މާލޭގެ ސާޅީސްވަނަ ސްކައުޓް ގްރޫޕާއި އެމްއެންޑީއެފް މެޑިކަލް ކޯރ ގުޅިގެން “ސީޕީއާރު-އޭއީޑީ” އާއި “ސްޓޭންޑަރޑް ފަސްޓްއެއިޑް” ކޯހެއް ފަށައިފިއެވެ.
މާރިޗު މަހު 23 އިން 29 އަށް ހިިރިޔާ ސްކޫލްގައި ކުރިއަށް ގެންދާ މި ކޯހުގައި މާލޭގެ ސާޅީސްވަނަ ސްކައުޓް ގްރޫޕްގެ 8 ސްކައުޓުންނާއި، އަމީނިއްޔާ ސްކޫލްގެ 3 ސްކައުޓުންނާއި، ހިރިޔާ ސްކޫލުގެ 4 ސްކައުޓުންގެ އިތުރުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ 7 ސްކައުޓުން ބައިވެރިވެއެވެ.
މި ކޯހުގައި ފަސްޓްއެއިޑަކީ ކޮބާ ކަމާއި، ނޭވާލާ ނިޒާމުގެ އިތުރުން، ކާޑިއޯވަސްކިއުލަރ ނިޒާމާއި، ސީޕީއާރު ދޭނެ ގޮތާއި، ހޭނެތިފަައިވާ މީހަކަށް ފަރުވާދޭނެ ގޮތާއި، ޒަޚަމްވެ ލޭއައުން ފަދަ ކަންކަން މެނޭޖްކުރުމާއި، ފިހުމުން ފަރުވާދޭންވީ ގޮތާއި އެއާ ގުޅުންހުރި ފަސްޓް އެއިޑް މެނޭޖްމަންޓް ފަދަ ބައިތައް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، މެޑިކަލް އިމަރޖެންސީތައް ކަމުގައިވާ ހާޓް އެޓޭކާއި، ނޭވާހިއްލުމާއި، ސްޓްރޯކްގެ އިތުރުން، ކުއްލި ޙާލަތުގައި ބަލިމީހަކު އުފުލާނެ ގޮތާއި، ހީޓް ސްޓްރޯކާއި، ހީޓް އެގްޒޯސްޝަން އަދި ހީޓް ކްރޭމްޕްސްގެ ބައިތައްވެސް އެމްއެންޑީއެފް މެޑިކަލް ކޯރގެ މެޑިކުން މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެެވެ. މި ކޯހުގެ ބައިވެރިންގެ ފެންވަރު ވަޒަން ކުރުމުގެ ގޮތުން، ކޯހުގައި ކިޔަވައިދެވޭ އެއްޗެހީގެ ތިއަރީ އިމްތިޙާނުގެ އިތުރުން ޕްރެކްޓިކަލް ޓެސްޓުތައްވެސް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ކޯސް ފުރިހަމަކުރާ ސްކައުޓުންނަށް އެކުދިންގެ ޕްރޮފިޝެންސީ ބެޖުތައް ކަމަށްވާ ފަސްޓްއެއިޑް ބެޖާއި އެމްބިއުލާންސް ބެޖް ޙާޞިލްވާނެކަމަށް މާލޭގެ ސާޅީސްވަނަ ސްކައުޓް ގްރޫޕްގެ ފަރާތުން މަޢުލޫމާތު ދެއްވައެވެ. މިއީ އެ ސްކައުޓް ގްރޫޕުން އިންތިޒާމުކޮށްގެން އެމް.އެން.ޑީއެފްއާ ގުޅިގެން މި ކޯސް ބާއްވާ ދެވަނަ ފަހަރެވެ. އެގޮތުން މީގެ ފުރަތަމަ ކޯސް ބޭއްވީ 2024 ވަނަ އަހަރުއެވެ.
މާލޭގެ ސާޅީސްވަނަ ސްކައުޓް ގްރޫޕަކީ އެއްވެސް ސްކޫލަކަށް ނިސްބަތްނުވާ ގޮތަށް، ސްކައުޓް ޙަރަކާތުގެ ޢުމުރުފުރާތައް ކަމަށްވާ، ސްކައުޓާއި ރޯވަރ ސްކައުޓުން ބައިވެރިކޮށްގެން މާލޭގައި ހިންގާ ހަމައެކަނި ސްކައުޓް ގްރޫޕެވެ. މި ގްރޫޕްގެ ފަރާތުން ހިންގާ ބައެއް ކަންކަމުގައި އެހެން ބައެއް ސްކައުޓް ގްރޫޕްތަކުގައި އުޅޭ ސްކައުޓުންނަށްވެސް ބައެއްފަހަރު ފުރުޞަޠު ދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...