ޚަބަރު ބޮމުގެ އިންޒާރުތަކާއެކު ޔޫރަޕުގެ އެކި އެއަރލައިންތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި
ޚަބަރު

ބޮމުގެ އިންޒާރުތަކާއެކު ޔޫރަޕުގެ އެކި އެއަރލައިންތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

ބޮމުގެ އިންޒާރުތަކާއެކު ޔޫރަޕުގެ އެކި އެއަރލައިންތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި
ބޮމުގެ އިންޒާރު ލިބުނު ފްލައިޓެއް ރައްކާތެރިކަމާއެކު ޖައްސާފައި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ޔޫރަޕްގެ ގައުމުތަކުގައި ދަތުރުކުރަމުންދިޔަ ފަސިންޖަރުން އުފުލާ ބޯޓުތަކަކަށް އަމާޒުކޮށް ފުލުފުލުން ދިން ބޮމުގެ އިންޒާރުތަކަކާ ގުޅިގެން، ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި ހާދިސާތަކާ ގުޅިގެން ބައެއް ފްލައިޓްތައް އެހެން އެއަރޕޯޓްތަކަށް ޑައިވަރޓްކޮށް، ކުއްލި ޙާލަތުގައި ސަލާމަތީ ފާސްކުރުންތައް ކުރިއަށްގެންގޮސް، ބައެއް ޤައުމުތަކުގެ އެއަރޕޯޓްތަކުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނެވެ.

ނޮވެމްބަރު 3 ވީ އަންގާރަ ދުވަހު މަދުވެގެން ހަތް ފްލައިޓަކަށް އަމާޒުކޮށް މިފަދަ އިންޒާރުތައް ދީފައިވާއިރު، މި ހާދިސާތައް ރިޕޯޓްކޮށްފައިވަނީ ޕޮލެންޑް، ސްޕެއިން، އިޓަލީ އަދި ބަލްގޭރިއާއިންނެވެ. ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި އިންޒާރު ލިބުނު ހުރިހާ ބޯޓެއްވެސް ވަނީ ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ. އަދި ބޯޓުތައް ބަލައި ފާސްކުރުމުން އެއްވެސް ގޮވާ އެއްޗެއް ފެނިފައެއް ނުވެއެވެ.

މި ސަލާމަތީ އިންޒާރުތަކުގެ އަސަރު ރަޔަންއެއަރ، ވިޒް އެއަރ، ލޮޓް ޕޮލިޝް އެއަރލައިންސް އަދި ސްކެންޑިނޭވިއަން އެއަރލައިންސް (އެސް.އޭ.އެސް) ފަދަ ބޮޑެތި އެއަރލައިންތަކަށް ވަނީ ކޮށްފައެވެ.

ޕޮލެންޑުގައި، ލަންޑަންގެ ހީތުރޯ އެއަރޕޯޓުން ވޯސޯއަށް ދަތުރުކުރި ލޮޓް ޕޮލިޝް އެއަރލައިންސްގެ ފްލައިޓަކަށް ބޮމުގެ އިންޒާރު ލިބުމާ ގުޅިގެން، އެ ބޯޓު ވަނީ ވޯސޯ-މޮޑްލިން އެއަރޕޯޓަށް ޑައިވަރޓްކޮށްފައެވެ. ބޯޓުން ފަސިންޖަރުން ބާލައި، ސަލާމަތީ ޓީމުތަކުން ބޯޓު ފާސްކުރަމުން ދިޔަ ވަގުތު އެއަރޕޯޓް އޮތީ ވަގުތީގޮތުން ބަންދުކޮށްފައެވެ. އެއްވެސް ނުރައްކާތެރި އެއްޗެއް ފެނިފައި ނުވުމުން، އެއަރޕޯޓުގެ ޚިދުމަތްތައް ފަހުން ވަނީ އަލުން ފަށާފައެވެ.

މީގެ އިތުރުން، ކޯޕަންހޭގަން އިން ފުރައިގެން ދިޔަ އެސް.އޭ.އެސްގެ ފްލައިޓަކަށް ލިބުނު އިންޒާރަކާ ގުޅިގެން ވޯސޯ ޗޯޕިން އެއަރޕޯޓުގައި ސަލާމަތީ ފާސްކުރުންތައް ކުރިއަށްގެންދިޔައިރު، އެއަރޕޯޓުގެ ރަންވޭގެ ބައެއް ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.

