ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު ދެ ކޭސް ވަނީ ފެނިފައެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 286 އަށް އަރާފައެވެ.
އޮކްޓޫބަރު 6، 2026 ގައި އެޗް.ޕީ.އޭ އިން ނެރުނު އަދާހަމަ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 16,503 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.
ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށް ސިއްހީ އިދާރާތަކުން އިލްތިމާސްކުރެއެވެ. ވެކްސިން ޖެހިކަން ޔަގީންނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވެކްސިން ސެންޓަރުތަކަށް ގޮސް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، ބަލިޖެހިފައިވާ މީހަކާ ގާތުން ބައްދަލުވެފައިވާ ފަރާތްތަކުގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުވާ ފަރާތްތަކުން، ކޮންޓެކްޓް ވެކްސިނޭޝަނަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ލަސްނުކޮށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
ބަލީގެ އަލާމާތްތަކަށް ސަމާލުވުމަށް އެޗް.ޕީ.އޭ އިން ވަނީ ޢާންމުންނަށް ނަޞޭހަތްތެރިވެފައެވެ. ހުން އައުމާއެކު ހަންގަނޑުގައި ރަތް ބިހި ނުވަތަ ފިތްތަކެއް ނަގާނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އަންގާފައިވެއެވެ. ބަލި ހުރިތޯ ޓެސްޓުކުރާ ފަރާތްތަކުން ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށާއި، ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކަށް ދާއިރު މާސްކު އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.
ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކުން، އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި ގޭގައި މަޑުކުރުމަށާއި މީހުން ގިނަ ތަންތަނަށް ނުދިއުމަށް ވެސް ވަނީ ލަފާދީފައެވެ.
އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި ބަލި ފެތުރުން ހުއްޓުވުމަށް ވެކްސިން ޖެހުމާއި އަވަހަށް ފިޔަވަޅު އެޅުމަކީ ނުހަނު މުހިންމު ކަމެކެވެ. އަދި ސިއްހީ ކަންކަމާ ގުޅޭ ޞައްޙަ މަޢުލޫމާތު ހޯދުމުގައި ރަސްމީ އިދާރާތަކުގެ ބަހަށް އިތުބާރު ކުރުމަށް އެޗް.ޕީ.އޭ އިން ވަނީ އެދިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...