ވިޔަފާރި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތީގައި ޖަހާ ލޯގޯ ދޫކުރުމާއި އެކަން ހިންގުން ބީސީސީއަށް
ވިޔަފާރި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތީގައި ޖަހާ ލޯގޯ ދޫކުރުމާއި އެކަން ހިންގުން ބީސީސީއަށް

BCC and family ministry.jpg

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަކެތީގައި ޖަހާ ލޯގޯ ދޫކޮށް ހިނގުމާ ގުޅެގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓުން ހާމަކުރައްވާފައިވާ ގޮތުގައި މި ފަހުމުނާމާގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވާލުމާއި، ވަކި އުސޫލެއްގެ ދަށުން މޮނިޓަރ ކުރެވިގެން އެފަރާތްތަކުގެ ވިޔަފާރީގެ ކުރިއެރުމަށް މަގުފަހޮކޮށްދިނުމެވެ. މި ލޯގޯ ބޭނުންކުރަން ފެށުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މަސައްކަތްތެރިކަމާއި، އެފަރާތްތަކުގެ އުފެއްދުންތައް ވިއްކުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަމުގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރަތަކަކީ ދިވެހީންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކައިދިނުމަށްޓަކައި ބީސީސީން ހިންގަވާ ފިހާރަތަކެކެވެ. އޭގެ ފިހާރަތައް މާލޭގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ކްރޮސްރޯޑްސްއާއި އައްޑޫއާއި ތޮއްޑޫގައިވެސް ހިންގައެވެ. މިފިހާރަތައް މެދުވެރިކޮށް ތަކެތި ވިއްކުމުގެ ފުރުޞަޠު ދިވެހި ކޮންމެ އުފެއްދުންތެރިއަކަށްވެސް އޮވެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާތަކެތިވެސް އެ ފިހާރަތައް މެދުވެރިކޮށް ވިއްކޭނެއެވެ. އަދި އެފަރާތްތަކުން އުފައްދާ ތަކެތި އެފަރާތްތަކުން ޚިޔާރު ކުރާ އެހެނިހެން ގޮތްގޮތުންވެސް ވިއްކުމުގެ ފުރުޞަޠު އޮންނާނެއެވެ. އަދި ހަމަ އެހެންމެ، އެފަދަ ފަރާތްތަކުން އުފައްދާ ތަކެތި ގަނެވިއްކަން ބޭނުންވާ ފަރާތްތަކަށްވެސް މިއީ ލިބޭ ރަނގަޅު ފުރުޞަތަކަށް ވާނެއެވެ. ނުކުޅެދުންތެރިކަން ހުރި ފަރާތަކުން އުފައްދާފައިވާ އެއްޗެއްކަން އެނގޭނެ މާ ފުރިހަމަ ގޮތްތަކެއް މިހާރު ނޯވެއެވެ. އެހެންކަމުން މި ލޯގޯ ބޭނުން ކުރަން ފަށައި، އެކަން ރަނގަޅަށް ހިނގަން ފެށުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާފައި ހުންނަ ތަކެތި ގަނެގެން އެފަރާތްތަކުގެ މަސައްކަތަކަށް ހިއްވަރުދީ އެހީތެރިވުމުގެ ފުރުޞަޠު އިތުރަށް ފުޅާވެގެންދާނެއެވެ. އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި މި ލޯގޯއަކީ ދިވެހި ވަންތަކަމާއި ޘަޤާފަތް ދައްކުވައިދިނުމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރަމްޒުވާ ގޮތަށް ފަރުމާ ކުރެވޭނެ ލޯގޯއެކެވެ. 

ޓެގް

ފަހުމުނާމާ އާއިލީ ތަރައްޤީއާބެހޭ ވުޒާރާ ބީސީސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.