ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު ރިޓަޔަރ ކުރެއްވުމާ ގުޅިގެން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަޠުގައި ނުވަ ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފިއެވެ.
މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ޝަރުޢީ ދާއިރާގެ ތަފާތު މަރުޙަލާތަކުގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ޤާނޫނީ ބޭފުޅުންނާއި، މިހާރުވެސް ފަނޑިޔާރުކަމުގައި ތިއްބެވި ބޭފުޅުންގެ އިތުރުން ކުރީގެ ފަނޑިޔާރުން ހިމެނެއެވެ.
ކުރިމަތިލެއްވި ނުވަ ބޭފުޅުންނަކީ:
އަބްދުއްސަލާމް
އަހުމަދު ޝިފާއު
މަރިޔަމް ހަނީފާ ޚާލިދު
އަހުމަދު ޒިޔާދު
އަލީ ރިޒާ އިސްމާއިލް
ޝުޖާއު އުސްމާން
އާދަމް އާރިފް
ހަސަން ފަހީމް އިބްރާހީމް
މުހައްމަދު އިބްރާހީމް
މި ބޭފުޅުންގެ ތެރޭގައި ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާއި، ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އާދަމް އާރިފް ހިމެނިވަޑައިގަންނަވައެވެ. މި ދެ ބޭފުޅުންނަކީވެސް މީގެ ކުރިން ޝަރުޢީ ދާއިރާގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅުންނެވެ.
މަޤާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވާއިރު، ޖޭއެސްސީން ދެން ކުރިއަށް ގެންދާނީ ކުރިމަތިލެއްވި ބޭފުޅުންގެ ތަޢުލީމީ ޤާބިލުކަމާއި ތަޖުރިބާ، ގާނޫނީ ޝަރުތުތަކަށް ފެތޭތޯ ބެލުމުގެ މަސައްކަތެވެ. ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމުގެ މަރުޙަލާވެސް ކުރިއަށްދާނެއެވެ.
ފަނޑިޔާރު އިބްރާހީމް މާހިރު ރިޓަޔަރ ކުރެއްވުމުން ހުސްވި މި މަޤާމުގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 67,000 ރުފިޔާ ލިބޭނެއެވެ. މީގެ ތެރޭގައި އަސާސީ މުސާރައާއި، ލިވިންގ އެލަވަންސްގެ އިތުރުން ރިސްކް އެލަވަންސް ހިމެނެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 25 އަހަރު ފުރިފައިވުމާއެކު، އިސްލާމީ ޝަރީޢާ ނުވަތަ ގާނޫނީ ދާއިރާއިން، ނުވަތަ މި ދެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެއެވެ. މީގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަންޖެހެއެވެ.
ހައިކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމުގެ މަސައްކަތް މި ފެށުނީ، އެ ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު އިތުރުކުރުމާ ގޮތުން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މިހާރު ތިއްބަވާ 11 ފަނޑިޔާރުންގެ ބަދަލުގައި 15 އަށް އިތުރުކުރުމަށެވެ. މި އިސްލާޙު މަޖިލީހުން ފާސްވެއްޖެނަމަ، އިތުރު ހަތަރު ފަނޑިޔާރުން އައްޔަންކުރުމުގެ ފުރުޞަޠު ހުޅުވިގެންދާނެއެވެ.
މިހާރު ކުރިއަށްދާ އައްޔަންކުރުމުގެ މަރުހަލާއަކީ ފަނޑިޔާރު މާހިރު ވަކިވެވަޑައިގަތުމުން ހުސްވި މަޤާމު ފުރުމަށް ކުރިއަށްދާ މަސައްކަތެކެވެ. ކޯޓުގެ ބެންޗު ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހާއެކު، ރާއްޖޭގެ އިސްތިއުނާފީ ކޯޓުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...