Viyas
Viyas
ޚަބަރު
މީހުން
މަޢުލޫމާތު
ވިޔަފާރި
އާދަޔާޚިލާފު
އާދަޔާޚިލާފު
ހާލެއްގެ ސިފައިގައި ހަދާފައިވާ އެންމެ ބޮޑު ޢިމާރާތް
ހާލެއްގެ ސިފައިގައި ހަދާފައިވާ އެންމެ ބޮޑު ޢިމާރާތް

ތަފާތު ފަރުމާތަކަށް ބިނާކޮށްފައިވާ ޢިމާރާތްތައް ދުނިޔޭގެ އެކި ގައުމުތަކުގައި ހުރެއެވެ. އެފަދަ ބައެއް ބިނާތަކަކީ އެންމެ ޒަމާނީ ގޮތްތައް ހިމަނައިގެން ފަރުމާ ކޮށްފައި ހުންނަ ތަންތަނެވެ. ބައެއް ޢިމާރާތްތަކަކީ އެ ޢިމާރާތުގެ ކޮންމެވެސް ސިފައެއްގެ ސަބަބުން ބޮޑު މަޤުބޫލުކަމެއް ލިބި ދުނިޔޭގެ ރެކޯޑު ފޮތުންވެސް ޖާގަ ހޯދާފައިވާ ތަންތަނެވެ.

ފިލިޕީންސްއަށް ދަތުރުކުރާ ފަތުރުވެރިންނަށް މިހާރު އެ ޤައުމުގެ ހައިލޭންޑްސްގައި ހުރި، ހާލެއްގެ ސިފައިގައި ޢިމާރާތް ކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު ޢިމާރާތުން ކޮޓަރިއެއް ބުކް ކުރެވިދާނެއެވެ. 6 ފަންގިފިލާ އެކުލެވޭ މި ޢިމާރާތުގެ އުސްމިނުގައި ގާތްގަނޑަކަށް 114 ފޫޓު ވަރު ހުރެއެވެ. އަދި މިތަނުގައި 15 ކޮޓަރި ހުރެއެވެ. މި ހުރިހާ ކޮޓަރިއެއްގައިވެސް އެއަރކޮންޑިޝަން ހަރުކުރެވިފައި ހުރެއެވެ. ނަމަވެސް ކޮޓަރިތަކުގައި ކުޑަދޮރެއް ނުހުރެއެވެ. އެއީ ޢިމާރާތުގައި ކުޑަދޮރު ހަރުކޮށްފިނަމަ ބޭރުން ޢިމާރާތް ފެންނައިރު ހާލުގެ ފަތްތަކުގެ ފަރުމާއަށް އަސަރުކޮށްފާނެތީއެވެ.

ނެގްރޯސް އޮކްސިޑެންޓަލް ކިޔާ ރަށުގައި ހުންނަ ކަމްޕުއެސްޓޯހަން ހައިލޭންޑް ރިސޯޓުގެ އުސް ބިންތަކުގެ މަތީގައި ހުންނަ މި ލޭންޑްމާކަށް 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 8 ވަނަ ދުވަހު ގިނިސް ވޯލްޑް ރެކޯޑްގެ ޝަރަފު ލިބުނެވެ. އެއީ ކުކުޅެއްގެ ސިފައިގައި ހުރި އެންމެ ބޮޑު ޢިމާރާތް ކަމުގެ ޝަރަފެވެ. މި ޢިމާރާތް މިހާ ތަފަތު ގޮތަކަށް ފަރުމާ ކުރި ރިކާޑޯ ކާނޯ ގްވާޕޯ ޓަން، މީޑިޔާއަށް ދީފައިވާ ބަސްދީގަތުމެއްގައި ބުނެފައިވަނީ، އޭނާ އަބަދުވެސް ބޭނުންވަނީ މީހުން އަޖާއިބުވާފަދަ ތަރިކައެއް އޭނާގެ ފަރާތުން ދުނިޔެއަށް ތަޢާރަފް ކުރުމަށް ކަމަށެވެ.

