ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒް 2026ގެ، ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓަކީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރިތައް ކުރިއަރުވައި، އިޤްތިޞާދީ އައު ފުރުޞަތުތައް ފަހިކޮށްދިނުމަށް ލިބޭ ވަރަށް މުހިންމު ޕްލެޓްފޯމެއް ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ޟިޔާއު ވިދާޅުވީ، ރަށްރަށުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކޮށް އިތުރު ފުރުޞަތުތައް ހޯދައިދިނުމުގައި ލޯކަލް ޓޫރިޒަމަކީ މުހިންމު ދާއިރާއެއް ކަމަށެވެ. އަދި ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒް 2026ގެ، ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓަކީ ގެސްޓްހައުސްތަކާއި ފަތުރުވެރިކަމާ ގުޅުންހުރި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެ ފަރާތްތަކުގެ ޚިދުމަތްތައް ދައްކާލުމަށާއި، ޕާޓްނަރޝިޕްތައް ޤާއިމުކޮށް، އައު މާކެޓްތަކާ ގުޅުވައިދިނުމަށް އެކުލަވާލާފައިވާ ޚާއްސަ ދާއިރާއެއްކަން ވެސް ޟިޔާއު ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ފުރުޞަތުގެ ބޭނުން ހިފުމަށް ފަތުރުވެރިކަމާއި ލޯކަލް ޓޫރިޒަމްގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ޟިޔާއު ވަނީ ގޮވާލައްވާފައެވެ.
ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓަކީ، މި މަޢުރަޒުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ވިޔަފާރިތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ބައެކެވެ. ސަރުކާރުގެ ވިޒިޓަރ އިކޮނޮމީ ސްޓްރެޓެޖީގެ ދަށުން، ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ސަގާފަތާއި ތަރިކަ، ތިމާވެށީގެ ފަތުރުވެރިކަން، ކުޅިވަރާއި މުނިފޫހިފިލުވުން، މެޑިކަލް ޓޫރިޒަމް، މަތީ ތަޢުލީމު އަދި ވިޔަފާރިއާއި ގުޅުންހުރި އެކި ދާއިރާތަކުން އިޤިތިޞާދު ސިންދަފާތުކޮށް އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި ބީސީސީގެ އަމާޒަކީ މި ސިޔާސަތާއެކު ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކޮށް އެ ވިޔަފާރިތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ މިގޮތުން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޙަރަކާތެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒް 2026، ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 25 އިން 02 ނޮވެމްބަރަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިއަހަރުގެ މަޢުރަޒުގައި ބައިވެރިވުމަށް 800 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، 16 ދާއިރާއަކުން 73 ކެޓަގަރީއެއްގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މަޢުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރި ކުރުމަށް 6000އަށްވުރެ ގިނަ ދިވެހި އުފެއްދުން ވަނީ ރަޖިސްޓަރ ކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...