މީސްމީހުން މަރުވުމުން އެމީހުން ދުނިޔޭގައި އުޅުނުއިރު ގެންގުޅުނު ބައެއް އެއްޗެހި އެމީހުންނާއެކު ވަޅުލުމަކީ ބައެއް ދީންތަކުގައި އިހު ޒަމާނުގައި ކޮށްއުޅުނު ކަމެކެވެ. ވަކިން ޚާއްޞަކޮށް މުސްލިމްނޫން ދީންތަކަށް ތަބާވާ ޤައުމުތަކުގެ ވެރިންގެ މެދުގައި މިކަން އޮތްކަން ފަހުގެ ހޯދުންތަކުންވެސް އެނގިފައިވެއެވެ. މިސްރުގެ ޤަދީމީ މަހާނަތަކުންވެސް އެފަދަ ބައެއް އެޗެހި ފެނިފައިވެއެވެ. ނަމަވެސް މިއީ އިސްލާމީ ދުނިޔޭގައި ކޮށްއުޅޭ ކަމެއްނޫނެވެ. އަދި ކުރުން ރަނގަޅު ކަމެއްވެސް ނޫނެވެ.
އިނގިރޭސިވިލާތުގެ ކުރީގެ ރާނީއެއް ކަމަށްވާ ކުއީން ވިކްޓޯރިއާ 1901 ވަނަ އަހަރު އަވަހާރަވުމާއެކު، މުޅި ދުނިޔެ އެކަމުގެ ހިތާމަ ފާޅުކުރީ މުހިންމު ޒަމާނެއް ނިމުމަކަށް އައުމުގެ ސަބަބުންނެވެ. އިނގިރޭސިވިލާތުގައި އެކަމަނާ ކުރެއްވި ރަނިކަން ފަސްދޮޅަސް އަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެންދިޔައިރު، މި ދުވަސްވަރު މަޝްހޫރުވެފައިވަނީ “ވިކްޓޯރިއަން އޭޖް” ނުވަތަ ވިކްޓޯރިއާގެ ޒަމާނުގެ ގޮތުގައެވެ. އެއީ ސިނާއީ ކުރިއެރުމާއި، އިސްތިއުމާރީ ފުޅާވުމާއި، އަދި އިޖުތިމާއީ ގޮތުން ބޮޑެތި ބަދަލުތަކެއް އައި ދުވަސްވަރެކެވެ. ނަމަވެސް، ބާރުގަދަ ރާނީއެއްގެ ގޮތުގައި އާންމުންނަށް ފެނުނު ސޫރައަށްވުރެ ބޮޑަށް، ކުއީން ވިކްޓޯރިއާއަކީ ވަރަށް ބޮޑަށް ޖަޒުބާތީ އަދި އާއިލާއަށް ވަފާތެރި އަންހެނެކެވެ. އެކަމަނާގެ ސަންދޯކުގައި އެކަމަނާއާއެކު ވަޅުލެވުނު ތަކެތިން ހާމަވަނީ، ތާރީޚީ ފޮތްތަކުން ގިނަ ފަހަރަށް ފެންނަން ނެތް، އެކަމަނާގެ އަމިއްލަ ދިރިއުޅުމުގެ ސަފުހާތަކެވެ.
ކުއީން ވިކްޓޯރިއާ ފަސްދާނުލެވުނީ ފްރޮގްމޯ މައުސޯލިއަމްގައި، އެކަމަނާގެ ލޯބިވާ ފިރިކަލުން ޕްރިންސް އެލްބަރޓްގެ އަރިހުގައެވެ. އެލްބަރޓް އަވަހާރަވީ ވިކްޓޯރިއާ އަވަހާރަވުމުގެ ސާޅީސް އަހަރު ކުރިން، 1861 ވަނަ އަހަރުއެވެ. އެލްބަރޓް އަވަހާރަވުމުން ވިކްޓޯރިއާއަށް ކުރި އަސަރެއްގެ ބޮޑުކަމުން، އެކަމަނާގެ ބާކީ އޮތް މުޅި ހަޔާތް ހޭދަކުރެއްވީ ހިތާމައިގެ ކަޅު ހެދުމުގައެވެ. ފިރިކަލުންނަށް އޮތް ލޯތްބާއި ވަފާތެރިކަން އެކަމަނާގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ދެމިއޮތެވެ.
އެކަމަނާ ފަސްދާނުލުމުގެ ކަންކަމުގައި އެންމެ އަސަރުގަދަ އެއް ކަމަކީ، ހިތާމައިގެ ކަޅު ހެދުމުގެ ބަދަލުގައި، އެކަމަނާގެ ކައިވެނީގެ ހެދުމާއެކު ބޭނުން ކުރެއްވި ހުދުކުލައިގެ ވެއިލް އަޅުއްވައިގެންވާ ގޮތުގައި ވަޅުލުމަށް އެދިވަޑައިގެންފައި އޮތުމެވެ. މިއީ ޕްރިންސް އެލްބަރޓަށް އޮތް ލޯތްބާއި، މަރުވުމަށްފަހުވެސް އެމަނިކުފާނާ ބައްދަލުވުމަށް އެދިވަޑައިގަންނަވާ މިންވަރު ރަމްޒުކޮށްދޭ ކަމެކެވެ. މީގެ އިތުރުން، އެލްބަރޓްގެ ހެދުމަކާއި އެމަނިކުފާނުގެ އަތްޕުޅުގެ “ޕްލާސްޓަރ ކާސްޓް” އެއް ވެސް ސަންދޯކަށް ލެވުނެވެ. މި ތަކެއްޗަކީ އެކަމަނާ ހުވަފަތްވުމަށްފަހު އަބަދުވެސް ގާތުގައި ބެހެއްޓެވި ހަނދާންތަކެކެވެ.
