ވިޔަފާރި ވާހަކަދެއްކުމުގެ ހުނަރު – ވިޔަފާރީގެ ކާމިޔާބީގައި މުއާމަލާތްކުރުމުގެ ދައުރު
ވިޔަފާރި

ވާހަކަދެއްކުމުގެ ހުނަރު – ވިޔަފާރީގެ ކާމިޔާބީގައި މުއާމަލާތްކުރުމުގެ ދައުރު

meeting-5395567_1280-1-edited.jpg

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކާމިޔާބު ކޮންމެ ވިޔަފާރިއެއްގެވެސް އެންމެ މުހިންމު އަސާސަކީ އެކަށީގެންވާ ގޮތެއްގައި މުޢާމަލާތްކުރުމެވެ. ކުދި ވިޔަފާރިތަކުން ފެށިގެން ބޮޑެތި ކުންފުނިތަކާ ހަމައަށް، ޚިޔާލުތަކާއި، ކުރެވޭ އުންމީދުތަކާއި، އަދި އިސްލާހީ ފާޑުކިޔުންތައް ސާފުކޮށް ޙިއްސާކުރުމުގެ ޤާބިލުކަމަކީ ވިޔަފާރި ކުރިއަރާނެތޯ ނުވަތަ ނާކާމިޔާބުވާނެތޯ ކަނޑައަޅާ މައިގަނޑު ސަބަބެވެ. މުޢާމަލާތްކުރުމަކީ ހަމައެކަނި ވާހަކަދެއްކުމެއް ނުވަތަ ލިޔުމެއް ނޫނެވެ. އެއީ މީހުންގެ މެދުގައި ގުޅުން ބަދަހިކޮށް، އެންމެން އެއް އަމާޒަކަށް  ވާޞިލްވުމަށް ކުރާ މަޝްވަރާތައް ހާމަ ކޮއްދޭކަމެކެވެ.

މުއައްސަސާއެއްގެ އެތެރޭގައި ކުރެވޭ މުޢާމަލާތްތަކުގެ ސަބަބުން، މުވައްޒަފުންނަށް އެމީހުންގެ މަސްޢޫލިއްޔަތުތަކާއި ކުރަންޖެހޭ މަސައްކަތްތައް ސާފުކޮށް އެނގިގެންދެއެވެ. ސާފު އިރުޝާދުތައްދީ، ބިނާކުރަނިވި ގޮތެއްގައި މަސައްކަތުގެ ނަތީޖާއާ ބެހޭގޮތުން ވާހަކަދައްކާ މެނޭޖަރުންގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަކީ އުފެއްދުންތެރި، އަދި މަސައްކަތަށް ޝައުގުވެރިކަން ހުންނަ ބަޔެކެވެ. މިއާ ޚިލާފަށް، މުޢާމަލާތްކުރުމުގައި ދިމާވާ މައްސަލަތަކުގެ ސަބަބުން މަސައްކަތުގައި ގޯސްތައް ހެދުމާއި، ލަސްވުމާއި، އަދި މުވައްޒަފުން މާޔޫސްވުން ފަދަ ކަންކަން މެދުވެރިވެ، މުޅި މުއައްސަސާގެ ހިންގުންތެރިކަމަށް ބުރޫއަރައެވެ. މުޢާމަލާތްކުރުމުގެ މަގުތައް ހުޅުވިފައި އޮތުމަކީ މުވައްޒަފުންގެ އައު ޚިޔާލުތަކާއި ކަންބޮޑުވުންތައް ފާޅުކުރުމަށް ލިބޭ ފުރުޞަތެކެވެ. މީގެ ސަބަބުން އައު އީޖާދުތަކަށް މަގުފަހިވެ، މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން އިތުރުވެގެންދެއެވެ.

