ސެންޓް ހެލީނާ އެއަރޕޯޓް އިމާރާތްކޮށް ހިންގުމަކީ މިޒަމާނުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ޙާޞިލް ކުރެވުނު އެންމެ އާދަޔާ ޚިލާފު އެއް ކާމިޔާބީއެވެ. ދެކުނު އެޓްލާންޓިކް ކަނޑުގައި އިނގިރޭސީން ބަލަހައްޓަމުން އަންނަ އެކަހެރި ސަރަޙައްދެއްގައި އޮންނަ މި އެއަރޕޯޓް އޮންނަ ރަށަށް ކުރީގައި ދެވެނީ ހަމައެކަނި ކަނޑުމަގުންނެވެ. އެއީ ކޭޕް ޓައުނުން ފަސް ދުވަހުގެ ދަތުރެއް ކުރަންޖެހޭ އާރް.އެމް.އެސް ސެންޓް ހެލީނާ ނަމަކަށް ކިޔާ ބޯޓެއްގައެވެ. މި އެކަހެރިކަމުގެ ސަބަބުން، ރަށުގެ ތަރައްޤީއާއި، ކުއްލި ޞިއްޙީ ފަރުވާ ހޯދުމާއި، ދުނިޔެއާ ގުޅުން ބޭއްވުމަށް ހުރަސްތަކެއް ކުރިމަތިވިއެވެ. ނަމަވެސް، އެއަރޕޯޓް ތަޢާރަފުވުމާއެކު އެކަން ބަދަލުވެ، ރަށުގެ މުހިންމު ދިރުމަކަށާއި އިންޖިނިއަރިންގ ކާމިޔާބީގެ ނިޝާނަކަށް ބަދަލުވިއެވެ.
ރަށުގައި އެއަރޕޯޓެއް އެޅުމުގެ ޚިޔާލު ފެށުނީ 1940 ގެ އަހަރުތަކުގައެވެ. ނަމަވެސް، މި މަޝްރޫޢުއަށް ބާރު ލިބި މިކަމުގެ ޢަމަލީ މަސައްކަތް ފެށުނީ 1970 ގެ އަހަރުތަކުގައެވެ. އަދި 2000 ގެ އަހަރުތަކުގެ ކުރީކޮޅުގައިވެސް ތަރައްޤީގެ މުހިންމު މަސައްކަތްތަކެއް ކުރެވުނެވެ. 2002 ވަނަ އަހަރު ބޭއްވުނު ޢާންމު ވޯޓެއްގައި، ރައްޔިތުންގެ 72 އިންސައްތަ މީހުން ތާއީދުކުރީ މެއިލް ޝިޕް ބޭނުންކުރުމުގެ ބަދަލުގައި ވައިގެ ދަތުރުފަތުރަށެވެ. މަސައްކަތް ލަސްވުމުގެ ސަބަބުން ގިނަ ބަހުސްތަކަކަށްފަހު، 2008 ވަނަ އަހަރު އިނގިރޭސި ސަރުކާރުން މި މަޝްރޫޢު ކުރިއަށް ގެންދއިމުގެ ހުއްދަ ދިނެވެ. 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އެއަރޕޯޓް އިމާރާތްކުރުމުގެ މަސައްކަތް ސައުތު އެފްރިކާގެ ބެސިލް ރީޑް ކުންފުންޏާ ހަވާލުކުރެވުނެވެ. އަދި ވޯލީޕާސަންސްއިން އެއަރޕޯޓު ފަރުމާ ކުރުމާއި، އިންޖިނިއަރިންގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނެވެ. 2012 ވަނަ އަހަރު ޕްރޮސްޕަރަސް ބޭ ޕްލެއިންގައި މަސައްކަތް ފެށުނެވެ. އެއީ ވަރަށް ގިނަ ލޮޖިސްޓިކަލް އަދި ޖިއޮލޮޖިކަލް ގޮންޖެހުންތަކެއް ހުރި، ހަނަފަސް އަދި ވައިގަދަ ސަރަޙައްދެކެވެ. 8 މިލިއަން ކިއުބިކް މީޓަރަށްވުރެ ގިނަ ހިލަ އެތަނުން ނެގުނެވެ. އަދި 1,950 މީޓަރުގެ ރަންވޭއެއް އެޅުމަށް ބޮޑު ޕްރޮޖެކްޓެއް ހިންގުނެވެ.
ސެންޓް ހެލީނާ އެއަރޕޯޓް ހިންގުމަށް 2016 ވަނަ އަހަރުގެ މޭ މަހު ސެޓްފިކެޓް ދެވުނެވެ. ފުރަތަމަ ކުރެވުނު ޓެސްޓް ފްލައިޓްތަކުގައި ވައި ގަދަވުމުގެ މައްސަލަތަކާ ކުރިމަތިވިނަމަވެސް، އެކަމަށް ޙައްލު ހޯދުނެވެ. އަދި 2017 ވަނަ އަހަރުގެ އޮކްޓޯބަރު 14 ވަނަ ދުވަހު ފުރަތަމަ ކޮމާޝަލް ފްލައިޓް މި އެއަރޕޯޓަށް ޖެއްސިއެވެ. އެސް.އޭ އެއަރލިންކުން އޮޕަރޭޓް ކުރާ މި ފްލައިޓުގައި ޖޮހަނެސްބާގުން 68 ފަސިންޖަރުން އުފުލިއެވެ. މި ފުރަތަމަ ފްލައިޓާއެކު، އެތައް ޤަރުނެއް ވަންދެން ދެމިގެން އައި އެކަހެރިކަން ނިމުމަކަށް އައެވެ. އަދި ރަށަށް ދަތުރުކުރުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް މަދުވިއެވެ.
