އިންޑިއާގެ ގުޖުރާތުގައި އަލަށް ހުޅުވި “ސޫރަތު ޑައިމަންޑް ބޯރސް” އަކީ މެދުތެރެއިން ގުޅިފައިވާ ނުވަ އިމާރާތުގެ މައްޗަށް އެކުލެވޭ ބިޔަ އޮފީސް ކޮމްޕްލެކްސެކެވެ.
ދުނިޔޭގެ އެންމެ ބޮޑު އޮފީސް އިމާރާތުގެ ޝަރަފު ވޭތުވެދިޔަ 80 އަހަރު ދަމަހައްޓަމުން އައީ އެމެރިކާގެ ޕެންޓަގަން އިންނެވެ. ނަމަވެސް، ޖަވާހިރު ކޮށުމާއި އޭގެ ވިޔަފާރިކުރާ މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރި ސޫރަތު ޑައިމަންޑް ބޯރސް އިން މިހާރު ވަނީ އެ މަޤާމު އަތުލާފައެވެ. ޖުމްލަ 66.7 ލައްކަ އަކަފޫޓަށްވުރެ ބޮޑު ސަރަޙައްދެއްގައި ފެތުރިފައިވާ މި އިމާރާތް، ޕެންޓަގަންއަށްވުރެ ގާތްގަނޑަކަށް 55،000 އަކަފޫޓު ބޮޑެވެ. ގުޖުރާތުގެ ސޫރަތުގެ އަވަށެއްގައި 35 އޭކަރުގެ ބިމެއްގައި ބިނާކޮށްފައިވާ މި 15 ބުރީގެ ކޮމްޕްލެކްސްގައި 4،700 އަށްވުރެ ގިނަ އޮފީސްތަކާއި މަސައްކަތްކުރާ ތަންތަން ހުރެއެވެ. އަދި މި ނުވަ އިމާރާތުގެ ދެމެދުގައި ފަސޭހައިން ދަތުރުފަތުރު ކުރުމަށްޓަކައި ބޮޑު 131 ލިފްޓު ހަރުކޮށްފައިވެއެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، ޕެންޓަގަންއަށްވުރެ ބޮޑު އިމާރާތެއް އެޅުމަކީ މި މަޝްރޫޢުގެ އަސްލު މަޤްޞަދެއް ނޫނެވެ. އެހެންނަމަވެސް، މި ބިޔަ އިމާރާތް ފަރުމާކުރި “މޯފޯޖެނެސިސް” ކުންފުނިން ބުނާގޮތުގައި، މިވަރުގެ ބޮޑު އިމާރާތެއް ބިނާކުރަން ޖެހުނީ އެތަނުން ޖާގަ ހޯދުމަށް އޮތް ޑިމާންޑް ބޮޑުކަމުންނެވެ.
“އަޅުގަނޑުމެން ބޭނުންވީ އެ ސަރަޙައްދުގެ އާދަކާދަތަކާއި މުޖުތަމަޢާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ، ފާހަގަކޮށްލެވޭ ފަދަ ބިނާއެއް ހަދަން،” މޯފޯޖެނެސިސްގެ ކޯ-ފައުންޑަރ ސޮނާލީ ރަސްތޯގީ ވިދާޅުވިއެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި، މި އިމާރާތް ފަރުމާކުރުމުގައި ބޮޑަށް އިސްކަންދީފައިވަނީ ވަކި ޚާއްޞަ އާކިޓެކްޗަރަލް ސްޓައިލަކަށްވުރެ ބޮޑަށް، ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ފަރުމާއަކަށެވެ.
ސޫރަތު ޑައިމަންޑް ބޯރސް ވެގެންދާނީ ބައިނަލްއަޤްވާމީ ޖަވާހިރާއި ގަހަނާގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ޒަމާނީ މަރުކަޒަށެވެ. ދުނިޔޭގެ ޖަވާހިރުގެ 90 އިންސައްތައިގެ މަސައްކަތް ކުރެވެނީ ސޫރަތުގައި ކަމަށްވުމާއެކު، ހުރިހާ މަސައްކަތްތެރިންނާއި ވިޔަފާރިވެރިން އެއް ފުރާޅެއްގެ ދަށަށް ގެނައުމަކީ މި މަޝްރޫޢުގެ މައިގަނޑު ބޭނުމެވެ. މި އިމާރާތް ފަރުމާކޮށްފައިވަނީ އެއާޕޯޓް ޓާމިނަލެއްގެ ސިފަ ޖެހޭގޮތަށް، މެދުތެރެއިން ދިގު ކޮރިޑޯއަކުން ގުޅުވާލެވިފައިވާ ނުވަ ބްލޮކްގެ މައްޗަށެވެ.
ދުނިޔޭގެ އެންމެ ބޮޑު އޮފީސް އިމާރާތުގެ މަޝްރޫޢަށް 32 ބިލިއަން އިންޑިއަން ރޫޕީސް ހޭދަވިއެވެ. އެމެރިކާ ޑޮލަރުން ބަލާނަމަ އެއީ ގާތްގަނޑަކަށް 388 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ބޮޑު ޚަރަދެއް ނަމަވެސް، ސޫރަތުގެ ފުޅާވަމުންދާ ޖަވާހިރުގެ ވިޔަފާރި އެއްތަނަކަށް ޖަމާކުރުމަށް މިއީ މުހިންމު ވުނައެކެވެ. އިމާރާތުގެ ބިޔަކަމާއެކުވެސް، ސްމާޓް ސިސްޓަމަކުން ކޮންޓްރޯލްކުރާ 131 ލިފްޓުގެ އެހީގައި، ކޮންމެ ޓަވަރެއްގެ އެންމެ މައްޗަށްވެސް އެވްރެޖްކޮށް ހަ މިނެޓު ތެރޭގައި ދެވޭނެއެވެ.
މި ބިޔަ ކޮމްޕްލެކްސްގައި އެއްފަހަރާ 65,000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ދެވޭއިރު، 4,500 ކާރާއި 10,000 ސައިކަލު ޕާކުކުރެވޭނެ ޖާގަ އޮވެއެވެ. މިއީ މިޒަމާނުގެ ކުޑަ ރަށެއްގެ އާބާދީއަށްވުރެ ވެސް ބޮޑު މިންވަރެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...