ކަމޭދުންނާ އޮންނަ ގުޅުން ބިނާވެފައިވަނީވެސް މުޢާމަލާތްކުރުމުގެ ހުނަރުގެ މައްޗަށެވެ. އުފެއްދުންތަކާ ބެހޭ މަޢުލޫމާތު ސާފުކޮށް ފޯރުކޮށްދީ، ކަމޭދުންގެ ސުވާލުތަކަށް އަވަސް ޖަވާބެއްދީ، އަދި ޝަކުވާތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދޭ ވިޔަފާރިތަކަކީ ފަންނީ ގޮތުން ޤާބިލު އަދި އިތުބާރު ހުރި ތަންތަނެވެ. މީގެ ސަބަބުން ކަމޭދުންގެ އިތުބާރު ލިބުމުގެ އިތުރުން، ވާދަވެރި ބާޒާރެއްގައި ވިޔަފާރި ދެމެހެއްޓުމަށް ބޭނުންވާ ކަމޭދުންގެ ވަފާތެރިކަންވެސް އިތުރުވެގެންދެއެވެ.

ކުންފުންޏެއްގެ އެކި ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުމަކީވެސް މުޢާމަލާތްކުރުން މުހިންމުވާ ދާއިރާއެކެވެ. މާކެޓިންގ، ފައިނޭންސް، އޮޕަރޭޝަންސް އަދި ހިއުމަން ރިސޯސަސް ޓީމުތަކުގެ މެދުގައި މަޢުލޫމާތު ފަސޭހަކަމާއެކު ބަދަލުކުރެވުމަކީ، ރަނގަޅު ނިންމުންތައް ނިންމުމަށާއި މުއައްސަސާގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ހަރުދަނާ މުޢާމަލާތްތަކުގެ ސަބަބުން މި ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން އޮމާންވެ، އޮޅުންތައް މަދުވެ، އަދި ދިމާވާ މައްސަލަތަކަށް އަވަސް ހައްލު ހޯދުމަށް މަގުފަހިވެއެވެ.

އިސްވާރުން ނުވަތަ އިސްވެރިއެއްގެ ދައުރަކީ މުޢާމަލާތްކުރުމުގެ ހުނަރާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. ކާމިޔާބު އިސްވާރުންނަކީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ހިއްސާކުރުމާއި، އަނެކުންގެ ވާހަކަ އަޑުއެހުމާއި، އަދި ސާފު މެސެޖުތައް ފޯރުކޮށްދިނުމުގެ ތެރެއިން މުވައްޒަފުންނަށް ހިތްވަރުދީ މަގުދައްކައިދޭ ބަޔެކެވެ. އެފަދަ ބޭފުޅުން މުއާމަލާތްކުރުމުގެ ބޭނުން ހިފަނީ ބަދަލުވަމުންދާ ހާލަތްތައް މެނޭޖުކުރުމަށާއި، އިސްތިރާޖީތައް އެއްގޮތްކުރުމަށާއި، އަދި މަސައްކަތުގެ މާހައުލުގައި އެދެވޭ ޘަޤާފަތެއް ޤާއިމުކުރުމަށެވެ.

ހަލުވިކަމާއެކު ކުރިއަރަމުންދާ މިއަދުގެ ވިޔަފާރީގެ ދުނިޔޭގައި، މުޢާމަލާތްކުރުމަށް އިސްކަންދޭ ކުންފުނިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެއެވެ. އެއީ މުއައްސަސާގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށް ކަމުގައިވިޔަސް، ކަމޭދުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް ކަމުގައިވިޔަސް، ނުވަތަ ޓީމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް އައު އީޖާދުތަކަށް މަގުފަހިކުރުމަށް ކަމުގައިވިޔަސް، މުއާމަލާތްކުރުމަކީ ކާމިޔާބީގެ މައިގަނޑު ތަޅުދަނޑިއެވެ. ނަތީޖާއެއްގެ ގޮތުން، މުއައްސަސާގެ އެތެރެއާއި ބޭރުގައިވެސް މުއާމަލާތްކުރުމުގެ ހުނަރު އަށަގަންނުވާފައިވާ ވިޔަފާރިތަކަކީ، ކުރިއެރުމާއި، ބަދަލުވާ ހާލަތްތަކަށް ހޭނުމާއި، އަދި ކާމިޔާބީގައި ދެމިއޮތުމުގެ ފުރުޞަޠު އެންމެ ބޮޑު ވިޔަފާރިތަކެވެ.

ޓެގް

މުއާމަލާތްކުރުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.