ޚަބަރު އިނގިރޭސިވިލާތުން ކުރި އަޅުވެތިކަމަކީ ބޮޑު ބޭއިންސާފެއް - ރަސްގެފާނު ޗާލްސް
ޚަބަރު

އިނގިރޭސިވިލާތުން ކުރި އަޅުވެތިކަމަކީ ބޮޑު ބޭއިންސާފެއް - ރަސްގެފާނު ޗާލްސް

އިނގިރޭސިވިލާތުން ކުރި އަޅުވެތިކަމަކީ ބޮޑު ބޭއިންސާފެއް - ރަސްގެފާނު ޗާލްސް
އިނގިރެސި ރަސްގެފާނު ޗާލްސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެޓްލާންޓިކް ކަނޑު ހުރަސްކޮށް ހިންގި އިންސާނުން އަޅުންގެ ގޮތުގައި ވިއްކުމުގެ ވިޔަފާރިއަކީ ތާރީޚުގެ ވަރަށް ލަދުވެތި ބާބެއް ކަމަށާއި، އޭގެ އަސަރު މިއަދުވެސް ކޮމަންވެލްތުގެ ގައުމުތަކަށް ކުރަމުންދާ ކަމަށް އިނގިރޭސި ރަސްގެފާނު ޗާލްސް ވިދާޅުވެއްޖެއެވެ. ރަސްގެފާނު މިފަދައިން ވިދާޅުވެފައިވަނީ، އަޅުވެތިކަމުގައި އިނގިރޭސިވިލާތުން އަދާކޮށްފައިވާ ދައުރަށްޓަކައި ރަސްމީކޮށް މާފަށް އެދުމާ މެދު އެ ގައުމުގެ ސަރުކާރުން ބަހުސްކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެންޓީގުއާ އެންޑް ބާބިއުޑާގައި އަންގާރަ ދުވަހު ފެށި ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރަސްގެފާނު ވަނީ، އަޅުންގެ ވިޔަފާރީގެ ސަބަބުން ލިބުނު އަނިޔާތަކާމެދު ނުހަނު ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ކެރީބިއަން ސަރަހައްދާއި ކޮމަންވެލްތުގެ އެހެން ގައުމުތަކަށް މިއަދުވެސް އޭގެ ނޭދެވޭ އަސަރު ފޯރަމުންދާ ބޮޑު ބޭއިންސާފެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

"ތާރީޚުގެ އެ ލަދުވެތި ބާބަކީ އަޅުގަނޑުގެ ހިތަށް ބިރުވެރިކަން ގެނުވައި، ނުހަނު ފުން ހިތާމައެއް އިހުސާސްކުރުވާ ކަމެއް،" ދުނިޔޭގެ ލީޑަރުންނާ މުޚާތަބުކުރައްވައި ރަސްގެފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އިންސާނީ ވަގުފާރި ހުއްޓުވުމަށް އިނގިރޭސިވިލާތުގެ ރޯޔަލް ނޭވީން ކުރި މަސައްކަތްތަކަށް އިޝާރާތްކުރައްވައި، ކެރުމާއި ހިތްވަރު ހުރެއްޖެނަމަ އެންމެ ބޮޑެތި ބޭއިންސާފުތަކުންވެސް އަރައިގަނެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، ރަސްގެފާނުގެ ވާހަކަފުޅުގައި ރަސްމީކޮށް މާފަށް އެދިވަޑައިގެންފައެއް ނުވެއެވެ. އަދި އަޅުވެތިކަމުގެ ބަދަލު ނުވަތަ ރެޕަރޭޝަންސް ދިނުމަށް ސީދާ ތާއީދުކުރައްވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ބާރުއެޅުއްވީ ތާރީޚުން އިބުރަތް ޙާޞިލުކޮށް، ކުރިމަގުގައި ބަދަހި ގުޅުންތަކެއްގެ ތެރެއިން މާޒީގެ ގޯސްތައް އިސްލާހުކުރުމަށެވެ.

