ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "ވަރަ އެކްސްޕޯ 2026" ގައި 150 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވެ، ދިވެހި ޒުވާނުންނަށް ހުރި ވަޒީފާއާއި، ތަޢުލީމާއި އަދި ހުނަރު ތަރައްޤީ ކުރުމުގެ ފުރުޞަތުތައް ދަނީ ދައްކާލަމުންނެވެ.
މި ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ފެށި، ތިން ދުވަހުގެ މުއްދަތަށް ޤައުމީ ފެންވަރުގައި ކުރިއަށްދާ މި މަސައްކަތްތެރިކަމުގެ މައުރަޒަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީން އިންތިޒާމުކޮށްގެން ބާއްވާ ޙަރަކާތެކެވެ. މި އެކްސްޕޯގެ މައިގަނޑު މަޤުޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ތަޢުލީމީ މުއައްސަސާތަކާއި، ތަމްރީންދޭ ފަރާތްތަކުގެ އިތުރުން ވިޔަފާރިވެރިން އެއް ފުރާޅެއްގެ ދަށުން ބައްދަލުކޮށްދިނުމެވެ.
އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތުދީފައިވާ ގޮތުގައި، މިއަހަރުގެ އެކްސްޕޯގައި ހަތަރު ދާއިރާއަކުން ޖުމްލަ 176 ފަރާތަކުން ބައިވެރިވެއެވެ. އެއީ ކެރިއަރ، އެޑިއުކޭޝަން، ސްކިލްސް އެކްސްޕީރިއަންސް އަދި މާކެޓް ޒޯނެވެ.
ކެރިއަރ ޒޯނުގައި 45 ފަރާތަކުން ބައިވެރިވާއިރު، ޒިޔާރަތްކުރާ ފަރާތްތަކަށް ވަޒީފާދޭ ފަރާތްތަކާ ބައްދަލުކޮށް، ހުރި ވަޒީފާތަކާ ބެހޭ މައުލޫމާތު ހޯދައި، ވަގުތުން ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 35 ފަރާތަކުން ބައިވެރިވާ އެޑިއުކޭޝަން ޒޯނުން އެކަޑަމިކް ޕްރޮގްރާމްތަކާއި، ސްކޮލަޝިޕްތަކާއި، ފަންނީ ތަމްރީނުތަކުގެ އިތުރުން މަތީ ތައުލީމުގެ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދެއެވެ.
މީގެ އިތުރުން، ސްކިލްސް އެކްސްޕީރިއަންސް ޒޯނުގައި އަމަލީ މަސައްކަތްތަކާއި ހުނަރުތައް ތަޖުރިބާކޮށްލުމުގެ ފުރުޞަޠު ލިބިގެންދާއިރު، މާކެޓް ޒޯނަކީ ރާއްޖޭގެ ކުދި ވިޔަފާރިތަކާއި އުފެއްދުންތެރިންގެ މަސައްކަތްތައް ދައްކާލުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދެކެވެ.
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާން މީގެ ކުރިން ވިދާޅުވެފައިވަނީ، މި އެކްސްޕޯގެ އަމާޒަކީ ޒުވާނުންނަށް 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަޠު ފަހިކޮށްދިނުން ކަމަށެވެ.
މި ޙަރަކާތަކީ ސާނަވީ އަދި މަތީ ސާނަވީ ނުވަތަ އެއަށްވުރެ މަތީ ތަޢުލީމު ނިންމާ ދަރިވަރުންނަށް ކުރިއަށްދާނެ ދާއިރާތައް އިޚްތިޔާރު ކުރުމަށާއި، މިހާރުގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ މުހިންމު ހުނަރުތައް ދެނެގަތުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.
2026 ވަނަ އަހަރުގެ މި އެކްސްޕޯ ބާއްވަނީ މިދިޔަ އަހަރުގެ ކާމިޔާބު އެކްސްޕޯއަށް ފަހުގައެވެ. މިދިޔަ އަހަރުގެ މައުރަޒަށް 28,000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރިއިރު، 450 ވަޒީފާގެ އެޕްލިކޭޝަން ހުށަހަޅައި، 41 ފަރާތަކަށް ވަގުތުން ވަޒީފާ ދީފައިވެއެވެ. އަދި 39 ސްކޮލަޝިޕެއްގެ ފުރުޞަތުވެސް ފަހިކޮށްދީފައިވާކަން މިނިސްޓަރުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
"ވަރަ އެކްސްޕޯ 2026" މިއަދު، ނޮވެމްބަރު 28 ގައި ނިމޭއިރު، ޢާންމުންނަށް ޒިޔާރަތްކުރުމަށް ހުޅުވާލެވިފައިވަނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ. މައުރަޒަށް ވަނުމުގެ ފުރުޞަތު އޮތީ ހިލޭ އެވެ.
މި އެކްސްޕޯއަކީ ތައުލީމާއި، ހުނަރު ތަރައްގީކުރުމާއި، ވަޒީފާގެ ބާޒާރާ ދެމެދު އޮތް ގުޅުން ހަރުދަނާކޮށް، ދިވެހި ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމަށް އާ ފުރުސަތުތަކެއް ހޯދައިދޭ މުހިންމު މަންސައެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...