ފިރިކަލުންނާ ގުޅުންހުރި ތަކެތީގެ އިތުރުން، އެކަމަނާގެ ދިރިއުޅުމުގައި މުހިންމު އެހެން ބައެއް ފަރާތްތަކުގެ ހަނދާންތައް ވެސް ސަންދޯކުގައި ހިމެނުނެވެ. އޭގެ ތެރޭގައި އެކަމަނާގެ ވަފާތެރި ޚާދިމް ޖޯން ބްރައުންގެ ކުޑަ ފޮޓޯއެއް ހިމެނެއެވެ. އެކަމަނާއާއި ޖޯން ބްރައުންއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން އޭރު އާންމުންގެ ތެރޭގައި އެކި ވާހަކަތައް ދެކެވުނު ނަމަވެސް، އެކަމަނާ އެ ގުޅުމަށް ވަރަށް ބޮޑަށް ގަދަރުކުރެއްވިކަން މީގެން އެނގެއެވެ. ބުނެވޭ ގޮތުގައި އެ ފޮޓޯ އޮތީ މާބޮނޑިތަކުގެ ދަށުގައި ފޮރުވިފައި، އެކަމަނާގެ އަތްޕުޅުގެ ތެރޭގައެވެ.
ރާނީގެ ސަންދޯކުގައި އާއިލީ ބައެއް ހަނދާންތަކާއި ޖަޒުބާތީ ތަކެތި ވެސް ހިމެނުނެވެ. މިއީ އެކަމަނާއަކީ ހަމައެކަނި ވެރިއެއްގެ އިތުރުން މައެއް އަދި މާމައެއްކަން ވެސް ހާމަކޮށްދޭ ކަމެކެވެ. ވިކްޓޯރިއާގެ ނުވަ ބޭފުޅުން ތިއްބެވިއިރު، އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ ފަހުން ވިލާތުގެ އެކި ގައުމުތަކުގެ ރަސްކަލުންނާއި ރާނީންނެވެ. މިފަދަ އަމިއްލަ ތަކެތި ސަންދޯކަށް ލުމުން، އާންމު ދިރިއުޅުމުގައި ވަރަށް ސީރިއަސްކޮށް ފެނުނު ރާނީގެ އިންސާނީ ފަރާތް ވަރަށް ބޮޑަށް ފާޅުވެގެންދިޔައެވެ.
ކުއީން ވިކްޓޯރިއާ ފަސްދާނުލެވުނީ އިންޑިއާގެ އެމްޕްރެސް އަދި ބޮޑު އެމްޕަޔަރެއްގެ ވެރިޔާގެ ހައިސިއްޔަތުން އަސްކަރީ ޝަރަފުވެރިކަމާއެކުގައެވެ. ނަމަވެސް، ސަންދޯކުގެ ތެރޭގައި ހުރި ތަކެތިން ކިޔައިދެނީ މާ ހިތްދަތި، މާ އަމިއްލަ ވާހަކަތަކެކެވެ. އެ ތަކެތިން ދައްކުވައިދެނީ ލޯތްބާއި، ވަފާތެރިކަމާއި، ހިތާމައާއި، އަދި ހަނދާންތަކެވެ. ބާރާއި މުއްސަނދިކަމުގެ ރަމްޒުތަކުގެ ބަދަލުގައި، އެކަމަނާއާއެކު ވަޅުލެވުނީ އެކަމަނާ އެންމެ ލޯބިވި ފަރާތްތަކާ ގުޅުންހުރި އަގުހުރި ހަނދާންތަކެކެވެ.
ކުއީން ވިކްޓޯރިއާއާއެކު ވަޅުލެވުނު ތަކެތިން ހާމަވަނީ ޒަމާނެއް މުޅިން ބަދަލުކޮށްލި ބާރުގަދަ އަންހެނެއްގެ ހިތުގެ ޖަޒުބާތުތަކެވެ. ތާރީޚުން އެކަމަނާ ބާރުގަދަ ރާނީއެއްގެ ގޮތުގައި ހަނދާން ކުރި ނަމަވެސް، އެކަމަނާގެ ވަޅުލުމުގެ ކަންކަން ހަމަޖެހިފައި އޮތް ގޮތުން ހަނދާންކޮށްދެނީ އެކަމަނާއަކީ ވެސް އަނބިކަނބަލެއް، އެކުވެރިއެއް އަދި މައެއް ކަމެވެ. ފްރޮގްމޯ މައުސޯލިއަމްގައި އެކަމަނާގެ އަރިހުގައި ބެހެއްޓުނު އަމިއްލަ ތަކެއްޗަކީ، ރަސްކަމުގެ ސިންގާސަނާ އަށްވުރެވެސް ވެސް ލޯތްބާއި ހަނދާންތަކުގެ ބާރުގަދަކަން ރަމްޒުކޮށްދޭ ދިރިހުރި ހެކިތަކެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...