ޗައިނާގައި ޗެންގްޑޫ ސިޓީގައި، އިލެކްޓްރިކް ސްކޫޓަރެއްގައި ދުއްވާފައި ދިޔަ ޒުވާން ފިރިހެނަކު ޓްރެފިކް ލައިޓެއްގައި ޖެހި އެކްސިޑެންޓް ވުމަށްފަހު އޭނާގެ ބޯ ޓްރެފިކް ލައިޓުގައި ތާށިވެއްޖެއެވެ. ގާތްގަނޑަކަށް އެއް ގަޑިއިރު ވަންދެން އޭނާގެ ބޯ ޓްރެފިކް ލައިޓުގައި ތާށިވެފައި އޮތް މަންޒަރު ފެންނަ ވީޑިއޯ ވަނީ މީސްމީޑިޔާގައި ވަރަށް ބޮޑަށް ވިރާލް ވެފައެވެ.
މިއީ ޗައިނާގެ މީސް މީޑިއާގައި މިދިޔަ އޮގަސްޓް މަހު އެންމެ ބޮޑަށް ސަމާލުކަން ލިބުނު، ހައިރާންކުރުވަނިވި އަދި އާދަޔާ ޚިލާފު ޓްރެފިކް ހާދިސާއެވެ. މި ހާދިސާގައި ހިމެނޭ ޓްރެފިކް ލައިޓަކީ ވަގުތީ ގޮތުން އެތަނުގައި ބަހައްޓާފައި ހުރި އެއްޗެކެވެ. މި އެކްސިޑެންޓާ ގުޅިގެން، އެ މީހާގެ ބޯ ޓްރެފިކް ލައިޓުގެ ތެރެއަށް ވަދެ ތާށިވެފައި ހުރި ގޮތާމެދު ގިނަ ބަޔަކުވަނީ ހައިރާން ވެފައެވެ. މި އާދަޔާ ޚިލާފު ހާދިސާއިން އޭނާ ސަލާމަތްކުރުމަށް ފަޔަރ ފައިޓަރުން އެތަނަށް ގެނެވުނެވެ. ނަމަވެސް، މިކަން ކުރަން ފަސޭހައެއް ނުވިއެވެ. އެހެނީ ފުރަތަމަ އެހީތެރިވި ފަރާތްތަކުން ވެސް އެ މީހާގެ ބޯ ރައްކާތެރިކަމާއެކު އެތަނުން ނެރުމަށްޓަކައި، ޓްރެފިކް ލައިޓުގެ މެޓަލް ކޭސިންގ ކަނޑަން ގާތްގަނޑަކަށް 40 މިނެޓު ހޭދަކުރަން ޖެހުނެވެ. އޭގެ ފަހުން އެ މީހާ ގެންދެވުނީ ހޮސްޕިޓަލަކަށެވެ. އޭނާއަށް ފުރިހަމަ ފަރުވާލިބި ޢާންމު ޙާލަތަކަށް ގެނެސްދިނީ އެ ހޮސްޕިޓަލުންނެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން އޮންލައިންގައި މަންސަތަކުގައި މީހުން ދެއްކި ވާހަކަތަކާއި، އެކި މީސްމީހުން އެކަމަށް ޖެހި ޖޯކުތަކާއި ފުރައްސާރައާއި މަލާމާތުން އަރައިގަތުމަކީ އޭނާއަށް މާ އުނދަގޫ ކަމަކަށް ވާނެއެވެ.
މީސްމީޑިޔާގައި މިކަމާމެދު މަޖާކޮށް ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ މީގެފަހުން އެމީހާއަކީ ޓްރެފިކް ލައިޓުގެ ފެހި ބޮކި ކަމުގައެވެ.