ވިޔަފާރި “ދިވެހި ކުދި ވިޔަފާރިތަކަށް ޖަޕާނުގައި އިތުރު ފުރުޞަޠު ފަހިކޮށްދޭނަން” – ސަފީރު މަޙްލޫފް
ވިޔަފާރި

“ދިވެހި ކުދި ވިޔަފާރިތަކަށް ޖަޕާނުގައި އިތުރު ފުރުޞަޠު ފަހިކޮށްދޭނަން” – ސަފީރު މަޙްލޫފް

Mahloof visits .jpeg

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހި ކުދި ވިޔަފާރިތަކަށް ޖަޕާނުގެ ބާޒާރުން އިތުރު ފުރުޞަތުތައް ފަހި ކުރުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް، ދިވެހިރާޢްޖެއިން ޖަޕާނަށް ކަނޑައެޅުއްވި ސަފީރު، އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ. ސަފީރު މަޙްލޫފު މިހެން ވިދާޅުވީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރާއެކު މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ. މިއަދު ހެނދުނު ބީސީސީގައި އޮތް މި ބައްދަލުވުމުގައި، ކުދި ވިޔަފާރިތަކަށް ޖަޕާނުގެ ބާޒާރުން ފުރުޞަޠު ހޯދައިދިނުމަށާއި، ވިޔަފާރީގެ ދާއިރާއިން އިންސާނީ ވަޞީލަތް އިތުރުކޮށް ތަމްރީނާއި ތަޖުރިބާގެ ފުރުޞަޠުތައް ހޯދައިދިނުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ސަފީރު މަޙްލޫފު ވިދާޅުވިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހިންގާ އޮތެންޓިކް މޯލްޑިވްސްގެ ދެފިހާރައެއް މިހާރުވެސް ޖަޕާނުގެ ދެ އެއަރޕޯޓު ކަމަށްވާ ނަރީޓާގެ އިތުރުން ކަންސާއީގައި އަންނަނީ ހިންގަމުންނެވެ. އެ ވިޔަފާރި އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށް އެހީތެރިވެވަޑައިގެންނެވުމާއެކު ޖަޕާނުގައި ދިވެހި ކުދި ވިޔަފާރިވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމާ ގުޅޭ އިތުރު މަސައްކަތްތައްވެސް ކުރައްވާނެކަމަށް މަޙްލޫފް ވިދާޅުވިއެވެ. އެގޮތުން އެއަރޕޯޓުގެ އިތުރުން ޖަޕާނުގެ އެހެން ތަންތަނުގައިވެސް ދިވެހީންގެ އުފެއްދުންތައް ވިއްކޭނެ ގޮތް ހަމަޖެއްސެވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާނެ ކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ.

ކުދި ވިޔަފާރިތައް ތަރައްޤީ ކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމަށްޓަކައި ޑިޕްލޮމެޓިކް އަދި މާލީ އެއްބާރުލުން ލިބެނިވި ކަންކަމަށް މަގުފަހި ކުރެއްވުމަށްޓަކައި ރާއްޖޭގެ އުފެއްދުންތެރިންނާއި ޖަޕާނުގެ ވިޔަފާރިވެރިންނާ އެކު ޚާއްޞަ ޙަރަކާތްތައް ހިންގުމާއި، ދެޤައުމުގެ ކަމާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި މުޢާމަލާތް ކުރެވޭނެ މަގު ފަހުކުރުމަށް އިސްކަން ދެއްވުމާއި، ދެމެހެއްޓެނިވި ގޮތުގައި ދިވެހީން ކުރާ މަސްވެރިކަމާއި، ރާއްޖޭގައި އުފައްދާ މަސްވެރިކަމުގެ ބާވަތްތައް ފަސޭހައިން ޖަޕާނުގައި ވިއްކޭނެ ފުރުޞަޠު ހޯއްދަވައިދެއްވުމަށްވެސް މަސައްކަތްޕުޅު ކުރައްވާނެކަމަށް މަޙްލޫފް ވިދާޅުވިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އަންނަނީ ކުދި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތަކަށް ބާޒާރު ހޯދައިދީ ވިއްކޭނެ މަގު ފަހި ކޮށްދެމުންނެވެ. މީގެ އިތުރުން، ދިވެހި ކުދި ވިޔަފާރިތަކުން ހޯދަމުންދާ ކުރިއެރުން ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ކުދި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން “މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް” ވެސް ބީސީސީން ވަނީ ތަޢާރަފް ކޮށް މިއަހަރު ދޭން ފަށާފައެވެ. މީގެ އިތުރުން ވިޔަފާރިއާ ގުޅުންހުރި ކަންކަމާމެދު ހޭލުންތެރިކަން އިތުރު ކުރުމަށާއި، މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމް ކޮށްފައިވާ ބިޒްނަސް ސެންޓަރތަކުންވެސް ވަނީ ވަރަށްގިނަ މަސައްކަތްތައް ކޮށްފައެވެ. މިއަހަރުގެ ކާމިޔާބީއާއެކު، 2026 ވަނަ އަހަރަކީ އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެ އަހަރެކެވެ.

ޓެގް

ސަފީރު މަޙްލޫފް ޖަޕާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.