ތުރުކީވިލާތުގެ މެދުތެރޭގައިވާ ކަޕަޑޯކިއާ ސަރަހައްދުގައި ފެންނަން އޮތް “ޑެރިންކުޔޫ” އަކީ ދުނިޔޭގެ އާސާރީ ހޯދުންތަކުގެ ތެރެއިން އެންމެ އާދަޔާޚިލާފު އެއް ތަނެވެ. ނެވްޝެހީރު ޕްރޮވިންސްގެ ޒަމާނީ އަވަށެއްގެ ބިމުގެ އަޑީގައި ފޮރުވިފައިވާ މި ބިޔަ ސިޓީއަކީ، ނުރައްކާތެރި ހާލަތްތަކާއި، ކުރިމަތިވި ގޮންޖެހުންތަކުން ސަލާމަތްވުމަށްޓަކައި އެވޭލާ ޒަމާނުގެ މީހުން ކޮށްފައިވާ ހިކުމަތްތެރި މަސައްކަތުގެ ދިރިހުރި ހެއްކެކެވެ. އަލިފާން ފަރުބަދައިގެ މަޑު ހިލައިގެ ތެރޭގައި ކޮނެގެން ހަދާފައިވާ މި ސިޓީއަކީ އެތައް ގަރުނެއް ވަންދެން ވަންހަނާވެފައި އޮތް ތަނެކެވެ. މިތަން އަލުން ފެނުނީ 1963 ވަނަ އަހަރު، އެ ސަރަހައްދުގެ މީހަކު އޭނާގެ ގޭގެ މަރާމާތު މަސައްކަތެއް ކުރަނިކޮށް، ފަރުދާވެފައިވާ ސިއްރު މަގެއް ފެނުމާ ގުޅިގެންނެވެ.
ޑެރިންކުޔޫ، ބިމުގެ އަޑިއަށް ގާތްގަނޑަކަށް 85 މީޓަރުގެ ފުންމިނަށް ފެތުރިފައިވާއިރު، މިތަނުގައި މަދުވެގެން 18 ފަންގިފިލާގެ އުސްމިން ހުރެއެވެ. މިއީ ކަޕަޑޯކިއާ ސަރަހައްދުން މިހާތަނަށް ފެނުނު އެންމެ ފުން ބިމު އަޑީގެ ސިޓީއެވެ. އާސާރީ ދިރާސާތަކުން ދައްކާ ގޮތުގައި، މި ސިޓީގައި އެއްފަހަރާ 20,000 މީހުންނަށް ދިރިއުޅެވޭނެ ފުރުސަތު އޮތެވެ. މީހުން ދިރިއުޅޭ ކޮޓަރިތަކާއި، ގުދަންތަކާއި، ބަދިގެތަކާއި، ގެންގުޅޭ ޖަނަވާރުން ބައިތިއްބާ ތަންތަނުގެ އިތުރުން، ތަޢުލީމީ މަރުކަޒުތަކާއި އަޅުކަންކުރާ ތަންތަންވެސް މި ސިޓީގައި ގާއިމުކޮށްފައިވެއެވެ. މިއީ ހަމައެކަނި ވަގުތީ ހިޔާވައްސެއްގެ ބަދަލުގައި، ދިގު މުއްދަތަކަށް ދިރިއުޅުމަށް ފަރުމާކޮށްފައިވާ ފުރިހަމަ ސިޓީއެކެވެ.
މި ސިޓީގެ އިންޖިނިއަރިން ފަރުމާއަކީ ބަލާލަން ނުހަނު ފާހަގަކޮށްލެވޭ މަސައްކަތެކެވެ. ސިޓީގެ އެންމެ ފުން ސަރަހައްދުތަކަށް ތާޒާ ވައި ފޯރުކޮށްދިނުމަށްޓަކައި 50 އަށްވުރެ ގިނަ ވައި ދައުރުކުރާ ހޮޅިތައް ނުވަތަ ވެންޓިލޭޝަން ޝާފްޓްސް ހަދާފައިވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑެތި ހޮޅިތައް ވަޅުގެ ގޮތުގައިވެސް ބޭނުންކޮށްފައިވެއެވެ. މީގެ އިތުރުން، ބޭރުގެ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި، ސިޓީގެ އެކި ހިސާބުތަކުގައި، ވަށްކޮށް ހުންނަ ބޮޑެތި ބަރު ހިލައިގެ ދޮރުތައް ހަރުކޮށްފައިވެއެވެ. މި ދޮރުތަކަކީ ހަމައެކަނި އެތެރެއިން ބަންދުކުރެވޭ ގޮތަށް ހުރި ދޮރުތަކެކެވެ.
މި ސިޓީގެ އަސްލު ފެށުން ސީދާ އެނގެން ނެތް ނަމަވެސް، ހޯދުންތަކުން ދައްކާ ގޮތުގައި މިތަން ފުރަތަމަ ކޮންނަން ފަށާފައިވަނީ މީލާދުގެ ކުރިން 8 ވަނަ ނުވަތަ 7 ވަނަ ގަރުނުގެ ތެރޭގައެވެ. ނަމަވެސް، މި ސިޓީ އެންމެ ބޮޑަށް ފުޅާކޮށް ތަރައްގީކޮށްފައިވަނީ މީލާދީން 4 ވަނަ ގަރުނާއި 12 ވަނަ ގަރުނާ ދެމެދު ބައިޒެންޓައިން ދައުރުގައެވެ. އެ ޒަމާނުގައި ކުރިމަތިވި ހަނގުރާމަތަކާއި ބޭރުގެ ހަމަލާތަކުން ރައްކާތެރިވުމަށް މުޅި އާބާދީތައް ބިމުގެ އަޑިއަށް ބަދަލުވެ، ދިގު މުއްދަތަކަށް އެތަނުގައި ދިރިއުޅެފައިވެއެވެ.
ތާރީޚީ ލިޔުންތަކާއި ހޯދުންތަކުން އެނގޭ ގޮތުގައި، މެދުޒަމާނުން ފެށިގެން 20 ވަނަ ގަރުނުގެ ކުރީކޮޅާ ހަމައަށްވެސް މި ސިޓީ ބޭނުންކުރަމުން ގޮސްފައިވެއެވެ. ނަމަވެސް 1920 ގެ އަހަރުތަކުގައި ތުރުކީއާއި ގްރީސްގެ އާބާދީ ބަދަލުކުރުމާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅުނު ގިނަ ބަޔަކު އެތަން ދޫކޮށް ދިޔުމުން، ސިޓީ ފަޅުވެ، ހަނދާން ނެތިގެން ދިޔައީއެވެ.
މިއަދު ޑެރިންކުޔޫ ފެންނަން އޮތީ އިންސާނުންގެ ހިކުމަތްތެރިކަމާއި ކެތްތެރިކަމުގެ ނަމޫނާއެއްގެ ގޮތުގައެވެ. މި ސިޓީގެ ބައެއް ބައިތައް މިހާރު ވަނީ އާންމުންނަށް ޒިޔާރަތްކުރެވޭ ގޮތަށް ހުޅުވާލެވިފައެވެ. އެތައް ގަރުނެއްވީ ބިރުވެރިކަމާއި، އެކުވެރިކަމުގެ ތެރެއިން އުފެދިފައިވާ މި ފޮރުވިފައިވާ ދުނިޔެއަކީ، މިއަދުވެސް އިންޖިނިއަރިންގެ ދާއިރާއިންނާއި ތާރީޚީ ގޮތުން އެތައް އަޖައިބުތަކެއް ފެންނަން އޮތް ތަނެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...