ސްޕެއިންގައި، މެންޗެސްޓާ އިން މުރްސިއާއަށް ދަތުރުކުރި ރަޔަންއެއަރގެ ފްލައިޓަކަށް ބޮމުގެ އިންޒާރު ލިބުމާ ގުޅިގެން ކުއްލި ޙާލަތުގެ ސަލާމަތީ ފިޔަވަޅުތައް އެޅިއެވެ. ފުލުހުންނާއި ތަމްރީނުކޮށްފައިވާ ކުއްތާތައް ބޭނުންކޮށްގެން ބޯޓާއި ފަސިންޖަރުންގެ ދަބަސްތައް ފާސްކުރި ނަމަވެސް، އެއްވެސް ގޮވާތަކެއްޗެއް ފެނިފައެއް ނުވެއެވެ.

އިޓަލީއަށްވެސް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރިއެވެ. ލިޒްބަން އަދި ޑަބްލިން އިން ރޯމަށް ދިޔަ ރަޔަންއެއަރގެ ދެ ފްލައިޓަކަށް ބޮމުގެ އިންޒާރު ލިބުނެވެ. ޑަބްލިން ފްލައިޓް ރޯމަށް ކައިރިކުރަމުން ދިޔައިރު އިޓަލީގެ އެއަރފޯސްގެ ފައިޓަރ ޖެޓްތަކުން އެ ބޯޓަށް ހިމާޔަތްދީފައިވެއެވެ. ބޯޓު ޖެއްސުމާއެކު ސަލާމަތީ ޓީމުތަކުން ވަނީ ފުޅާ ދާއިރާއެއްގައި ބޯޓު ފާސްކޮށްފައެވެ.

ހަމައެއާއެކު، ބަލްގޭރިއާގެ ވެރިރަށް ސޯފިއާއަށް ދަތުރުކުރަމުންދިޔަ ދެ ފްލައިޓަކަށްވެސް މިފަދަ ސަލާމަތީ އިންޒާރުތަކެއް ލިބިފައިވެއެވެ.

މި ހާދިސާތައް ހިނގާފައި މިވަނީ، ހޯމަ ދުވަހު ލަންޑަންގެ ލޫޓަން އެއަރޕޯޓުން ސޯފިއާއަށް ދަތުރުކުރި ވިޒް އެއަރގެ ފްލައިޓަކަށް ބޮމުގެ އިންޒާރު ލިބުނު ހާދިސާއަށް ފަހުގައެވެ. އެ ފްލައިޓް ހަންގޭރީގެ ބުޑަޕެސްޓަށް ޑައިވަރޓްކުރިއިރު، ބޯޓު ރައްކާތެރިކަމާއެކު ޖައްސަން އެހީތެރިވުމަށް ފައިޓަރ ޖެޓްތައް ހަރަކާތްތެރިވިއެވެ.

ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، މިހާ އަވަސް އަވަހަށް ގިނަ ޢަދަދެއްގެ އިންޒާރުތަކެއް ލިބުމަކީ އާދަޔާ ޚިލާފު ކަމެކެވެ. ތަހުޤީޤު ކުރާ ފަރާތްތަކުން މި ހާދިސާތަކުގެ މެދުގައި އެއްވެސް ގުޅުމެއް އޮތްތޯ ބަލަމުންދާއިރު، މިކަމުގެ އަސްލަކީ ކޮބައިކަން ނުވަތަ މިކަމުގެ ފަހަތުގައިވަނީ ކޮން ބައެއްކަން އަދި ދެނެގަނެވިފައެއް ނުވެއެވެ.

ދަތުރުފަތުރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ނަމަވެސް، އިންޒާރު ލިބުނު އެއްވެސް ބޯޓަކުން އަސްލު ގޮވާތަކެއްޗެއް ފެނިފައި ނުވާކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

މި ހާދިސާތަކާ ގުޅިގެން ޔޫރަޕްގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންކަމާ މެދު ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް އަމާޒުކޮށް ދޭ ދޮގު އިންޒާރުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތެރި ނަތީޖާތައް މިކަމުން ހާމަވެގެންދެއެވެ.

ޓެގް

ސަލާމަތީ ޔޫރަޕް އިންޒާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.