ޓައިވާނުގެ ފިރިހެނަކު އޭނާގެ އަމިއްލަ ތަޖުރިބާގެ އަލީގައި، އުމުރުން 40 އަހަރުން މަތީގެ މީހުން ރޯލަރ ކޯސްޓަރަށް އެރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ. އޭނާ މި އިންޒާރު ދީފައިވަނީ ރޯލަރ ކޯސްޓަރަށް އެރުމުގެ ސަބަބުން ސިކުނޑިއަށް ލޭ އެޅި މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ޙާލަތެއް މެދުވެރިވެދާނެތީއެވެ.
މީސްމީޑިއާ ޕްލެޓްފޯމް ‘ތްރެޑްސް’ ގައި މި ވާހަކަ ހިއްސާކުރަމުން އެ މީހާ ބުނި ގޮތުގައި، މިދިޔަ އޮގަސްޓް މަހު އޭނާ އަބޫދާބީއަށް ކުރި ދަތުރެއްގައި، އެތަނުގެ މަޝްހޫރު ‘ފެރާރީ ވޯލްޑް’ ގެ ރޯލަރ ކޯސްޓަރަށް އެރިއެވެ. މިއީ އޭގެ ބާރުމިނާއި ‘ޖީ-ފޯސް’ ގަދަކަމަށް މަޝްހޫރު އެއްޗެކެވެ. ރޯލަރ ކޯސްޓަރުން ފޭބި ވަގުތުން ފެށިގެން އޭނާއަށް އުނދަގޫތަކެއް ވާން ފެށި ނަމަވެސް، އެއީ ވަގުތީ ކަމެއް ކަމަށް ބަލައި އޭނާ އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ނަމަވެސް، އެރޭ މުޅި ރޭ ބޯއެނބުރުން ހުރި ކަމަށާއި، ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ޙާލަތު ގޯސްވަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.
ޓައިވާނަށް އެނބުރި ދިޔުމަށްފަހު ބޮލުގައި ރިއްސުން އިތުރުވަމުން ދިޔަ ނަމަވެސް، ހެދި ސީޓީ ސްކޭންތަކުން އެއްވެސް މައްސަލައެއް ނުފެނެއެވެ. އެހެންނަމަވެސް، މިދިޔަ ހަފުތާގައި ކުއްލިއަކަށް އޭނާ އަނބުރައިގަނެގެން ވެއްޓުމާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ހެދި ސްކޭންތަކުން، ސިކުނޑީގެ ދުލިފަށުގެ ދަށަށް ވަރަށް ބޮޑަށް ލޭ ފޭދިފައިވާކަން އެނގުނެވެ.
އުމުރުން 40 އަހަރުގެ މި މީހާގެ ސިކުނޑީގައި ޖަމާވެފައި ހުރި ލޭ ނެގުމަށް ކުއްލި އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. ޑޮކްޓަރުން ބުނި ގޮތުގައި މިއީ އާދައިގެ ސްޓްރޯކެއް ނޫނެވެ. މިއީ ބާރުގަދަ ގުޑުންތަކެއްގެ ސަބަބުން ސިކުނޑީގައި މަޑުމަޑުން ލޭ ޖަމާވަމުން ދިޔުމުގެ ނަތީޖާއެވެ. އަދި އޭނާ ގާތުގައި މިފަހުން ރޯލަރ ކޯސްޓަރަކަށް އެރިންތޯ ވެސް ޑޮކްޓަރުން އެހިއެވެ.
ސިއްޙީ މާހިރުން ހާމަކުރާ ގޮތުގައި، އުމުރުން ދުވަސްވާ ވަރަކަށް ސިކުނޑި ކުޑަކޮށް ހިިނދެއެވެ. މީގެ ސަބަބުން ސިކުނޑިއާއި ނާށިގަނޑާ ދެމެދު އޮންނަ ހުސްތަން ބޮޑުވެ، ރޯލަރ ކޯސްޓަރު ފަދަ ބާރުމިން ބަދަލުވާ އެއްޗެހީގައި އިންނައިރު ސިކުނޑި ގުޑުމުގެ ފުރުޞަތު ބޮޑުވެއެވެ. އަދި އުމުރުން ދުވަސްވުމުން ލޭނާރުތަކުގެ ދެމޭ ބާރު ކުޑަވުމަކީ، މިފަދަ ޙާލަތްތަކުގައި ލޭނާރުތައް ފަޅައިގެން ދިޔުމަށްވެސް މެދުވެރިވާ ސަބަބެކެވެ.
މި މީހާގެ މި ވާހަކަ މީސްމީޑިއާގައި ވަރަށް ބޮޑަށް ފެތުރިގެން ދިޔައިރު، އުމުރުން 40 އަހަރުން މަތީގެ އެހެން ބައެއް މީހުން ވެސް ވަނީ އެމީހުންގެ މިފަދަ ތަޖުރިބާތައް ހިއްސާކޮށްފައެވެ.
“އަހަރެންގެ އުމުރަކީ 50 އަހަރު. ޖެނުއަރީ މަހު ފްރާންސްގެ ޑިޒްނީލޭންޑަށް ގޮސް ރޯލަރ ކޯސްޓަރަށް އެރިއިރު އެއްވެސް އުނދަގުލެއް ނުވޭ. އެކަމަކު އެނބުރި އައިތާ ދުވަސްކޮޅެއް ފަހުން ކުއްލިއަކަށް ލޮލުގެ ފެނުމަށް މައްސަލަ ދިމާވެ ލޯ ފަޅައިގެން ގޮސް ލޭ އަންނަން ފެށީ. އަދި ފަހުން ބޯއެނބުރުން ހުރެގެން ޗެކްއަޕް ހެދިއިރު ކަންފަތުގެ އެތެރޭގެ މައްސަލައެއް ދިމާވެފައިވާކަން އެނގުނު. ދެން ދުވަހަކުވެސް އެފަދަ އެއްޗަކަށް އަރާކަށް ނުކެރޭނެ،” މީހަކު ކޮމެންޓް ކޮށްފައިވެއެވެ.
އެހެން މީހަކު ލިޔެފައިވާ ގޮތުގައި، ލޮލުގެ ޑޮކްޓަރަށް ދެއްކުމުން، ކައިރިން ނުފެންނަ މީހުން ނުވަތަ ހައި މަޔޯޕިއާ ރޯލަރ ކޯސްޓަރު ނުވަތަ ‘ބަންޖީ ޖަމްޕިންގް’ ފަދަ ކަންކަމާ ދުރުވާން ޑޮކްޓަރު ލަފާދެއްވިއެވެ. އެއީ އެފަދަ ކުޅިވަރުތަކުގައި ވާ ގަދަ ގުޑުންތަކުގެ ސަބަބުން ލޮލުގެ ފަހަތު ފަށަލަ ނުވަތަ ރެޓީނާ ވަކިވުމުގެ ފުރުޞަތު ބޮޑުވާތީއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...