މިއަދުގެ ސުމޭކު ދުނިޔޭގައި، އޮންލައިން ޕޭމަންޓް ސިސްޓަމްތަކަކީ ބައިނަލްއަޤްވާމީ ވިޔަފާރިއާއި މާލީ ޝާމިލުވުމަށް ވަރަށް މުހިންމު އެއްޗެކެވެ. ދިވެހިރާއްޖޭގައި އުފެއްދުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރަމުން އައި އެއް ކަމަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ޕޭމަންޓް މަންސައެއް ކަމުގައިވާ ޕޭޕަލް ތަޢާރަފުކުރުމެވެ. މީގެކުރިން ދިވެހިންނަށް ޕޭޕަލް ބޭނުންކުރެވެނީ ހަމައެކަނި ފައިސާ ދެއްކުމަށެވެ. ނަމަވެސް ފައިސާ ލިބިގަތުމަށް ބޭނުމެއް ނުކުރެވެއެވެ. މިކަމުގެ ސަބަބުން ސަރަޙައްދީ ރޮނގު ހުރަސްކޮށް ކުރެވޭ މުޢާމަލާތްތަކުގެ މައްޗަށް ބަރޯސާވާ އަމިއްލަ މަސައްކަތްތެރިންނާއި، ވިޔަފާރިވެރިންނާއި އަދި ކުދި ވިޔަފާރިތަކަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ.
މިކަން ދެނެގަނެ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފުރިހަމައަށް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ފެށިއެވެ. އެމްއެމްއޭއިން ކަށަވަރުކޮށްދިނީ ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ދިނުމަށް ޤާނޫނީ ހުރަހެއް ނެތްކަމެވެ. އަދި މިހާތަނަށްވެސް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ނެތުމަކީ ޕޭޕަލް ކުންފުނިން އަމިއްލައަށް ނިންމާފައިވާ ވިޔަފާރީގެ ނިންމުމެއް ކަމުގައެވެ. 2024 ވަނަ އަހަރު، ސަރުކާރުން ޕޭޕަލްއާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ. އަދި ފުރިހަމަ އެކްސެސް ލިބޭނެ ގޮތް ހެދުމަށް އެއްބާރުލުން ދިނުމަށް ހުށަހެޅިއެވެ. 2025 ވަނަ އަހަރު، އެކަމަށް މުހިންމު ކުރިއެރުމެއް މިވަނީ ލިބިފައެވެ. އެއީ އޫރީދޫ ފިންޓެކް މޯލްޑިވްސްއިން ޕޭޕަލްއާއެކު ވެވުނު އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން ޕޭޕަލް، ރާއްޖޭގެ ޑިޖިޓަލް ވޮލެޓް އެމް-ފައިސާއާ އެކުވެގެންދާނެއެވެ. މި އިސްނެގުމުގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް މޯބައިލް ފޯނު މެދުވެރިކޮށް ސީދާ ބައިނަލްއަޤްވާމީ ފެންވަރުގައި ފައިސާ ފޮނުވައި އަދި ލިބިގަނެވޭނެއެވެ.
ޕޭޕަލް ތަޢާރަފުކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. މީގެ ސަބަބުން އުފެއްދުންތެރި މަސައްކަތްކުރާ އަމިއްލަ މަސައްކަތްތެރިންނާއި، ކުދި ވިޔަފާރިތަކުގެ ވެރިންނާއި، އަދި ކޮންޓެންޓް ކްރިއޭޓަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންގެ ފަރާތުން ފައިސާ ލިބިގަތުމުގެ ފުރުޞަޠު ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، އީ-ކޮމާސްގެ ކުރިއެރުމަށް މަގުފަހިވެ، މާލީ ޝާމިލުވުން އިތުރުވެ، އަދި ދިވެހިން ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދާ އިތުރަށް ގުޅިލާމެހިވެގެންދާނެއެވެ.
ދިވެހިރާއްޖެއަށް ޕޭޕަލް އައުމަކީ މާލީ ޒަމާނީކުރުމުގެ މުހިންމު ފިޔަވަޅެކެވެ. މި ޚިދުމަތް ފުރިހަމައަށް ތަންފީޒުކުރެވުމުން، ބައިނަލްއަޤްވާމީ މުުޢާމަލާތްތައް ފަސޭހަވެގެން ވެގެން ދިއުމުގެ އިތުރުން، ދުނިޔޭގެ ސުމޭކު ބާޒާރުގައި ރާއްޖޭގެ މަޤާމު އިތުރަށް ވަރުގަދަވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން އައު އީޖާދުތަކާއި، ވިޔަފާރިވެރިކަމާއި، އަދި އިޤްތިޞާދީ ކުރިއެރުމަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...