މާލެ ޓެކްސީ ލައިނަށް ޚާއްޞަކޮށްގެން ގެނައި އިލެކްޓްރިކް އުޅަނދުތަކުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ރާއްޖެ ގެނެވިއްޖެއެވެ. އަދި މި އުޅަނދުތައް ހުޅުމާލެ ޕޯޓުން ކްލިއަރެންސް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށް، މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ޙަވާލު ކުރެވިފައިވާ މޯލްޑިސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. މި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން އޮނަރަބަލް މުޙައްމަދު އަމީނާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ ވަނީ މިއަދު އެ ސަރަޙައްދަށް ޒިޔާރަތްކުރައްވާފައެވެ.
ޓެކްސީގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި މާލޭގައި ރައްޔިތުންނަށް ނުލިބުމުގެ ޝަކުވާއަކީ ބޮޑުވެފައިވާ ޝަކުވާއެކެވެ. އެކި ގޮތްގޮތަށް މަސައްކަތް ކޮށްގެންވެސް މިކަމަށް ޙައްލެއް ނުލިބި ވަރަށް ދިގު މުއްދަތެއް މިހާރުވަނީ ހޭދަވެފައެވެ.
ރައްޔިތުންނަށް ނުހަނު ބޭނުންތެރި މި ދަތުރުފަތުރުގެ ޚިދުމަތް ތަޢާރަފުކުރުމަކީ އެމްޓީސީސީއަށް ލިބޭ ވަރަށް ބޮޑު ފަޚުރެއްކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި އެކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ރައްކާތެރި، އިތުބާރު ހިފޭ، އަދި ލުއިފަސޭހަ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށްވެސް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. މި ޚިދުމަތް ފަށަން ތަފާތު 3 ސައިޒެއްގެ އުޅަނދު މާލެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ،
މާލޭގައި ސަރުކާރުން ޓެކްސީގެ ޚިދުމަތް ދިނުމުގައި ބޭނުންކުރާނީ މުޅިންވެސް އިލެކްޓްރިކް ކާރުކަމަށްވާތީ، މިއީ ތިމާވެއްޓާ ރައްޓެހި އުޅަނދު ތަކެއް ކަމަށް މީގެކުރިން ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...