މިހާރު ޢުމުރުން 70 ގެ އަހަރުތައް ގުނަމުންދާ ކުރީގެ ސިޔާސީ ވެރިއަކު މިކަމާމެދު ބުނެފައިވަނީ އޭނާއަކީ އަދިވެސް ކުޑަކުއްޖެއްގެ އިޙްސާސްތައް ހުންނަ މީހެއް ކަމަށާއި، އެ ރިސޯޓަކީ އަބަދުވެސް އޭނާ އަންތަރީސް ކުރުވާފަދަ ތަފާތު ތަނެއް ކަމަށެވެ. ޓަން ބުނެފައިވަނީ އޭނާ މި ޢިމާރާތް ވަޤުފުކޮށްފައިވަނީ ފިލިޕީންސްގައި ދިހަހާހެއްހާ މީހުން ވަޒީފާ އަދާކުރާ ގޭމް ފައުލް އިންޑަސްޓްރީއަށް ކަމަށާއި، ކުކުޅުގެ ސިފައިގައި ހުރި މި ޢިމާރާތް އުފެއްދުމަށް އޭނާގެ ނިންމީ ނެގްރޯސްގެ މީހުންނަށް ކުކުޅުގެ މުހިންމުކަން ފާހަގަކޮށްދިނުމަށް ކަމަށެވެ.

ހާތެޅުވުން ނުވަތަ ފިލިޕީންސް ބަހުން ކިޔާ ގޮތުންނަމަ "ސަބޯންގް" ގެ ނަމުން މަޝްހޫރު މި ކުޅިވަރަކީ ފިލިޕީންސްގައި ސްޕެއިންގެ އިސްތިޢުމާރީ ވެރިކަމުގެ ކުރިން ފެށިގެން އައި އާދަކާދައެކެވެ. މި އާދަކާދައަށް ތައިލެންޑާއި އިންޑޮނޭޝިޔާގެ ރަށްފުށުގެ ސަރަޙައްދުތަކުގައި އަދިވެސް މަޤްބޫލުކަން ލިބިފައިވެއެވެ.

ހާތެޅުވުމަކީ ޓަން ނިސްބަތްވާ ޕްރޮވިންސްގައި އެތައް ބިލިއަން ޕެސޯއެއްގެ ވިޔަފާރިއެއްކަމަށް ވެފައި ވުމާއެކު ފިލިޕީންސްގައި މިހާރު އެކަން ބަލައިގަންނަނީ ޘަޤާފީ ކަމެއްގެ ގޮތުގައެވެ. އެއާއެކު ފަޚުރުވެރި ޝަރަފެއްގެ ގޮތުގައި ބެލެވޭ މިސާލީ މި ޢިމާރާތްވެސް މިހާރު އެކަމާ ގުޅިފައިވާ ކަމަށް ގިނަ ބަޔަކު ޤަބޫލް ކުރެއެވެ. ނެގްރޯސް އޮކްސިޑެންޓަލްގައި ހާތެޅުވުމުގެ ކުޅިވަރަށް ޚާއްޞަކޮށް ހާ ގެންގުޅެ ބޮޑުކޮށް ހެދުމަށް ޚާއްޞަ 2،000 އަށްވުރެ ގިނަ ގޭމް ފައުލް ބްރީޑިންގ ފާމު ހުރެއެވެ. އަދި މިއީ އެ ޕްރޮވިންސްގެ އެންމެ ކުރިއަރާފައިވާ ސިނާޢަތްތަކުގެ ތެރެއިން އެއް ސިނާޢަތް ކަމުގައި ވެފައިވެއެވެ.

ޖަނަވާރުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން އިޙްތިޖާޖުކުރަމުންދާއިރުވެސް، ފިލިޕީންސްގެ އެކި ކަންކޮޅުތަކުގައި ހުންނަ ހާ ތަޅުވާ ތަންތަނުގައި އެކަން ކުރިއަށްދާއިރު ސަޕޯޓަރުން ހަޅޭއްލަވައި ހިތްވަރުދެމުންދާއިރު، ދެ ހާލުންކުރެ އެއް ހާ މަރުވަންދެން ހަނގުރާމަކުރުވައި އެ ތަންތަނުން މިލިއަނުން ފައިސާ ހޯދައެވެ. ހަނގުރާމަވެރި ސިފަ ލިބިފައިވުމުގެ އިތުރުން، ޓަން ބުނެފައިވަނީ އެ ހާތަކަކީ "މަޑުމައިތިރި ނަމަވެސް ބާރުގަދަ ދޫނިތަކެއް" ކަމަށެވެ.

އަދި ޗުއްޓީ ދުވަސްވަރާ ދިމާކޮށް، ހާލުގެ ސިފައިގައި ހުރި ހޮޓަލުގައި 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ވަރަށްގިނަ ޢާއިލާތަކުން ޗުއްޓީ ހޭދަކޮށްލަން އައިސް ހޮޓަލުގެ ހުރިހާ ކޮޓަރިތަކެއް މުޅިން ފުރާލި ކަމަށް ޓަން ބުނެފައިވެއެވެ. ހާލުގެ ސިފައިގައި ހުރި ހޮޓަލުގައި 4 މީހުންނަށް ތިބެވޭ ގޮތަށް ހުންނަ ކޮޓަރިއެއްގެ އަގަކީ ގާތްގަނޑަކަށް 80 ޑޮލަރެވެ. އަދި 7 މީހުން ހިމެނޭ ބޮޑެތި ގްރޫޕްތަކަށް ގާތްގަނޑަކަށް 120 ޑޮލަރަށް ދޫކުރާ ކޮޓަރި ހުންނާނެ ކަމަށް އެ ހޮޓަލުގެ ފޭސްބުކް ޕޭޖުގައިވާ އަގުތަކުން ދައްކައެވެ.

ޓަންގެ އަންހެނުން، އަނީތާ، އެތައް އަހަރެއް ކުރިން މި ބިން ގަތްއިރު އެއީ ހިމޭންކަމާއެކު އޮތް ފަރުބަދައެއްގެ މަތީގައިވާ ބިމެކެވެ. ނަމަވެސް 2010 ވަނަ އަހަރު 5 ހެކްޓަރުގެ މި ބިން ތަރައްޤީކުރަން ފެށުމަށްފަހު، މިހާރު އެ ރިސޯޓުގައި ދެ ބޮޑު ވޭވް ޕޫލާއި، ރެސްޓޯރަންޓަކާއި ކެފޭއެއްގެ އިތުރުން މެހުމާނުން މުނިފޫހިފިލުވުމަށް އެތައްސަތޭކަ ސާރުތަކާއި އެކިއެކި ކާޓޫނުތަކުގެ ސްޓެޗޫތައް ހުރެއެވެ.

މި ބޮޑު ހާލާ ހަމައަށް ދަތުރުކުރުމަކީ ދިގު ދަތުރެކެވެ. މިތަނަށް ދެވޭނީ 7،000 އަށްވުރެ ގިނަ ޖަޒީރާ ރަށްތައް ހިމެނޭ މި ޤައުމުގެ ނެގްރޯސް އޮކްސިޑެންޓަލްގައި ހުންނަ ބަކޮލޯޑް-ސިލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފިލިޕިންސްގެ މެނީލާ ނުވަތަ ސެބޫއިން ޑޮމެސްޓިކް ފްލައިޓެއްގައި ދަތުރުކޮށްގެންނެވެ. އެއަރޕޯޓުން ފެށިގެން ދަނޑުބިންތަކާއި އަރާފައިބާ މަގުތަކުން ގާތްގަނޑަކަށް 17 މޭލުގެ ދުރުމިނުގެ ރާސްތާއެއް މި ތަނަށް ދާން ކަޑައްތު ކުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

މިލިޔުމާ ގުޅުންހުރި