީ އެކުންފުނީގެ ނަމެވެ. ނަމަވެސް އެކުންފުނިން ކޮލްގެޓްގެ ނަމުގައި ދަތް އުނގުޅާ ބޭސް އުފެއްދުމުގެ ކުރިން އުފެއްދީ ސައިބޯންޏާއި އުއްބައްތިއެވެ. މިބާވަތްތައް އުފައްދާތާ އެތައް އަހަރެއްފަހުން ދަތް އުނގުޅާ ބޭސް އުފެއްދުމުން ވިޔަފާރީގައި ލިބުނު ކާމިޔާބީގައި ކުރިއަށް ގޮސް އަދިވެސް ކޮލްގެޓަކީ ވިޔަފާރީގައި ކާމިޔާބު ނަމެއްގެ ގޮތުގައި ދެމިއޮތް ނަމެކެވެ.

ފަރުނީޗަރުގެ ވިޔަފާރީގައި ރަނގަޅު ފެންވަރެއްގެ ވިޔަފާރިއެއް ކުރަމުން އަންނަ އައިކިޔާ އަކީ މިއަދު ގިނަބައެއްގެ މެދުގައި މަޤުބޫލު ކުންފުންޏެކެވެ. އެކުންފުނިވެސް ފުރަތަމަ އުފެއްދީ ފަރުނީޗަރެއް ނޫނެވެ. އައިކިޔާއިން ފުރަތަމަ އުފެއްދި ޕްރޮޑަކްޓްކީ ގަލަމެކެވެ. އައިކިޔާ ގަލަމަކީ އޭރު ޢާންމުންގެ މެދުގައި މަޤުބޫލުވި އުފެއްދުމެކެވެ. ނަމަވެސް ވިޔަފާރި ފުޅާކޮށް ސިންދަފާތު ކުރުމަށް އައިކިޔާއިން ނިންމައި ފަހުން ފަރުނީޗަރު އުފެއްދުމުގެ ވިޔަފާރީގެ ތެރެއަށްވަދެ އެކަމުގައި މިއަދުވެސް ކާމިޔާބުކަމާއެކު އެދަނީ ކުރިއަށެވެ.

ދުނިޔޭގެ އެންމެ ލަގްޒަރީ ބްރޭންޑްތަކުގެ ކާރު ބްރޭންޑަކީ ކޮބައިތޯ އަހަފިނަމަ ގިނަ މީހުންނަށް ބުނެވޭނީ ބީ.އެމް.ޑަބްލިޔު ކަމުގައެވެ. ނަމަވެސް ދެނަހުރީމުހެއްޔެވެ. ބީ.އެމް.ޑަބްލިޔު ކާރު އުފެއްދުމުގެ ކުރިން އެކުންފުންޏަކީ މަތިންދާބޯޓުތަކުގައި ބޭނުންކުރާ އިންޖީނު އުފެއްދި ކުންފުޏެކެވެ. އެވިޔަފާރީގައިވެސް ކާމިޔާބެވެ. އަދި މިހާރު ކާރު އުފެއްދުމުގައިވެސް ކާމިޔާބެވެ.

އޮންލައިން ވިޔަފާރި ކުރުމަކީ މިއަދު ވަރަށް ގިނަމީހުން ކުރަމުން އަންނަ ވިޔަފާރިއެކެވެ. ދުނިޔޭގެ އެންމެ ފުޅާދާއިރާއެއްގައި އޮންލައިން ވިޔަފާރި ހިންގާ އެއް ކުންފުންޏަކީ އެމޭޒަންއެވެ. މިހާރު އެމޭޒަންއިން ތަފާތު ބާވަތްތަކުގެ އެއްޗެހި އޮންލައިންކޮށް ގަންނަން ލިބެން ހުއްޓަސް އެމޭޒަންއިން އެންމެފުރަތަމަ ކުރީ އޮންލައިންކޮށް ފޮތް އެކަނި ވިއްކާ ވިޔަފާރިއެވެ.

ވިޔަފާރިއެއް ފަށަން ބޭނުންވާ މީހާ، އެންމެ ބޭނުންވާ ފެންވަރުގެ ބޮޑު ވިޔަފާރިއެއް ފެށޭވަރަށް އަތުގައި ފައިސާ ނެތަސް، އަތުގައި ހުރި ފައިސާއަކުން ފެށޭވަރުގެ ކަމެއް ފަށައިގެން ކުރިއަށް ދިއުމަކީ ރަނގަޅު ކަމެއްކަން މަތީގައި ބަޔާން ކުރެވުނު ވިޔަފާރިތަކުން މިސާލު ކޮށްދެއެވެ. ކުޑަކުޑަކޮށް ފަށާ ވިޔަފާރިވެސް ވަޤުތާ ޙާލަތާއެކު ކުރިއަރުވައި ތަރައްޤީ ކުރުމަކީ ވިޔަފާރި ފެށުމަށްފަހު ކުރެވިދާނެ ކަމެއްކަން ދަންނަވާނެއެވެ. ޚިޔާލުގައި އޮތް ފެންވަރުގެ މޮޅު، އެހާ ބޮޑު ވިޔަފާރިއެއް ފުރަތަމަ ފަށައިގަންނައިރު ނުފެނުނަސް، ވިޔަފާރި ފެށިދާނެއެވެ. ކުރިއަށްދާން ބޭނުންވަނީ ގަދަ ހިތްވަރާއި ކެރުންތެރިކަމެވެ. އަދި ވަރުގަދަ ޢަޒުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

މިލިޔުމާ ގުޅުންހުރި