އޮކްޓޯބަރު 15 ވީ ބުރާސްފަތި ދުވަހު ޕާކިސްތާނުގެ ޕެޝާވަރުގެ އަމިއްލަ ސްކޫލެއް ކަމަށްވާ އަލްޚައިރު އެޑިއުކޭޝަން ސެންޓަރުގެ ފުރާޅު ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި މަދުވެގެން 34 ކުދިންނާއި އަންހެން ޓީޗަރަކު ނިޔާވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގާފައިވާއިރު، ޕާކިސްތާނުގެ ސްކޫލް އިމާރާތްތަކުގެ ރައްކާތެރިކަމާ މެދު ވަނީ ކަންބޮޑުވުންތައް އިތުރުވެފައެވެ.
ޚައިބަރް ޕަޚްތޫންޚުވާ ޕްރޮވިންސްގެ ވެރިރަށް ޕެޝާވަރުގައި މި ހާދިސާ ހިނގާފައިވަނީ ހެނދުނުގެ ކްލާސްތައް ކުރިއަށް ދަނިކޮށެވެ. ނިޔާވި ނުވަތަ އަނިޔާވި ކުދިންގެ ތެރޭގައި ގިނައީ އުމުރުން 6 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނެވެ. އަދި އޭގެ ތެރޭގައި 14 އަހަރުގެ ކުދިންވެސް ހިމެނެއެވެ. ފުރަތަމަ ލިބުނު ރިޕޯޓްތަކަށް ބަލާއިރު 45 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، ބައެއް ކުދިންނަށް ދަނީ އިމަޖެންސީގައި ފަރުވާ ދެމުންނެވެ.
ވެއްޓުނު އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށް ސަލާމަތީ ބާރުތަކާއި، ފުލުހުންނާއި، އާންމު ރައްޔިތުން ގިނަ ގަޑިއިރުތަކެއް ވަންދެން މަސައްކަތް ކުރިއެވެ. ސްކޫލް ކައިރިއަށް އެއްވި ބެލެނިވެރިން އެމީހުންގެ ދަރިންގެ މަޢުލޫމާތު ހޯދުމަށް ކުރަމުންދިޔަ މަސައްކަތްތަކުން މުޅި ސަރަޙައްދުގައި އޮތީ ހިތާމަވެރި މަންޒަރެކެވެ. މީހުން ސަލާމަތްކުރާ ފަރާތްތަކުން ފަހުން މަޢުލޫމާތު ދިން ގޮތުގައި ޢިމާރާތުގެ ދަށުގައި ތާށިވި ހުރިހާ އެންމެން މިހާރު ވަނީ ނެރެވިފައެވެ.
އިމާރާތް ވެއްޓެން މެދުވެރިވި ސަބަބު ހޯދުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ތަހުގީގެއް ފަށާފައެވެ. ޕެޝާވަރުގެ ޕޮލިސް ޗީފް ސަޢީދު އަޙްމަދު ވިދާޅުވި ގޮތުގައި އެ ސްކޫލް ޢިމާރާތަކީ އޮނިގަނޑު ބަލިކަށި ޢިމާރާތެކެވެ. އަދި ފުރާޅުމަތީގައި އިތުރު މަސައްކަތްތަކެއް ކުރުމުގެ ސަބަބުން ޢިމާރާތަށް ނުއުފުލޭ ވަރަށް ބަރުދަން އިތުރުވީ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ތަހުގީގުގެ ދަށުން ސްކޫލުގެ ވެރިޔާ މުހައްމަދު ޚާން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ބުނާ ގޮތުގައި ފުރާޅު ވެއްޓުނީ ފަހަކަށް ދާދިފަހުން ކުރި ވިއްސާރައިގެ ސަބަބުންނެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން އަދި މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ނިންމާފައެއް ނުވެއެވެ.
ނިޔާވި ކުދިންގެ އާޢިލާތަކުންވެސް ވަނީ ޢިމާރާތުގެ ޙާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ފުރާޅުން ފެން ފޭބުމާއި ޢިމާރާތުގެ ރައްކާތެރިކަމާ މެދު މީގެ ކުރިންވެސް އިންޒާރު ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ޚައިބަރް ޕަޚްތޫންޚުވާ ޕްރޮވިންސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދުގެ ހުރިހާ އަމިއްލަ ސްކޫލްތަކެއް ބަލައި ފާސްކުރުމަށް އަމުރުކޮށްފައެވެ. މިއީ ނުރައްކާތެރި ހާލަތުގައި ހުރި ޢިމާރާތްތައް ދެނެގަނެ، މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އެޅި ފިޔަވަޅެކެވެ. އަދި ރައްކާތެރިކަމުގެ ޤަވާޢިދުތަކަށް ޢަމަލުކުރޭތޯ ބަލައި، އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
މި ހާދިސާއާ ގުޅިގެން، އިމާރާތްކުރުމުގެ މިންގަނޑުތައް ހަރުދަނާކުރުމަށާއި، ގަވާއިދުން ޢިމާރާތްތައް ބަލައި ފާސްކުރުމަށާއި، ތަޢުލީމީ މުއައްސަސާތައް ހިންގުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ.
ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މިހާދިސާގައި ނިޔާވި ކުދިންގެ އާޢިލާތަކަށް ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި ޔުނިސެފުން ވަނީ ސްކޫލްތަކަކީ ރައްކާތެރި ތަންތަންކަން ކަށަވަރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކޮށްފައެވެ.
ތަހުގީގުތައް ކުރިއަށްދާއިރު، 35 މީހުންގެ މަރުގެ ސަބަބުން މުޅި މުޖުތަމައަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...