ޚަބަރު ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމުގެ މިނިވަންކަން ވަރުގަދަވޭ - ރައީސް ނަޝީދު
ޚަބަރު

ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމުގެ މިނިވަންކަން ވަރުގަދަވޭ - ރައީސް ނަޝީދު

ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމުގެ މިނިވަންކަން ވަރުގަދަވޭ - ރައީސް ނަޝީދު
ރައީސް ނަޝީދު އެމްޑީޕީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކަށް ތާއީދުކުރައްވައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަކީ ގައުމުގެ އިޤުތިޞާދު ވަރުގަދަކޮށް، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އާދިއްތަ ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އިސްތިއުމާރީ ބާރުތަކުގެ ކިބައިން މިނިވަންވުމަށްފަހު އިޤްތިޞާދީ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ގައުމުތަކަކީ، ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔައި، އެ ފުރުޞަޠުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފި ގައުމުތައް ކަމަށެވެ.

ސިންގަޕޫރާއި ދެކުނު ކޮރެއާގެ މިސާލު ދައްކަވަމުން ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެ ގައުމުތަކުގެ މިނިވަންކަމަށް އެއްވެސް އުނިކަމެއް ނާދެއެވެ. އޭގެ ބަދަލުގައި، އެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެ ގައުމުތަކުގެ އިޤުތިޞާދު ވަރުގަދަވެ، ސިޔާދަތު ރައްކާތެރިކުރުމުގެ ޤާބިލުކަން އިތުރުވެ، ބައިނަލްއަޤުވާމީ މައިދާނުގައި އެ ގައުމުތަކުގެ ޤަދަރާއި ހައިބަތު އުފުލިގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، ބޭރުގެ އިންވެސްޓްމަންޓްތަކަކީ ހަމައެކަނި ޤުދުރަތީ ވަޞީލަތްތައް ނެގުމަށް އަމާޒުކުރެވޭ ކަމަކަށް ވެގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ބަދަލުގައި، އިންވެސްޓްމަންޓްތައް ބައްޓަންކުރަންވާނީ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، އާ އީޖާދުތަކަށް މަގުފަހިކުރުމަށާއި، ރާއްޖޭގައި ތަކެތި އުފެއްދުމަށް ބާރުއަޅައި، ދެމެހެއްޓެނިވި އިޤުތިޞާ މަންފާ ލިބޭނެ ގޮތަށް ކަމަށް އެމަނިކުފާނު ނަޞޭޙަތްތެރިވެވަޑައިގަތެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، ޔޫ.އޭ.އީ ގެ އީގަލް ހިލްސް ކުންފުނިން ތަރައްޤީކުރާ 20 ބިލިއަން ޑޮލަރުގެ "ރަސްމާލެ" ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއާ ގުޅޭގޮތުން ސިޔާސީ މަސްރަޙުގައި ބަހުސްތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

ބޭރުގެ އިންވެސްޓްމަންޓަކީ ގައުމީ އިޤުތިޞާދު ކުރިއެރުވުމަށް ލިބޭ މުހިންމު ފުރުޞަޠެއްގެ ގޮތުގައި ސިފަކުރައްވައި، ނަޝީދު ވަނީ އެ މަޝްރޫއަށް ފާޅުގައި ތާޢީދުކުރައްވާފައެވެ. ނަމަވެސް، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ބައެއް މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ތަފާތެވެ. އެ ބޭފުޅުން ވަނީ ބިން 99 އަހަރަށް ކުއްޔަށް ދިނުމާއި، އެއްބަސްވުމުގެ ދެފުށް ފެންނަ މިންވަރާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މީގެ އިތުރުން، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

ޓެގް

އިންވެސްޓްމަންޓް ރައީސް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.