ޚަބަރު މޫސުމީ ކާރިސާއާ ގުޅިގެން ދުނިޔޭގެ ލީޑަރުންނަށް އޮތް ފިއްތުންތައް އިތުރުވެއްޖެ
ޚަބަރު

މޫސުމީ ކާރިސާއާ ގުޅިގެން ދުނިޔޭގެ ލީޑަރުންނަށް އޮތް ފިއްތުންތައް އިތުރުވެއްޖެ

މޫސުމީ ކާރިސާއާ ގުޅިގެން ދުނިޔޭގެ ލީޑަރުންނަށް އޮތް ފިއްތުންތައް އިތުރުވެއްޖެ
މިފަހަރުގެ ކޮޕް ބައްދަލުވުން އޮތީ ތުރުކިޔޭގައި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، އިޤްތިޞާދީ ނުތަނަވަސްކަމާއި، ތިމާވެށީގެ ކާރިސާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ތުރުކީގެ އަންޓަލްޔާގައި ކުރިއަށްދާ އދ. ގެ 31 ވަނަ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް ނުވަތަ ކޮޕް - 31 ގައި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް ދުނިޔޭގެ ލީޑަރުންނަށް އޮތް ފިއްތުންތައް ބޮޑުވެއްޖެއެވެ.

2026 ނޮވެމްބަރު 9 އިން 20 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި، ދުނިޔެ ހޫނުވުން ކުޑަކުރުމަށް އަމަލީ ގޮތުން ކުރެވިދާނެ ކަންކަމާއި، ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގާތްގަނޑަކަށް 200 ޤައުމެއްގެ މަންދޫބުން ބައިވެރިވެއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ، ހަމައެކަނި ވަޢުދުތަކުން ފުއްދާނުލައި، މިހާރުން މިހާރަށް އަމަލީ ފިޔަވަޅު އެޅުމަށް ސަރުކާރުތަކަށް ގޮވާލައްވާފައެވެ. އެމަނިކުފާނު އިންޒާރު ދެއްވި ގޮތުގައި، މޫސުމީ ކާރިސާ ކުރިއަށްދާ ދުވެލި، އެކަމާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށްވުރެ މާ ހަލުުވިއެވެ. އަދި ބޯޓުދެއްޔާއި، ތެލާއި، ގޭސް ފަދަ ފޮސިލް ފިއުލްއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތައަށް ކުރާ ވުނަ އިތުރުކުރުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މޫސުމީ ބަދަލުތަކާ ދެކޮޅަށް އެދެވޭ ފިޔަވަޅެއް އެޅުން ލަސްކުރަމުންދާނަމަ، ދުނިޔެ ކުރިމަތިލާންޖެހޭ ނުރައްކާތައް އިތުރުވާނެ ކަމަށް ގުޓަރޭޒް އިންޒާރު ދެއްވިއެވެ. މީގެ އިތުރުން، ދުނިޔެ ހޫނުވުމަށް މާބޮޑު ބައިވެރިވުމެއް ނެތް ނަމަވެސް، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރަމުންދާ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މާލީ އެހީތެރިކަން އިތުރުކޮށްދިނުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މިއަހަރުގެ މަޝްވަރާތަކުގައި ބައިނަލްއަޤްވާމީ ހަނގުރާމަތަކާއި، ވިޔަފާރީގެ ދެބަސްވުންތަކާއި، އިންފްލޭޝަނާއި، ހަކަތައިގެ އަގު އުފުލުން ފަދަ ކަންކަން ބޮޑެތި ގޮންޖެހުންތަކެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ. ބައެއް ލީޑަރުން ވަނީ ތިމާވެށި ހިމާޔަތްކުރުމުގެ ބަދަލުގައި، ސަލާމަތީ އަދި އިޤްތިޞާދީ ކަންކަމަށް ސަރުކާރުތަކުން ދޭ އިސްކަން ބޮޑުވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ އިންޒާރު ދެއްވި ގޮތުގައި، ހަތިޔާރާއި، ވިޔަފާރީގެ ކޯޅުންތަކާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމަށް ޤައުމުތަކުން ސަމާލުކަން ދޭން ފެށުމުން، ބައިނަލްއަޤްވާމީ ސިޔާސީ އެޖެންޑާގެ ކުރިން މޫސުމީ ބަދަލުތަކުގެ މައްސަލަ ވަނީ މަޑުމަޑުން ކަސިޔާރުވެފައެވެ.

މީގެ އިތުރުން، 2035 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ހަކަތަ ބޭނުންކުރާ މިންވަރުގެ 35 އިންސައްތައަކީ ކަރަންޓު ހަކަތައަށް ހެދުމަށް ތުރުކީން ދަނީ ވަކާލާތު ކުރަމުންނެވެ. މި ހުށަހެޅުމުގެ މަޤްޞަދަކީ ކަރަންޓުން ދުއްވާ އުޅަނދުފަހަރާއި، އިމާރާތްތަކާއި، ސިނާޢީ ނިޒާމުތަކަށް ބަދަލުވުމަށް ހިތްވަރު ދިނުމެވެ.

ނަމަވެސް، ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުކުރަންވާނީ ތިމާވެއްޓާ ރައްޓެހި ގޮތްގޮތަށް ކަރަންޓު އުފައްދައިގެންނާއި ފޮސިލް ފިއުލް ބޭނުންކުރުން ހުއްޓާލުމަށް ވެފައިވާ ވަޢުދުތައް ވަރުގަދަކޮށްގެންނެވެ.

މި ކޮންފަރެންސްގައި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ގޮނޑުދޮށް ގިރުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހިފައިވާ ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކު ހާލަތަށްވެސް އަލިއަޅުވާލާފައިވެއެވެ.

ދިވެހިރާއްޖެ ފަދަ ޤައުމުތަކަށް ކޮޕް31 ގެ ނިންމުންތަކަކީ ނުހަނު މުހިންމު ނިންމުންތަކެކެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިރި ޖަޒީރާ ރަށްތަކަށާއި އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެއެވެ.

މަޝްވަރާތައް ކުރިއަށްދާއިރު، ތިމާވެށީގެ ހައްޤުގައި ވަކާލާތުކުރާ ފަރާތްތަކުގެ މައިގަނޑު މެސެޖަކީ ސަރުކާރުތަކުން މިހާރުވެފައިވާ ވަޢުދުތައް އަމަލީ ގޮތުން ފެންނަ ނަތީޖާއަކަށް ބަދަލުކުރަން ޖެހޭ ކަމެވެ.

ދުނިޔޭގެ ހޫނުމިން މަތިވަމުންދިއުމާއި، މޫސުމީ ކާރިސާތައް އިތުރަށް ގޯސްވަމުންދާތީ، ކޮޕް-31 ބެލެވެނީ ދުނިޔެ ޙިމާޔަތްކުރުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުމާއި ސިޔާސީ ލީޑަޝިޕް ވަޒަންކުރެވޭނެ މުހިންމު އިމްތިޙާނެއްގެ ގޮތުގައެވެ.

ޓެގް

މޫސުން ތިމާވެށި ކޮޕް-31

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.