އާދަޔާޚިލާފު ވަގަށްނެގި 290,000 ޑޮލަރުގެ އަގުބޮޑު ގަޑިއެއް މަޢާފަށް އެދި ރައްދުކޮށްފި
އާދަޔާޚިލާފު

ވަގަށްނެގި 290,000 ޑޮލަރުގެ އަގުބޮޑު ގަޑިއެއް މަޢާފަށް އެދި ރައްދުކޮށްފި

ވަގަށްނެގި 290,000 ޑޮލަރުގެ އަގުބޮޑު ގަޑިއެއް މަޢާފަށް އެދި ރައްދުކޮށްފި
ވަގުކަލޭގެ ގަޑި ރައްދުކޮށްފައިވަނީ މަޢާފަށްއެދި ލިޔެފައިވާ ނޯޓަކާއެކު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޖަޕާނުގެ ވެރިރަށް، ޓޯކިޔޯގެ ފިހާރައަކުން ވަގަށް ނެގި ގާތްގަނޑަކަށް 290,000 ޑޮލަރުގެ އަގުބޮޑު ގަޑިއެއް، އެ ވައްކަން ކުރި ކަމަށް ތުހުމަތުކުރެވޭ މީހާ މާފަށް އެދި ލިޔެފައިވާ ނޯޓަކާއެކު އަނބުރާ ރައްދުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ޓޯކިޔޯގެ ނަކާނޯ ޑިސްޓްރިކްޓްގައި ހުންނަ ނަކާނޯ ބްރޯޑްވޭ ޝޮޕިންގ ކޮމްޕްލެކްސްގެ އަގުބޮޑު ގަޑި ވިއްކާ ފިހާރައެއްގައެވެ. ރިޕޯޓްތައް ބުނާގޮތުން އޮކްޓޯބަރު 29 ވަނަ ދުވަހު، އާންމު ކަސްޓަމަރެއްގެ ގޮތުގައި ފިހާރައަށް ވަން މީހަކު ވަނީ ގާތްގަނޑަކަށް 46 މިލިއަން ޔެންގެ އަގުހުރި ސްވިޒަލޭންޑްގެ "އޮޑެމާ ޕިގޭ" ބްރޭންޑްގެ ގަޑިއެއް އަޅާލަން ބޭނުންވާކަމަށް ބުނެފައެވެ. އެމެރިކާ ޑޮލަރުން ބަލާނަމަ އެއީ ގާތްގަނޑަކަށް 292,000 ޑޮލަރުގެ އަގުހުރި ގަޑިއެކެވެ.

ނަމަވެސް، އެ ގަޑި ފިހާރައިގެ މުވައްޒަފުންނާ ހަވާލުކުރުމުގެ ބަދަލުގައި، އެ މީހާ ވަނީ ގަޑި އަތުގައި އަޅައިގެން ހުރެ ކުއްލިއަކަށް ފިހާރައިން ފިލާފައެވެ. މި ހާދިސާ ހިނގިއިރު ފިހާރައިގައި ދެ މުވައްޒަފުން ތިިބި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

މި ހައިރާންކުރުވަނިި ހާދިސާއަށް އާދަޔާޚިލާފު ބަދަލެއް އައީ އޭގެ ތިން ދުވަސް ފަހުން، ޑެލިވަރީ ސާވިސްއެއް މެދުވެރިކޮށް އެ ފިހާރައަށް ޕާރުސަލެއް ލިބުމުންނެވެ. އެ ޕާރުސަލްގެ ތެރޭގައި ވަގަށް ނެގި އަގުބޮޑު ގަޑީގެ އިތުރުން، މަޢާފަށް އެދި އަތުން ލިޔެފައިވާ ނޯޓެއް އޮތެވެ.

ފިހާރައިގެ މުވައްޒަފުން ގަޑީގެ ސީރިއަލް ނަންބަރު ޗެކްކޮށް، އެއީ ވަގަށް ނެގި ގަޑިކަން ވަނީ ކަށަވަރުކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން އެ ޕާރުސަލް ފޮނުވާފައިވަނީ ޓޯކިޔޯއާ އެތައް ސަތޭކަ ކިލޯމީޓަރެއް ދުރުގައި އޮންނަ އައިޗީ ޕްރިފެކްޗާއިންނެވެ.

ޕާރުސަލް ފޮނުވި މީހާގެ ނަމާއި އެޑްރެސް އޭގައި އޮތް ނަމަވެސް، ތަޙުޤީޤު ކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި އެއީ ދޮގު މަޢުލޫމާތުތަކެކެވެ.

އަގުބޮޑު ގަޑި އަނބުރާ ލިބުނު ނަމަވެސް، ޓޯކިޔޯ ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް، އެކަން ކުރި މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި މީހާ ގަޑި އަނބުރާ ފޮނުވަން ނިންމި ސަބަބެއް ކަމާބެހޭ ފަރާތްތަކަށް އަދި ދެނެގަނެވިފައެއް ނުވެއެވެ.

މި ހާދިސާ ނިމިގެންދިޔަ އާދަޔާޚިލާފު ގޮތުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ. ވައްކަން ކުރި މީހާގެ ހިތަށް އެރި އެއްޗަކުން ގަޑި އަނބުރާ ރައްދުކުރި ކަމުގައި ވިޔަސް، އަތުން ލިޔެފައިވާ މަޢާފުގެ ނޯޓަކުން ކުރެވުނު ކުށެއް ފޮހެވިގެން ނުދާނެއެވެ.

ފަހަރުގައި އެ މީހާއަށް ވިސްނުނީ 290,000 ޑޮލަރުގެ ގަޑިއެއް ގެންގުޅުމަކީ، އޭގެ އަގަށްވުރެ މާ ބޮޑު ތަކްލީފެއް އުފުލަންޖެހޭ ކަމެއް ކަމަށް ވެދާނެއެވެ. ޚާއްޞަކޮށް ފުލުހުން އެ މީހަކު ހޯދަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ޓެގް

ވައްކަން ޖަޕާން ގަޑި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.