މިއަދުގެ ދުނިޔޭގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހައިރާންކުރުވަނިވި ތަފާތު ވީޑިއޯތައް އުފައްދަމުންދާއިރު، ބޯ ނެތް މަހެއް ފަތާފައި ދާ މަންޒަރު ފެންނަ ވީޑިއޯއަކީ ފޭކު ވީޑިއޯއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް، މި ހީކުރުންތަކާ ޚިލާފަށް، އެ ވީޑިއޯއަކީ ހަގީގީ ވީޑިއޯއެކެވެ. އަދި ސައިންސާއި މަހުގެ ހަށިގަނޑު އުފެދިފައިވާ ގޮތަށް ބަލާއިރު މިއީ ވެދާނެ ކަމެއްކަން ސާބިތުވެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު، ޗައިނާގައި ގޯލްޑްފިޝް ގެންގުޅޭ މީހަކު ވަނީ އޭނާގެ އެއް މަސް، ބޯ އޮންނަންޖެހޭ ތަނުގައި ބޮޑު ލޯވަޅެއް ހުރެމެ، ޓޭންކެއްގެ ތެރޭގައި ފަތާފައިދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. އޭނާ ބުނި ގޮތުގައި އެ މަސް އެ ހާލަތުގައި އޮންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. މަހުގެ ލޮލާއި، އަނގައާއި، ސިކުނޑީގެ ބައެއް ގެއްލިފައިވީ ނަމަވެސް، އެއްވެސް ކަމެއް ވެފައި ނުވާ ފަދައިން އެ މަސް ދިޔައީ ފަތަމުންނެވެ.
މަހަށް މި ހާލަތު ދިމާވި ގޮތާ ބެހޭގޮތުން ސުވާލު ކުރުމުން އޭނާ ބުނީ، މަހުގެ ބޮލުގެ މަސްތައް މަރުވާން މެދުވެރިވީ އިންފެކްޝަނެއްގެ ސަބަބުން ނުވަތަ ފެންގަނޑު ތަޣައްޔަރުވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. ބޮލުގެ މަސްތައް މަރުވެ ނެއްޓެން ފެށުމުން، ޓޭންކުގައި ތިބި އެހެން މަސްތައް އެ މަހުގައި ކޮއްޓަން ފެށިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މަސްގަނޑު އިތުރަށް ހަލާކުވެ، އެންމެ ފަހުން މުޅި ބޯ ނެތިދާން މެދުވެރިވީއެވެ.
ބޯ ނެތި މަހެއް ދިރިހުރެ، ފަތަމުން ދަނީ ކިހިނެއް ހެއްޔެވެ؟ މީގެ ޖަވާބު ގުޅިފައިވަނީ މަހުގެ ހަށިގަނޑު އުފެދިފައިވާ ގޮތާއެވެ. އިންސާނުންނާއި އެހެނިހެން ގިނަ ޖަނަވާރުންގެ ސިކުނޑި ބޮލުގެ ތެރޭގައި އެއްތަނަކަށް ޖަމާވެފައި އޮތް ނަމަވެސް، ގޯލްޑްފިޝްގެ ސިކުނޑި އުފެދިފައިވަނީ ދިގުކޮށް، ބޮލުން ފެށިގެން ހަށިގަނޑުގެ ތެރެއަށް ދެމިގެންދާ ގޮތަށެވެ.
މަހުގެ ސިކުނޑި އުފެދިފައިވާ ގޮތް ދައްކުވައިދޭ ކުރެހުމެއް
މަހުގެ ސިކުނޑީގެ ކުރީބައި ބޭނުންކުރަނީ ވަސްބެލުމާއި، ހަނދާން ބެހެއްޓުމާއި، ފެނުމުގެ އިހުސާސްތަކަށެވެ. ނަމަވެސް ދިިރިހުރުމަށް އެންމެ މުހިންމު ބައި ކަމުގައިވާ ‘ބްރެއިންސްޓެމް’ އިންނަނީ ހަށިގަނޑުގެ ތެރޭގައި، ބުރަކަށީގެ މައިބަދައާ ގުޅޭ ހިސާބުގައެވެ. އެހެންކަމުން، މި ބަޔަށް ގެއްލުމެއް ނުލިބޭހާ ހިނދަކު، މަހަށް އޭގެ ގިލްސް ނުވަތަ ކަރުފަތް މެދުވެރިކޮށް ނޭވާލުމާއި ލޭ ދައުރުކުރުމުގެ ގާބިލުކަން ލިބިގެންވެއެވެ.
ދިރިހުރުމުގެ އިތުރުން، އެ މަސް އާދައިގެ މަތިން ފަތަމުންދާއިރު، ޓޭންކުގެ ބިއްތަކުގައިި ނުޖެހި ސަލާމަތްވާކަން ފާހަގަކުރެވެއެވެ. ސައިންސްވެރިން ބުނާ ގޮތުގައި މަސް ފެތުމަކީ ސިކުނޑިން އަބަދު ސިގްނަލް ފޮނުވައިގެން ކުރާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ބުރަކަށީގެ މައިނާރާ ގުޅިފައި ހުންނަ އަމިއްލަ ނާރުގެ ނިޒާމަކުން ކުރާ ކަމެކެވެ. އެހެންކަމުން ބޯ ނެތުމަކުން ފެތުމުގެ ގާބިލުކަމަކަށް ބަދަލެއް ނާދެއެވެ.
މީގެ އިތުރުން، މަހުގެ ދެ ފަރާތުގައި ހުންނަ ޕްރެޝަރު އިހުސާސްކުރާ ނާރުތަކުގެ ސަބަބުން، ލޯ ނެތް ނަމަވެސް ކުރިމަތީގައި ހުންނަ ހުރަސްތައް ދެނެގަތުމުގެ ގާބިލުކަން ލިބެއެވެ.
މަހުގެ ވެރިފަރާތުން ބުނި ގޮތުގައި، މި މަސް ބޯ ނެތި ގާތްގަނޑަކަށް ދެ ހަފުތާ ވަންދެން ދިރިއޮތެވެ. އެ މަސް މަރުވީ ބޮލުގެ ޒަޚަމްތަކަށްވުރެ ބޮޑަށް، ހަށިގަނޑުގެ ގުނަވަންތައް މަސައްކަތް ކުރުން ހުއްޓުމުގެ ސަބަބުންނެވެ. މިއީ ފެންގަނޑުގައި ހުންނަ ޕްރެޝަރަށް އަންނަ ބަދަލެއްގެ ސަބަބުން ވާކަމެކެވެ. އާންމުކޮށް މަހުގެ ހަންގަނޑާއި ހުޅުނބުތަކުން ހަށިގަނޑުގެ ތެރެއަށް ފެން ވަނުން ހުއްޓުވައިދޭއިރު، ބޮލުގައި ހުރި ބޮޑު ޒަޚަމުގެ ސަބަބުން ހަށިގަނޑުގެ ތެރެއަށް މެދުނުކެނޑި ފެން ވަދެ، ލޭގެ ތެރޭގައި ހުންނަ ކެމިކަލްތަކުގެ ބެލެންސް ގެއްލި މަސް މަރުވީއެވެ.
ޗައިނާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން މި ވާހަކަ ސިފަކޮށްފައިވަނީ، މަސްމަހާމެހި ދިރިހުރުމަށް ކުރާ ހިތްވަރާއި، އެތަކެތީގެ ހަށިގަނޑު އުފެދިފައިވާ އަޖައިބުކުރުވަނިވި ގޮތް ހާމަކޮށްދޭ މިސާލެއްގެ ގޮތުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...