ތިން މަސް ކުރިން ދަނޑަކުން ފިލައިގެން ދިޔަ ތިން ބަކަރި، އެމެރިކާގެ ކަނެކްޓިކަޓްގައި މަޤްބޫލު ވެއްޖެއެވެ. އަދި މި ބަކަރިތައް ހައިވޭ ތަކުގެ ކައިރީގައި ވިނަ ކައިކައި ތިބޭތަން ބައެއް މީހުންނަށް ފެނެއެވެ.
ކަނެކްޓިކަޓްގެ ޓައުނެއް ކަމަށްވާ ކްލިންޓަންގައި ދިރިއުޅޭ ރައްޔިތުން ބުނާ ގޮތުގައި މި ތިން ބަކަރި ޖުލައި މަހު ދަނޑަކުން ފިލައިގެން ދިޔައީއެވެ. އޭގެ ފަހުން އިންޓަރސްޓޭޓް 95 ގެ ކައިރީގައި ހުރި އަމިއްލަ މީސްމީހުންގެ ބިންތަކުގައާއި ސަރުކާރުގެ ބިންތަކުގައި ވިނަ ކައިކައި ތިބޭތަން ފެންނަމުންދާ ކަމަށް ވެއެވެ.
ޖަނަވާރު ސަލާމަތްކުރުމުގެ މަސައްކަތް ކުރާ މީހެއް ކަމަށްވާ ސިލްވިއާ ރޮސިންސްކާ ބުނާ ގޮތުގައި މި ބަކަރިތައް ހިފުމަށް ވަރަށް އުނދަގުލެވެ. އެއީ އެ ބަކަރިތައް މީހަކަށް ފެނުނުކަން އެނގިގެން އެވާހަކަ އޭނާއަށް އަޑުއިވުމުން އެތަނަކަށް އޭނާއަށް ދެވޭއިރު ބަކަރިތައް އެތަނުގައި ނުތިބޭތީއެވެ. އެއްވެސް މީހަކު ކަމާ ކަންފަށައި އެ ބަކަރިތައް ހޯދުމުގެ ގަސްތުގައި ތަންތަން ބަލާ ހޯދަނީކީނޫނެވެ. ކޮންމެ ބަޔަކަށްވެސް ބަކަރިތައް ފެންނަނީ ހައިވޭގައި ދުއްވާފައި ދަނިކޮށެވެ. އަދި އެ ބަކަރިތަކުގެ ވާހަކައަކީ އެރަށުގައި މަޝްހޫރު ވާހަކައެއްކަމުން ކޮންމެ މީހަކަށްވެސް އެ ބަކަރިތައް ފެނުމުން ފޮޓޯނައި ވީޑިއޯ ރެކޯޑް ހަދަނީއެވެ.
“އެ ބަކަރިތައް ތިބީ އެންމެ އުފާވެރި ދިރިއުޅުމެއްގައި ހެން ހީވަނީ،” ރޮސިންސްކާ ފޮކްސް ނިއުސްއަށް ބުންޏެވެ. “އެކަމަކު އަހަރެން ކަންބޮޑުވޭ އެއްދުވަހަކުން ހިތާމަވެރި ހާދިސާއެއް ހިނގާފާނެތީ، އަދި އަހަރެން ހިތުން އެއީ އެންމެވެސް ކަންބޮޑުވާނެ ކަމެއް.”
މި ބަކަރިތައް ދެކެ ވަރަށް ގިނަ މީހުން ލޯބިވެ، އެ މީހުން ފޭސްބުކްގައި “ކްލިންޓަން ރޯމިންގ ގޯޓްސް” ގެ ނަމުގައި ހަދާފައިވާ ގްރޫޕްގައި ބަކަރިތަކުގެ ފޮޓޯތައް ޙިއްސާކޮށް، އެ ބަކަރިތައް ފެނުނު ތަންތަން އަންގަމުންދެއެވެ.
“މީހުން އެ ބަކަރިތަކާ މެދު ކަންބޮޑުވޭ؛ އަހަރެން ވެސް ކަންބޮޑުވޭ،” ރޮސިންސްކާ ބުންޏެވެ. “އެ މީހުން ވަރަށް ބޮޑަށް ބޭނުންވޭ އެ ބަކަރިތައް ހޯދައި، އަނބުރާ ދަނޑަށް ގެންދަން. ޙަޤީޤަތުގައި މިހާ ގިނަ މީހުން އެއްވެ، މި މަޢުޞޫމު ޖަނަވާރުތަކަށް އަޅާލާތަން ފެނުމަކީ ވަރަށް އުފާވާ ކަމެއް”
ކްލިންޓަން އެނިމަލް ކޮންޓްރޯލްއިން އެދެނީ މި ބަކަރިތައް ފެނިއްޖެނަމަ، އެ ބަކަރިތަކުގެ ފަހަތުން ނުދުވުމަށެވެ. އެހެނީ އެ ބަކަރިތައް ބިރުގަނެ، ހައިވޭއާ ދިމާއަށް ދުވެދާނެތީއެވެ. އޭރުން ހިނގާފާނާ ހާދިސާއެއްގައި ބަކަރިތަކުގެ އިތުރުން ހައިވޭގައި އެއްޗެހި ދުއްވާ މީހުންނަށްވެސް ގެއްލުމެއް ވެދާނެ ކަމަށްޓަކައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...