އިޓަލީއާއި ސުވިޒަލޭންޑް ގުޅޭ ބޯޑަރު ކައިރީގައިވާ، އިޓަލީގެ އަލްޕްސް ފަރުބަދަތަކުގެ ތެރެއިން “ޕުންޓާ ނިފެޓީ”ގެ އެންމެ އުހުގައި ހުންނަ “މާގަރީޓާ ހަޓް” އަށް އެ ނަން ދެވިފައިވަނީ އިޓަލީގެ ރާނީ މާގަރީޓާ އޮފް ސެވޯއީގެ ނަމުންނެވެ. މި ތަން 1893 ވަނަ އަހަރު އިފްތިތާޙްކޮށްދެއްވީ ޚުދު އެކަމަނާއެވެ. ފެށުމުގައި މިއީ މަތީ އުސްމިންތަކުގައި ދިމާވާ ސިއްހީ މައްސަލަތައް ދިރާސާކުރާ މުހިންމު މަރުކަޒެއް ނަމަވެސް، ފަހުން މި ތަން ވަނީ ފަރުބަދައަށް އަރާ މީހުން މަޑުކޮށްލަން ބޭނުންކުރާ ހިޔާވައްސަކަށް ބަދަލުކޮށް، މިތަނުގެ ބޭނުން ފުޅާކޮށްފައެވެ.
“މާގަރީޓާ ހަޓް” އަކީ މޮންޓޭ ރޯސާ ފަރުބަދަ ސަރަހައްދުގައި ހުރި ގިނަ ހިޔާވަހިތަކުގެ ތެރެއިން އެއްތަނެވެ. ކަނޑުގެ ސަޠަޙައަށްވުރެ 4،554 މީޓަރު ނުވަތަ 14،941 ފޫޓު އުހުގައި ހުރި މި އިމާރާތަކީ އެ ސަރަހައްދުގެ އެންމެ އުސް ތަނުގެ އިތުރުން، މުޅި ޔޫރަޕްގައިވެސް ހުރި އެންމެ އުސް އިމާރާތެވެ. މި ތަން ހުޅުވާފައި ހުންނަނީ ހޫނު މޫސުމުގެ ދުވަސްވަރު ކަމަށްވާ ޖޫން މަހުގެ ކުރީކޮޅުން ފެށިގެން ސެޕްޓެމްބަރު މަހުގެ ކުރީކޮޅަށެވެ. އަދި މިތަނުގައި އެއްފަހަރާ 70 މީހުންނަށް ނިދޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.
2017 ވަނަ އަހަރުން ފެށިގެން، އެ ސަރަހައްދާ އެންމެ ކައިރީގައި އޮންނަ އަލާގްނާ ވަލްސޭސިއާގެ މޭޔަރު ވަނީ މިތަނުގައި ކައިވެނީގެ ރަސްމިއްޔާތުތައް ބޭއްވުމުގެ ހުއްދަ ދެއްވާފައެވެ. ނަމަވެސް، މި ތަފާތު ތަޖުރިބާ ހާސިލުކުރަން ބޭނުންވާ މީހުން ޖެހޭނީ އަމިއްލައަށް ފަރުބަދައަށް އަރައިގެން “މާގަރީޓާ ހަޓް” އާ ހަމައަށް ދާށެވެ. ޔޫރަޕްގެ މި އެންމެ އުސް އިމާރާތަށް ހެލިކޮޕްޓަރުގައި ދެވޭކަށް ނޯވެއެވެ. އެތަނަށް ދިއުމަށް އޮތް ހަމައެކަނި މަގަކީ ހިނގާފައި ދިއުމެވެ. މިއީ އާންމުކޮށް ދެ ދުވަހުގެ ދަތުރަކަށް ވާއިރު، މިކަމަށްޓަކައި ހަށިގަނޑުގެ ދުޅަހެޔޮކަމާއި ފަރުބަދައަށް އެރުމުގެ ފަންނީ ހުނަރުތައް އެނގިފައި އޮތުން މުހިންމެވެ.
މި ތަން އޮންނަ ސަރަހައްދުގެ ގޮތުން، މާގަރީޓާ ހަޓް އާންމުކޮށް ހުޅުވާފައި ހުންނަނީ ހޫނު މޫސުމުގައި ކަމަށްވީ ނަމަވެސް، ފިނި މޫސުމުގައިވެސް 12 އެނދުގެ ކުޑަ ބައެއް ބޭނުންކުރެވޭ ގޮތަށް ހުރެއެވެ. އެއީ އެފަދަ ގޮންޖެހުން ބޮޑު މޫސުމެއްގައިވެސް ފަރުބަދައަށް އަރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...