ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މިނިސްޓްރީ އޮފް ހެލްތު އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގުޅިގެން "މޯލްޑިވްސް ފޯރަމް އޮން އާލީ އެކްޝަން އޮން ޑައިބެޓީސް 2026" ގެ ނަމުގައި ޚާއްޞަ ފޯރަމެއް މިއަދު ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ބާއްވައިފިއެވެ. މި ފޯރަމަކީ ރާއްޖޭގައި ހަކުރުބަލިން ރައްކާތެރިވުމާއި، ބަލި އަވަހަށް ދެނެގަތުމާއި އަދި ބަލި މެނޭޖްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކަމާގުޅޭ ދާއިރާތަކުގެ ގާތްގަނޑަކަށް 60 ބައިވެރިންގެ ބައިވެރިވުމާއި އެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލާ ޤީލާ ޢަލީ އަދި ޑަބްލިއުއެޗްއޯ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މިސް ޕޭޑެން އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ޑައިބެޓީސް ޕްރޮޓޮކޯލް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކާއި ހަކުރުބަލިން ރައްކާތެރިވުމަށް އެޅިދާނެ ޢަމަލީ ފިޔަވަޅުތަކާއި ސިޔާސަތުތަކާ ގުޅޭގޮތުން ޞިއްޙީ ދާއިރާގެ މާހިރުން ހިމެނޭ ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ފޯރަމްގެ ތެރެއިން ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީއެސްއެމް) ގެ ސީއީއޯ ޢާއިޝަތު ޝިރުހާނާ އާއި މެޑިކަލް ޑިރެކްޓަރ ޑރ. އާމިނަތު މަލްހާ ސަޢީދު ވަނީ ޚާއްޞަ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. އަދި ނެޝަނަލް ޑައިބެޓީސް ސެންޓަރ (އެންޑީސީ) ގެ ފަރާތުން ސީނިއަރ ކޮންސަލްޓަންޓް އިން އިންޓަރނަލް މެޑިސިން، ޑރ. މޫސާ މުރާދު ވެސް ވަނީ މި ދާއިރާއިން މުހިންމު މަޢުލޫމާތުތަކެއް ހިމެނޭ ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ.
ރާއްޖޭގައި ހަކުރުބަލި ކޮންޓްރޯލްކުރުމާއި، ފަރުވާދިނުމާއި، އަދި ބަލިމީހުންގެ ހާލަތު ބެލެހެއްޓުމުގެ (ފޮލޯ-އަޕް) ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، އަތޮޅުތަކުގެ ޕަބްލިކް ހެލްތް ޔުނިޓްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ބައިވެރިންގެ ތަޖުރިބާތަކާއި، ކުރިމަތިވާ ގޮންޖެހުންތަކާއި އަދި މަޝްވަރާތައް ހިއްސާކުރެވިފައިވެއެވެ.
މީގެ އިތުރުން އެންސީޑީ އެކްޝަން ޕްލޭންގެ ދަށުން އިސްކަންދޭންޖެހޭ ދާއިރާތައް ދެނެގަނެ، އެކަންކަމަށް ހުށަހަޅާނެ ޙަރަކާތްތަކާއި ޒިންމާތައް ކަނޑައެޅުމަށްޓަކައި ވޯކިންގ ގްރޫޕް ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތަކުގައި ބައިވެރިން މަޝްވަރާކޮށް އެކުލަވާލި ޕްރެޒެންޓޭޝަންތައް ހުށަހަޅައި، އެ ހުށަހެޅުންތަކުން ނުކުމެދާނެ ނަތީޖާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ވަނީ ބަދަލުކުރެވުނެވެ.
މި ފޯރަމް ނިންމާލާފައިވަނީ މުޅި ޕްރޮގްރާމްގެ އިވެލުއޭޝަން ސެޝަނަކާއި، ނިންމުމުގެ ވާހަކަދެއްކުމުގެ އިތުރުން ކުރިއަށް އޮތްތަނުގައި މި މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާ މެދު ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ކަމާގުޅޭ ހުރިހާ މުއައްސަސާތަކެއްގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ހަކުރުބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ލިބޭ ފަރުވާ ރަނގަޅުކުރުމާއި، ބަލި ދުރާލާ ދެނެގަތުމަށް ގުޅިގެން މަސައްކަތްކުރުމެވެ. މި ފޯރަމް އަކީ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ އެކި ހަރަކާތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...