Viyas
Viyas
ޚަބަރު
މީހުން
މަޢުލޫމާތު
ވިޔަފާރި
އާދަޔާޚިލާފު
ވިޔަފާރި
އެމް.އެސް.އެމް.އީ އެވޯޑަށް ފޯމު ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފި
އެމް.އެސް.އެމް.އީ އެވޯޑަށް ފޯމު ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފި

ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް (ކުމެވިތައް) ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)އިން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާ ގުޅިގެން ދިނުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑްސް 2025" އަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މި އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުގެ 23:59 އާ ހަމައަށް އިތުރުކޮށްފިއެވެ. އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަޠު ކުރިން އޮތީ 2 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެރޭ ހަމަވާ ގޮތަށެވެ. ނަމަވެސް އެކި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އިތުރު ފުރުޞަޠެއް ފަހިކޮށްދިނުމުގެ ގޮތުން އެ ސުންގަޑި މިހާރުވަނީ އިތުރު 7 ދުވަހުގެ މުއްދަތަށް އިތުރު ކުރެވިފައެވެ.

މި އެވޯޑަކީ ވިޔަފާރީގެ ރޮގުން ޚާއްސަ ކާމިޔާބީތައް ހޯދާ ފަރާތްތައް ފާހަގަކުރުމަށްޓަކައި، އަހަރަކު އެއް ފަހަރު ބީ.ސީ.ސީ އިން ދިނުމަށް ހަމަޖެހިފައިވާ ޚާއްސަ އެވޯޑެކެވެ. އެގޮތުން ފަނޑިޔާރުން ހޮއްވަވާ 13 ގިންތިއަކާއި، ޢާންމުންގެ މަޤުބޫލުކަމާއެކު ހޮވާ 11 ގިންތިއަކަށް ފޯމު ހުށަހެޅޭނެއެވެ. މި އެވޯޑާބެހޭ އުޞޫލު ބީސީސިން މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ. އެވޯޑަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ބީސީސީއިން އެކަމަށް ޓަކައި ޚާއްޞަ ކޮށްފައިވާ އޮންލައިން ޕޯޓަލް (https://msme.bcc.mv) މެދުވެރިކޮށެވެ.

މި އެވޯޑާއެކު ކުދި ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތައް އަގު ވަޒަންކުރެވި، އައު ބާޒާރުތަކަށް މަގުފަހި ވުމުގައި އިތުރު ބާރަކަށް ވެގެންދާނެ އެވެ. ދިވެހި މަސައްކަތްތެރިންނާއި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމާއި، ހުނަރު، އަދި ކުރިއެރުން ފާހަގަ ކުރުމަށް ޓަކައި އިތުރަށް މި ހުޅުވައިލެވުނު ފުރުސަތުގައި ވީހާވެސް ގިނަ ވިޔަފާރިތަކުން ބައިވެރިވުމަކީ ބީސީސީގެ ވަރަށް ބޮޑު އެދުމެކެވެ.

ގެޒެޓު ލިންކް: https://gazette.gov.mv/iulaan/358498

ކިޔުންތެރިންގެ ހިޔާލު

މިލިޔުމާ ގުޅުންހުރި