ބޮލީވުޑްގެ ފިލްމީތަރި ކާޖަލް، 2025 ވަނަ އަހަރުގެ މަހާރާޝްތުރާ ސްޓޭޓް ފިލްމް އެވޯޑްސްގައި މީޑިއާއާ ވާހަކަ ދެއްކިއިރު ހިންދީ ބަހުން ވާހަކަ ދައްކަން ދެކޮޅު ހެދުމުން ބެލުންތެރިންގެ މެދުގައި ބޮޑު ބަހުސެއް އުފެދިއްޖެއެވެ. އިންޑިއާގެ ސިނަމާއަށް ކޮށްފައިވާ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ލިބުނު ޝަރަފުވެރި ރާޖް ކަޕޫރު އެވޯޑާ ޙަވާލުވުމަށްފަހު، ކާޖަލް އޭނާގެ މާދަރީ ބަސް ކަމަށްވާ މަރާތީ ބަހުންނާއި، އިނގިރޭސި ބަހުން ވާހަކަ ދެއްކި އެވެ. ނަމަވެސް އަދިވެސް ގިނަ ބަޔަކަށް އަންގައި ދިނުމަށްޓަކައިި އޭނާގެ ވާހަކަ ހިންދީ ބަހުން ތަކުރާރުކޮށްދިނުމަށް ރިޕޯޓަރަކު އެދުމުން، ކާޖަލް ވަރަށް ހިތްހަމަނުޖެހިފައި ޖަވާބު ދިނެވެ. "އަހަރެން މިހާރު ހިންދީ ބަހުން ވާހަކަ ދައްކަންވީ ހެއްޔެވެ؟ އެނގޭނެ މީހަކަށް އެނގޭނެއެވެ."
މި ޖަވާބާ ގުޅިގެން މީސް މީޑިއާގައި ވަރަށް ބޮޑަށް ބަހުސް ހޫނުވިއެވެ. ގިނަ ބަޔަކު ކާޖަލަށް ފާޑުކިޔަމުން ދިޔައީ، އެމީހުން ދެކޭ ގޮތުގައި، އޭނާ އެހެން އެހެދީ، ބޮލީވުޑް ފިލްމުތަކުގެ ބަސް ކަމަށްވާ ހިންދީ ބަހަށް ކުޑައިމީސްކޮށް، ބޮޑާކަން ދެއްކުމަށްޓަކައެވެ. ބައެއް މީހުން ސުވާލު އުފެއްދީ، އާންމުކޮށް ހިންދީ ބަހުން ވާހަކަ ދައްކަން އުނދަގޫވާ ނަމަ، އޭނާ ހިންދީ ފިލްމުތަކުގައި މަސައްކަތް ކުރަމުން ދަނީ ކީއްވެތޯއެވެ. އަނެއް ބަޔަކު ބުނީ، މަރާތީ ބަހަށް މާ ބޮޑަށް ލޯބިކުރާ ނަމަ، ހަމައެކަނި މަރާތީ ސިނަމާއަށް އޭނާގެ މަސައްކަތްތައް އަމާޒު ކުރުން ރަނގަޅު ކަމަށެވެ.
ކާޖަލަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ އޭނާގެ އެ ޢަމަލު ދިފާއުކޮށް ވާހަކަ ދައްކާފައެވެ. އެމީހުން ބުނީ އެއީ މަހާރާޝްތުރާ ސްޓޭޓްގެ ހަފްލާއެއް ކަމަށްވާތީ، މަރާތީ ބަހުން ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށެވެ. އަދި އެމީހުން ވަނީ އެގައުމުގެ ބަސްބަހަށާއި ސަގާފަތަށް އިޙްތިރާމް ކުރުމަށް ގޮވާލައި، ހިންދީ ބަހަކީ އެންމެންގެ ބަހަކަށް ހެދުމަށް މަސައްކަތް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
މި ހާދިސާއިން ވަނީ އިންޑިއާގައި ބަހަށް އިސްކަންދޭ ގޮތާ ބެހޭ ގޮތުން ހިނގަމުންދާ ކުދިކުދި ދެބަސްވުންތައް ހާމަކޮށްދީފައެވެ. އަދި މީސް މީޑިއާގައި މިކަމާ ބެހޭ ގޮތުން ދެފަރާތަށް ބެހިފައިވާ ރައުޔުތަކެއް ވަނީ ފާޅުވެފައެވެ. ކާޖަލްގެ ބަސްކޮޅު ކަމަށްވާ "އެނގޭނެ މީހަކަށް އެނގޭނެއެވެ." މި ބަސްކޮޅު ވަނީ މި ޚިޔާލު ތަފާތުވުމުގެ ރަމްޒަކަށް ވެ، ބޮލީވުޑްގެ ތެރޭގައި އަދި އިންޑިއާގައި ވެސް ބަހުގެ އައިޑެންޓިޓީގެ ސިންދަފާތު ދަތުރު ދައްކުވައިދޭ އެއްޗަކަށް ވެފައެވެ.