އާދަޔާޚިލާފު ޗައިނާގެ ބޮޑު ފާރު – ތާރީޚާއި ކެތްތެރިކަން ރަމްޒުކޮށްދޭ އާދަޔާ ޚިލާފު ބިނާއެއް
އާދަޔާޚިލާފު

ޗައިނާގެ ބޮޑު ފާރު – ތާރީޚާއި ކެތްތެރިކަން ރަމްޒުކޮށްދޭ އާދަޔާ ޚިލާފު ބިނާއެއް

wall.webp

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޗައިނާގެ ބޮޑު ފާރަކީ އިންސާނީ ތާރީޚުގައި ބިނާކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ އަދި ކުރެވިފައިވާ އެންމެ ބޮޑު އެއް މަސައްކަތެވެ. ޗައިނާގެ އުތުރު ސަރަހައްދުގައި 21,000 ކިލޯމީޓަރަށްވުރެ ދިގުކޮށް ފެތުރިފައިވާ މި ފާރަކީ ހަމައެކަނި ފާރެއް ނޫނެވެ. އެއީ ޗައިނާގެ ދެމިއޮތް ބާރާއި، އައު އީޖާދުތައް ކުރުމުގެ ގާބިލުކަމާއި، އަދި ސާބިތުކަމުގެ ރަމްޒެކެވެ.

މި ފާރު ބިނާކުރަން ފެށިފައިވަނީ މީގެ 2,000 އަހަރަށްވުރެ ކުރިން، އެމްޕަރަރ ކިން ޝީ ހުއާންގެ ވެރިކަމުގައި، ކިން ދަރިކޮޅުގެ ދުވަސްވަރުއެވެ. މި ފާރު ބިނާކުރުމުގެ މައިގަނޑު މަގުސަދަކީ އެޤައުމުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމެވެ. އެއީ އުތުރުގެ ގަބީލާތަކުން، ޚާއްސަކޮށް ޒިއޮންގްނޫ ފަދަ ގަބީލާތަކުންދޭ ހަމަލާތަކުން ޗައިނާގެ ދައުލަތްތަކާއި އެމްޕަޔަރުތައް ރައްކާތެރިކުރުމަށެވެ. މިފާރު ބިނާކުރެވުނު ފަހުން އެތައް ޤަރުނެއް ވަންދެން، ތަފާތު ދަރިކޮޅުތަކުން މި ފާރު އިތުރަށް ފުޅާކޮށް، މަރާމާތުކޮށް، އަދި ވަރުގަދަކުރިއެވެ. މީގެ އިތުރުން ފާރުގެ އެކި ހިސާބުތަކުގައި ފޯރިމަރާ ބުރުޖުތަކާއި، ސިފައިން ތިބޭ މަރުކަޒުތަކާއި، ދުމާއި އަލިފާން ބޭނުންކޮށްގެން ސިގްނަލް ފޮނުވާ ނިޒާމުތައް ގާއިމުކުރިއެވެ.

ޗައިނާގެ ބޮޑު ފާރު ބިނާކުރުމަކީ އިންތިހާ ބޮޑު މަސައްކަތެކެވެ. މި މަސައްކަތުގައި އެތައް މިލިއަން ސިފައިންނާއި، ދަނޑުވެރިންނާއި، އަދި އެކި ކުށްކުށުގައި ޙުކުމް ތަންފީޒު ކުރަމުންދިޔަ ކުށްވެރިން ބައިވެރިވިއެވެ. އެމީހުން މަސައްކަތްކުރަން ޖެހުނީ ވަރަށް ދަތި އުނދަގޫ ހާލަތްތަކުގައެވެ. ބުރަ މަސައްކަތާއި އުނދަގޫ ސަރަހައްދުތަކުގައި އުޅެން ޖެހުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލުނެވެ. ބައެއް ފޯލްކްލޯރތައް ނުވަތަ ތުންތުންމަތިން އައިސްފައިވާ ވާހަކަތަކުގައިވާ ގޮތުން، މަސައްކަތުގެ ތެރޭގައި މަރުވި މީހުން ވަޅުލާފައިވަނީވެސް ހަމަ އެ ފާރުގެ ތެރޭގައެވެ. މިފަދަ ހިތްދަތި ގޮންޖެހުންތަކާއެކުވެސް، މި ފާރު ދެމިހުރުމަކީ ޗައިނާގެ ރައްޔިތުންގެ ސާބިތުކަމާއި ކެތްތެރިކަން ހާމަކޮށްދޭ ކަމެކެވެ.

އަސްކަރީ ބޭނުންތަކުގެ އިތުރުން، ބޮޑު ފާރަކީ ޗައިނާގެ އެއްބައިވަންތަކަމާއި ބާރުވެރިކަމުގެ ރަމްޒެކެވެ. އަދި ‘ސިލްކް ރޯޑް’ގެ ވިޔަފާރިއާއި މުޢާމަލާތްތަކަށްވެސް މި ފާރުގެ ސަބަބުން ފަސޭހަވެގެންދިޔައެވެ. އެއީ އިޤްތިޞާދީ ގޮތުންނާއި ޘަޤާފީ ގޮތުން މުޅި އެމްޕަޔަރު ގުޅުވާލަދީ، ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ސަބަބުންނެވެ. މިއަދު މި ފާރު ބަލާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ފަތުރުވެރިންނެއް ޒިޔާރަތްކުރެއެވެ. އެމީހުން ހައިރާންވަނީ މި ފާރުގެ ބޮޑުމިނާއި، އޭގެ ފަރުމާގެ ފުރިހަމަކަމާއި، އަދި އެތަނުން ފެންނަ ހިތްގައިމު މަންޒަރުތަކުގެ ސަބަބުންނެވެ.

ޓެގް

ބޮޑު ފާރު ޗައިނާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.