ރަސްގެފާނު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް، އަޅުންގެ ވިޔަފާރީގައި އިނގިރޭސިވިލާތުން ބައިވެރިވި ބައިވެރިވުމަށް ރަސްމީކޮށް މާފަށް އެދުމުގެ ފުރުޞަޠު އޮތްކަމަށް ވިދާޅުވެ، ސަރުކާރުގެ ސިޔާސަތަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމުގެ އިޝާރާތެއް ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

އިނގިރޭސި ސަރުކާރުން މިހާރު ހުށަހަޅާފައިވަނީ ކޮމަންވެލްތުގެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް، ސީދާ މާލީ ބަދަލު ދިނުމުގެ ފުރުޞަޠު ސަރުކާރުން ވަނީ ނަފީކޮށްފައެވެ. މީގެ އިތުރުން، ކެރީބިއަން ސަރަހޙައްދުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫއުތަކަށް 40 މިލިއަން ޕައުންޑްގެ އެހީއެއް ދިނުމަށްވެސް އިނގިރޭސިވިލާތުން ވަނީ އިޢުލާނުކޮށްފައެވެ.

ކެރީބިއަންގެ ލީޑަރުންނާއި އެކްޓިވިސްޓުން ދަނީ މިކަމުގައި އިނގިރޭސިވިލާތުން ޒިންމާ އުފުލުމަށް ގޮވާލަމުންނެވެ. އެ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި މާފަށް އެދުމާއެކު، އަޅުވެތިކަމުގެ ސަބަބުން ކުރިމަތިވެފައިވާ އިޤުތިޞާދީ އަދި އިޖުތިމާޢީ ގެއްލުންތަކުން އަރައިގަތުމަށް ފާހަގަކޮށްލެވޭ ފަދަ އަމަލީ ފިޔަވަޅުތަކެއް އެޅެންޖެހެއެވެ.

ކެރީބިއަން ކޮމިއުނިޓީ (ކެރިކޮމް) އިން މީގެ ކުރިން ވަނީ ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، ޘަގާފީ އިއާދަކުރުމުގެ އިތުރުން އިޤުތިޞާ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ގޮތަށް އިންސާފު ޤާއިމުކޮށްދިނުމަށް އެދިފައެވެ.

16 ވަނަ ގަރުނާއި 19 ވަނަ ގަރުނާ ދެމެދު އެޓްލާންޓިކް ކަނޑު ހުރަސްކޮށް ހިންގި އަޅުންގެ ވިޔަފާރީގައި އެތައް މިލިއަން އެފްރިކާ ރައްޔިތުންނެއް ވަނީ ގަދަކަމުން އެމެރިކާ ބައްރަށް ގެންގޮސްފައެވެ. އިނގިރޭސިވިލާތުން އަޅުންގެ ވިޔަފާރި ހުއްޓާލީ 1807 ގައެވެ. އަދި އެ ގައުމުގެ އިސްތިއުމާރުގެ ދަށުގައިވާ ގިނަ ސަރަޙައްދުތަކުގައި އަޅުވެތިކަން މަނާކުރީ 1833 ގައެވެ.

މާފަށް އެދުމާ ބެހޭ ގޮތުން ކުރެވޭ ބަހުސަކީ ކޮމަންވެލްތު ސަމިޓުގެ އެންމެ މުހިންމު އެއް މައުޟޫއަށް ވާނެ ކަމަށް ބެލެވެއެވެ. މިއީ އިސްތިޢުމާރީ ތާރީޚާ ކުރިމަތިލުމާއި، އިނގިރޭސިވިލާތާއި ކުރީގެ އިސްތިއުމާރީ ޤައުމުތަކާ ދެމެދު އޮތް ގުޅުން އާލާކުރުމުގައި ހުރި ގޮންޖެހުންތައް ހާމަވެގެންދާ ކަމެކެވެ.

ޓެގް

އިނގިރޭސިވިލާތް ރަސްގެފާނު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.