އާދަޔާޚިލާފު ބުރަކަށީގެ ރިހުން ކަނޑުވަން ކަމަށްބުނެ ދިރިދިރި އޮތް 8 ބޮއް ކާލައިފި
އާދަޔާޚިލާފު

ބުރަކަށީގެ ރިހުން ކަނޑުވަން ކަމަށްބުނެ ދިރިދިރި އޮތް 8 ބޮއް ކާލައިފި

frog-swallowing.jpg

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދާދިފަހުން ޗައިނާގެ މުސްކުޅި އަންހެނަކު ހޮސްޕިޓަލްގައި އެނދުމަތި ކުރެވުނީ ބުރަކަށީގެ ޑިސްކެއް ހަލާކުވެގެން އެކަމަށް ފަރުވާ ހޯދުމަށް ކަމަށްބުރެ ދިރިދިރި އޮތް 8 ބޮއް ދިރުވާލުމުގެ ސަބަބުންނެވެ.

ބުރަކަށީގެ ރިހުމަށް، ގިނަ މީހުން ތަދު ކަނޑުވާ ބޭސް ބޭނުންކުރުމާއި، ބައެއް ޒާތްޒާތުގެ ތެޔޮ އުނގުޅުން ނުވަތަ ޑޮކްޓަރަކަށް ދެއްކުން ފަދަ ކަންކަން ކުރާއިރު، ޗައިނާގެ ޖެޖިއާންގ ޕްރޮވިންސްގެ ހަންގްޒޯ ސިޓީގެ މުސްކުޅި އަންހެނަކު ނިންމީ އެންމެ ރަނގަޅު ގޮތަކީ ބޮއް ދިރުވާލުން ކަމަށެވެ. ދިރޭ ބޮއް ދިރުވާލުމުން ބުރަކަށީގެ ރިހުމަށް ލުޔެއް ލިބިދާނެ ކަމަށް ބުނާ ވާހަކައެއް އަޑުއިވުމާ ގުޅިގެން، ޒަންގް ނަމަކަށް ކިޔާ މި އަންހެންމީހާ އޭނާގެ ގާތްތިމާގެ މީހުންގާތު އެދުނީ މެދުމިނުގެ ސައިޒެއްގެ ބޮއްތަކެއް ހިފައިދިނުމަށެވެ. ނަމަވެސް އޭނާ އެ ބޮއްތަކާމެދު ކުރަން ގަސްތުކުރާ ކަމެއް އެ މީހުންގާތަކު ނުބުނެއެވެ. އޭނާ ފުރަތަމަ ދުވަހު ދިރޭ ބޮއް ދިރުވާލައި، ދެވަނަ ދުވަހު އިތުރު 3 ބޮއް ދިރުވާލިއެވެ. އޭގެފަހުން މާގިނަ ދުވަސްތަކެއް ނުވެ އޭނާގެ ބަނޑުގައި ވަރަށް ބޮޑަށް ރިހެން ފެށިއެވެ.

ފުރަތަމަ ޒަންގްއަށް އިހުސާސްކުރެވުނީ ކުޑަކޮށް ބަނޑަށް އުނދަގޫވާ ކަމެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ރިހުމުގެ ބާރު އިތުރުވަމުން ދިޔައެވެ. އެންމެ ފަހުން އިތުރަށް ތަހައްމަލު ނުކުރެވުމުން އޭނާ އޭނާގެ ޢާއިލާއަށް އިޢުތިރާފުވީ އޭނާ ދިރޭ 8 ބޮއް ދިރުވާލި ކަމަށެވެ. އެއާއެކު އޭނާ އަވަހަށް ޒެޖިއާންގ ޔުނިވަރސިޓީގެ ފުރަތަމަ އެފިލިއޭޓެޑް ހޮސްޕިޓަލަށް ގެންދެވުނެވެ. އެތަނުގައި ޑޮކްޓަރުން ޓެސްޓުތައް ހެދުމަށްފަހު ޑޮކްޓަރުންނަށް ފާހަގަވީ އޭނާގެ ހަށިގަނޑުގައި އާދަޔާ ޚިލާފަށް ގިނަ އަދަދެއްގެ އޮކްސިފިލް ސެލްތައް ހުރިކަމެވެ. މިއީ ޕެރަސައިޓް އިންފެކްޝަން ނުވަތަ ލޭގެ ބައްޔެއް ހުރިކަމުގެ ނިޝާނެކެވެ.

“ދިރޭ ބޮއް ދިރުވާލުމުގެ ސަބަބުން ބަލިމީހާގެ ހަޖަމުކުރާ ނިޒާމަށް ގެއްލުން ލިބި، ޕެރަސައިޓްތައް އޭނާގެ ހަށިގަނޑަށް ވަނުމުގެ ފުރުސަތު ލިބުނީ،” ޑޮކްޓަރަކު ނޫސްވެރިންނަށް ބުނެފައިވެއެވެ. އަދި އިތުރަށް ބުނެފައިވަނީ ބަލިމީހާއަށް ސްޕާގާނަމް ޓޭޕްވޯމް އިންފެކްޝަން ޖެހިފައިވާ ކަމަށެވެ. މިއީ ދިރޭ ބޮކާއި ހަރުފަ ފަދަ އެއްޗެހި ކައިއުޅޭ މީހުންގެ ކިބައިން އާންމުކޮށް ފެންނަ ޕެރަސައިޓެކެވެ.

ހަސްފަތާލުގައި 2 ހަފުތާ ހޭދަކުރުމަށްފަހު، ޒަންގް ފުރިހަމައަށް ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. ނަމަވެސް ޑޮކްޓަރުން ބޭނުންވީ އޭނާގެ ވާހަކަ ބޭނުންކޮށްގެން ދެމުންއައި ފަރުވާތަކުގެ ނުރައްކާތެރިކަމާ ބެހޭގޮތުން އިންޒާރެއް ދިނުމަށެވެ.

“ބޮއްތައް1 ދިރުވާލުމުގެ އިތުރުން، ގިނަ މީހުން ހަރުފައިގެ ފިތް ކެއުމާއި، މަހުގެ ފިތް ކައްޗަށް ކެއުމާއި، ނުވަތަ ކާއެއްޗެހީގެ ބޭރުގައި ބޮކުގެ ހަން އޮޅައިގެން ކެއުންފަދަ ކަންކަން ކުރޭ،” ޑޮކްޓަރަކު ބުނެފައިވެއެވެ. “މިފަދަ ކަންކަން ކުރަނީ ގިނައިން މުސްކުޅިންނެވެ. އަދި އެމީހުންގެ ޞިއްޙަތާ ބެހޭގޮތުން އެމީހުންގެ ދަރިންނާ ކާފަ ދަރިންނާއެކު އެމީހުން މަޝްވަރާ ކުރަނީވެސް ވަރަށް މަދުން. އެމީހުން ހޮސްޕިޓަލަށް ދަނީ ވަރަށް ބޮޑަށް ބަލިވުމުން އެކަންޏެވެ.”

ޓެގް

ޞިއްޙަތު ކެއުން ބޮއް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.