ފަރަންސޭސިވިލާތުގެ އެކި ކަންކޮޅުތަކުގައި ދަރިވަރުން ކުރަމުންދާ މުޒާހަރާތައް މުޅި ގައުމަށް ފެތުރި، ވަރުގަދަ ހަރަކާތަކަށް ބަދަލުވެއްޖެއެވެ. މިކަމުގެ ސަބަބުން އެތައް ސަތޭކަ ސެކަންޑަރީ ސްކޫލްތަކެއްގެ ކިޔެވުން މެދުކެނޑި ނުވަތަ ބަންދުކުރަން ޖެހިފައިވާއިރު، ބައެއް ސިޓީތަކުގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ.
ވޭތުވެދިޔަ ހަފުތާގައި ޕެރިސް ސަރަހައްދުން ފެށުނު މި މުޒާހަރާތައް މިހާރު ވަނީ މާސޭ، ސްޓްރާސްބާގް، ރެން، ލިލް، ލިޔޯން އަދި ޓުލޫޒް ފަދަ ސިޓީތަކަށް ފެތުރިފައެވެ. ދަރިވަރުން ސްކޫލްތަކަށް ވަންނަ ދޮރުތައް ބަންދުކޮށްފައިވާއިރު، ބައެއް ސަރަހައްދުތަކުގައި ރޯކުރުމާއި، މުދަލަށް ގެއްލުންދިނުމާއި، ފުލުހުންނާ ދެމެދު ހަމަނުޖެހުންތައް ހިނގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފަރަންސޭސިވިލާތުގެ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު ގާތްގަނޑަކަށް 400 ސެކަންޑަރީ ސްކޫލް ބަންދުކޮށްފައިވާއިރު، 560 އެއްހައި ސްކޫލުގައި މުޒާހަރާ ނުވަތަ ހުރަސްތަކެއް ކުރިމަތިވި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަރަކާތުގެ ސަބަބުން ކޮންމެ ހަތަރު ސްކޫލަކުން އެއް ސްކޫލަކަށް ވަނީ އަސަރުކޮށްފައެވެ.
މި މުޒާހަރާތަކުގެ މައިގަނޑު ސަބަބަކީ ކްލާސްތަކުގައި ކުދިން ގިނަވުމާއި، މުދައްރިސުން މަދުވުމާއި، ސްކޫލްތަކުގެ ވަސީލަތްތައް ދަށްވުމުގެ އިތުރުން ކިޔަވައިދޭ ތާވަލުތައް ބުރަވުމުގެ ޝަކުވާއެވެ. މީގެ އިތުރުން ޔުނިވާސިޓީތަކަށް ކުދިން ވެއްދުމުގެ ނިޒާމާއި، ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ނެތް ކަމަށް ބުނެ ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި މުޒާހަރާތައް ފެށިފައިވަނީ 2027 ވަނަ އަހަރުގެ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ދަނޑިވަޅެއްގައެވެ. ތައުލީމީ ދާއިރާއަށް ކުރާ ވުނަ ކުޑަކަމަށް ބުނެ ދަރިވަރުންނާއި ތައުލީމީ ޖަމިއްޔާތަކުން ފާޑުކިޔަމުންދާއިރު، މުދައްރިސުންގެ ޔޫނިއަންތަކުން ވެސް ވަނީ މުވައްޒަފުން މަދުވުމާއި މަސައްކަތުގެ މާހައުލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ހަރަކާތް މިހާރު ވަނީ ސެކަންޑަރީ ސްކޫލްތަކުގެ އިތުރުން ޔުނިވާސިޓީތަކަށް ވެސް ފެތުރިފައެވެ. ގައުމުގެ އެކި ހިސާބުތަކުގެ ކެމްޕަސްތަކުގައި ޔުނިވާސިޓީ ދަރިވަރުން ވެސް ދަނީ މުޒާހަރާކޮށް ކެމްޕަސްތައް ބަންދުކުރަމުންނެވެ.
މުޒާހަރާތައް ވަރުގަދަވަމުންދާ ވަރަކަށް، މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގާ ކުރިމަތިލުންތައް ވަނީ އިތުރުވެފައެވެ. އެތައް ސިޓީއެއްގައި ކަރުނަގޭސް ބޭނުންކޮށްފައިވާއިރު، ފުލުހުންނާ ދިމާލަށް ފަޓާހާއި އެކި އެއްޗެހި އުކާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ކުނި އަޅާ ފޮށިތަކުގައި ރޯކުރުމާއި ސްކޫލް އިމާރާތްތަކަށް ގެއްލުން ދިނުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފައެވެ.
