ސައޫދީ އަރަބިއްޔާ އާއި ޔަމަނުގެ ހޫޫޠީންނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވެ، ދުނިޔޭގެ ކަނޑު ދަތުރުތަކުގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގަށް އެކަމުގެ ނުރައްކާ ކުރިމަތިވެދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ޔަމަނުގެ ހޫޠީ ހަނގުރާމަވެރިން ވަނީ ސައޫދީ އަރަބިއްޔާގެ ޖީޒާން އަދި ނަޖްރާންގެ އެއާޕޯޓުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ތިން މީހަކަށް ކުދި އަނިޔާވެ، ބައެއް ތަންތަނަށް ގެއްލުން ލިބިފައިވާ ކަމަށް ސައޫދީގެ ކަމާބެހޭ އިދާރާތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ހަމަލާތައް ދީފައިވަނީ، އިސްތިރާތީޖީ ގޮތުން މުހިންމު ސަރަހައްދެއް ކަމަށްވާ ބާބުލް މަންދަބް ކަނޑުއޮޅި ހިމެނޭ ސަރަހައްދުތައް އަލުން ހިފުމަށް، ސައޫދީގެ އެހީތެރިކަން ލިބޭ ޔަމަނު ސަރުކާރުގެ ފައުޖުތަކުން ވަރުގަދަ އަސްކަރީ ކެމްޕޭނެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
މި ކުރިމަތިލުންތަކުގެ ސަބަބުން ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވަނީ، ބާބުލް މަންދަބަކީ ރަތްކަނޑާއި އަދަން ކަނޑުއޮޅި ގުޅުވައިދޭ، ބައިނަލްއަގުވާމީ ވިޔަފާރި އާއި ހަކަތަ ފޯރުކޮށްދޭ މައިގަނޑު މަގަކަށް ވާތީއެވެ. ޔަމަނުގެ ރަތްކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ހަނގުރާމަ ވަރުގަދަވެފައިވާއިރު، ސައޫދީގެ އުމްރާނީ ވަސީލަތްތަކަށް އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ހޫޘީން ވަނީ ދީފައެވެ.
ބާބުލް މަންދަބް ސަރަހައްދުގެ ދަތުރުފަތުރަށް ދިގު މުއްދަތަކަށް ބުރޫއަރައިފިނަމަ، ވިޔަފާރި އާގުބޯޓުފަހަރުތަކަށް އެފްރިކާ ވަށާލާފައި ދިގު ދަތުރުތައް ކުރަން މަޖުބޫރުވާނެއެވެ. މީގެ ސަބަބުން މުދާ އުފުލުމުގެ އަގުތައް އުފުލި، މުދާ ފޯރުކޮށްދޭން ނަގާ ވަގުތު އިތުރުވެ، އިންޝުއަރެންސް ޕްރީމިއަމްތައް ބޮޑުވެގެންދާނެއެވެ. އަދި ތެލުގެ ޢުމްރާނީ ވަޞީލަތްތަކަށް ނުވަތަ ކަނޑުގެ މައިގަނޑު ދަތުރުފަތުރުގެ މަގުތަކަށް ހަމަލާގެ ނުރައްކާ ކުރިމަތިވެއްޖެނަމަ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވެސް އޭގެ ނޭދެވޭ އަސަރުކުރާނެއެވެ.
މި ނުތަނަވަސްކަން އިތުރުވަމުންދަނީ މެދުއިރުމަތީގެ މަސްރަހު އެކި ގޮތްގޮތުން ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި ކަމަށްވާތީ، ޔަމަނުގެ ހަނގުރާމައަކީ ދުނިޔޭގެ ވިޔަފާރި އާއި ހަކަތައިގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލަކަށް މިހާރު ވަނީ ވެފައެވެ. ދިރާސާކުރާ ފަރާތްތަކުން މިހާރު ބަލަމުންދަނީ މި ހަނގުރާމަ ޔަމަނުގެ ތެރެއަށް ހަނިވެފައި އޮންނާނެތޯ ނުވަތަ މުޅި ސަރަހައްދަށް ފެތުރިގެންދާ ފަދަ ބޮޑު ކުރިމަތިލުމަކަށް ބަދަލުވެދާނެތޯއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...