އެއަރޕޯޓުގައި ޒަމާނީ ޚިދުމަތްތަކެއް ލިބެއެވެ. ޓާމިނަލް ޢިމާރާތުގައި ރެސްޓޯރަންޓެއް، ހަނދާނީ ހަދިޔާ ފިހާރައެއް، ފައިސާ މާރުކުރާ ތަނެއް، ފަތުރުވެރިންނަށް މަޢުލޫމާތު ދޭ ތަނެއް، އަދި މަންޒަރު ބަލާ ޑެކެއްވެސް ހިމެނެއެވެ. ޓެކްނޮލޮޖީގެ ގޮތުން، އެއަރޕޯޓުގައި ޒަމާނީ ނެވިގޭޝަން އެހީތައް، އެއަރ ޓްރެފިކް ކޮންޓްރޯލް، ވައިގެ ބާރުމިން ދެނެގަންނަ ނިޒާމުތައް، އަދި އަލިފާން ނިއްވުގެ ޤާބިލް ކަމާއި އެފަދަ ޙާލަތްތަކުގައި މީހުން ސަލާމަތްކުރުމުގެ ޤާބިލުކަން ހުރެއެވެ. ޝެޑިއުލްކޮށްފައިވާ ފްލައިޓްތަކުގެ އިތުރުން، އެއަރޕޯޓުން މެޑިވެކް އޮޕަރޭޝަންތަކާއި، ޗާޓަރ ފްލައިޓްތަކާއި، ދެކުނު އެޓްލާންޓިކް ހުރަސްކުރާ މަތިންދާބޯޓުތަކުގެ ޓެކްނިކަލް ސްޓޮޕްއޯވަރތަކަށް އެހީތެރިވެދެއެވެ.
އެއަރޕޯޓް ހިންގަނީ ސަރުކާރުގެ ބެލުމުގެ ދަށުން ސެންޓް ހެލީނާ އެއަރޕޯޓް ލިމިޓެޑުންނެވެ. މަރާމާތުކުރުމުގެ މަސައްކަތްތައް ކުރެވެނީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ. މީގެ ތެރޭގައި އަހަރަކު އެއްފަހަރު ކުރާ ސަލާމަތީ އޮޑިޓްތަކާއި، ތިމާވެށި ބެލެހެއްޓުމާއި، ރަންވޭ ކެލިބްރޭޓްކުރުން ހިމެނެއެވެ. އެއަރޕޯޓް ކުޑަކަމުގައި ވިޔަސް، ރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ވަރަށް ބޮޑު ހިއްސާއެއް ކޮށްފައިވެއެވެ. އަދި ފަތުރުވެރިކަން އިތުރުވުމާ ގުޅިގެން އައު ގެސްޓްހައުސްތަކާއި، ރެސްޓޯރަންޓްތަކާއި، ފިހާރަތައް އެރަށުގައި ހުޅުވިފައިވެއެވެ.
ފުރަތަމަ، އެއަރޕޯޓުން އަހަރަކު 12,500 ފަސިންޖަރުންނަށް ޚިދުމަތް ދެވުނު ކަމަށް ލަފާކުރެވުނެވެ. އަދި ފަހުން އެ އަދަދު 21,000 އަށް އިތުރުވާނެކަމަށް ބެލެވެއެވެ. އެއަރޕޯޓް ހުޅުވުނު ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 3,300 އަށްވުރެ ގިނަ ފަސިންޖަރުން އެއަރޕޯޓް ބޭނުންކުރިއެވެ. ފަހުގެ އަހަރުތަކުގައި ފަސިންޖަރުންގގެ އަދަދު އިތުރުވަމުން އަންނަ ކަމުގައި ވިޔަސް، މަރާމާތުކުރުމާއި ހިންގުމުގެ ޚަރަދުތައް ބޮޑުކަމުން، އެއަރޕޯޓް ހިންގުމަށް އަދިވެސް ބަރޯސާވަނީ އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުން ދޭ އަހަރީ ސަބްސިޑީއަށެވެ.
ސެންޓް ހެލީނާ އެއަރޕޯޓަކީ ހަމައެކަނި މަތިންދާބޯޓު ޖައްސާ ތަނަކަށްވުރެ މާ މުހިންމު ތަނެކެވެ. އެއީ އެތައް ޒަމާނެއް ވަންދެން އެކަހެރިވެފައިއޮތް ރަށެއްގެ ދިރިއުޅުން ބަދަލުކޮށްދިން ބާރެކެވެ. ބޮޑެތި އިންޖިނިއަރިންގ ހުރަސްތައް ފަހަނައަޅައި، ފުރާނަ ސަލާމަތްކުރެވޭ ފަދަ ޚިދުމަތްތަކާއި އިޤްތިޞާދީ ކުރިއެރުން ގެނެސްދިނުމާ ހަމައަށް، މި އެއަރޕޯޓަކީ ރޭވުންތެރި އަސާސީ ވަސީލަތްތަކުން ދުނިޔޭގެ އެންމެ އެކަހެރި ކަންކޮޅުތަކުގައި ވެސް މުޖުތަމަޢުތަކެއް ކުރިއެރުވޭނެކަން ދައްކުވައިދޭ މިސާލެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...