ފަރަންސޭސި ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، މިކަމާ ގުޅިގެން ގާތްގަނޑަކަށް 2,000 މީހުން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން ގިނައީ ކުޑަކުދިންނެވެ. އެޑިއުކޭޝަން މިނިސްޓަރު އެޑްވާޑް ގެފްރޭ ވިދާޅުވި ގޮތުގައި މުޒާހަރާތައް ފެށުނީއްސުރެ މަދުވެގެން 170 ދަރިވަރުންނާއި ތައުލީމީ ދާއިރާގެ 65 މުވައްޒަފުންނަށް ވަނީ އަނިޔާވެފައެވެ. އަދި 100 އަށްވުރެ ގިނަ ސެކަންޑަރީ ސްކޫލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ހަމައެއާއެކު، ފުލުހުން މުޒާހަރާ ކޮންޓްރޯލްކުރުމުގައި އަމަލުކުރި ގޮތާ މެދު ވެސް ވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފައެވެ. މުޒާހަރާތަކުގައި ލިބުނު އަނިޔާތަކާ ގުޅިގެން ތަހުގީގުތައް ފަށާފައިވާއިރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ޒުވާން މުޒާހަރާވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފަރަންސޭސި ސަރުކާރުން ވަނީ މުޒާހަރާތަކުގައި ހިންގާ ހަމަނުޖެހުންތަކާއި މުދަލަށް ގެއްލުންދިނުން ކުށްވެރިކޮށްފައެވެ. ނަމަވެސް، ތައުލީމީ ދާއިރާގެ ހާލަތާ މެދު ދަރިވަރުން ފާޅުކުރާ ބައެއް ކަންބޮޑުވުންތަކަކީ ހަގީގަތެއް އެކުލެވޭ ކަންބޮޑުވުންތަކެއް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ ހަމަނުޖެހުމަށް ބަދަލުވެދާނެ މުޒާހަރާތަކުގައި ބައިވެރިނުވުމަށް ދަރިވަރުންނަށް ބާރުއެޅުމަށް ބެލެނިވެރިންގެ ކިބައިން އެދިފައެވެ.
މީގެ އިތުރުން، ސަރުކާރުން ދަނީ ދަރިވަރުންގެ ޖަމިއްޔާތަކާއި، ތައުލީމީ ޔޫނިއަންތަކާއި ބެލެނިވެރިންގެ މަންދޫބުންނާ މަޝްވަރާކުރުމަށް ތައްޔާރުވަމުންނެވެ. އެޑިއުކޭޝަން މިނިސްޓަރު ގެފްރޭ ވަނީ ސްކޫލްތަކުގެ ކިޔެވުން އަލުން ފެށުމަށްޓަކައި ދަރިވަރުންނާއި ތައުލީމީ ދާއިރާގެ ހިއްސާދާރުންނާއެކު މަޝްވަރާތައް ބޭއްވުމަށް ނިންމަވާފައިވާކަން އިއުލާނުކުރައްވާފައެވެ.
މި މުޒާހަރާތައް ކުރިއަށްދަނީ ފަރަންސޭސިވިލާތުގެ ސިޔާސީ އަދި އިގްތިސާދީ މަޝްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި ސަރުކާރުގެ ބަޖެޓާ ގުޅޭ ހިޔާލުތަފާތުވުންތަކާއި އާންމު ހިދުމަތްތަކުގެ ދާއިރާގެ ހާލަތާ ގުޅޭ ބަހުސްތައް ހިމެނެއެވެ. އަދި މި މުޒާހަރާތަކުގެ ފަހަތުގައި ސިޔާސީ ބައެއް ޖަމާއަތްތައް ވާކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ވެސް ވަނީ ބަހުސްތައް އުފެދިފައެވެ. ނަމަވެސް އެ ތުހުމަތު ކުރެވޭ ޕާޓީތަކުން ވަނީ އެކަން ދޮގުކޮށްފައެވެ.
މުޒާހަރާތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު، އަދި މުދައްރިސުންގެ ޔޫނިއަންތަކުން އިތުރު ހަޅުތާލުތަކަކަށް ދިއުމަށް ވިސްނަމުންދާތީ، ސްކޫލްތަކުގެ ވަސީލަތްތަކާ ގުޅޭ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ވަނީ ބޮޑު މަޖުބޫރުކަމެއް ކުރިމަތިވެފައެވެ.
ކުރިއަށް އޮތް ދުވަސްތަކަކީ، މަޝްވަރާތަކުގެ ޒަރީއާއިން މި ނުތަނަވަސްކަމަށް ހައްލެއް ލިބޭނެތޯ ނުވަތަ ދަރިވަރުންގެ މި ހަރަކާތް މުޅި ފަރަންސޭސިވިލާތަށް އިތުރަށް ފެތުރިގެންދާނެތޯ ކަނޑައެޅިގެންދާނެ މުހިންމު ދުވަސްތަކެއް ކަމަށް ބެލެވެއެވެ.
ކޮމެންޓް (1)
ލޯޑް ކުރަމުން...