ޚަބަރު ތަޢުލީމީ ޚަރަދު ބޮޑުވުމުން އަލްބޭނިއާގެ ދަރިވަރުން މުޒާހަރާ ކުރަން ފަށައިފި
ޚަބަރު

ތަޢުލީމީ ޚަރަދު ބޮޑުވުމުން އަލްބޭނިއާގެ ދަރިވަރުން މުޒާހަރާ ކުރަން ފަށައިފި

ތަޢުލީމީ ޚަރަދު ބޮޑުވުމުން އަލްބޭނިއާގެ ދަރިވަރުން މުޒާހަރާ ކުރަން ފަށައިފި
އަލްބޭނިޔާގައި ދަރިވަރުންގެ މުޒާހަރާ ވަނީ ވަރުގަދަވާން ފަށާފައި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
އޯޑިއޯ އަޑުއަހާލާ 0:00/2:09

ތަޢުލީމީ ޚަރަދުތައް އިންތިހާއަށް ބޮޑުވުމާއި، ކޮރަޕްޝަންގެ ތުހުމަތުތަކުގެ އިތުރުން ޔުނިވަރސިޓީތަކުގެ ހާލަތު ދަށްވުމާ ގުޅިގެން، އަލްބޭނިއާގެ ވެރިރަށް ޓިރާނާގެ މަގުތަކަށް އެތައް ހާސް ދަރިވަރުންނާއި އާންމުން ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރަން ފަށައިފިއެވެ. މި މުޒާހަރާތައް ފަހުން ހަމަނުޖެހުމަކަށް ބަދަލުވެ، ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގައި، ތަންތަނުގައި ރޯކޮށް މުދަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހު އެއްވި އެތައް ހާސް ބަޔަކު ވަނީ ފުލުހުންނަށް އަމާޒުކޮށް އުކައި، އެޑިއުކޭޝަން މިނިސްޓްރީގެ އިމާރާތާއި ދެ ބޭންކެއްގައި ރޯކޮށްލާފައެވެ. މީގެ އިތުރުން، ފިހާރަތަކުގެ ބިއްލޫރިތައް ތަޅާލައި، ކުނިވަށިތައް ފުރޮޅާލައި ބައެއް ވިޔަފާރިތަކަށް ވެސް ގެއްލުން ދީފައިވެއެވެ. މުޒާހަރާ މީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ކަރުނަގޭހާއި ފެންބަޑި ބޭނުންކޮށްފައެވެ.

މުޒާހަރާ އިންތިޒާމުކުރި ފަރާތްތަކުން ބުނާ ގޮތުގައި، މި ހަރަކާތްތަކަކީ ޔުނިވަރސިޓީތަކުގެ ވަސީލަތްތައް ދަށްވުމާއި، ކިޔަވައިދިނުމުގެ ފީ ބޮޑުވުމާއި، މާލީ އެހީތެރިކަން އެކަށީގެންވާ މިންވަރަށް ނުލިބުމުގެ އިތުރުން، ކިޔަވައި ނިމިގެން ވަޒީފާގެ ފުރުޞަތުތައް މަދުވުމުގެ ސަބަބުން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. މީގެ އިތުރުން، އިޖުތިމާޢީ ތަފާތުކުރުންތަކާއި ސަރުކާރުގެ ހިންގުމާ މެދު އާންމުންގެ މެދުގައި އޮތް ބޮޑު ނުތަނަވަސްކަން ވެސް މުޒާހަރާވެރިން ދިޔައީ ފާޅުކުރަމުންނެވެ.

މި ހަމަނުޖެހުންތައް މިހާރު ވަނީ ބޮޑުވަޒީރު އެޑީ ރާމާގެ ސަރުކާރާ ދެކޮޅު ހަރަކާތަކަށް ބަދަލުވެފައެވެ. މުޒާހަރާކުރާ މީހުން ދަނީ އޭނާގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. އާންމުންގެ ރުޅިވެރިންކަން އިތުރަށް ގަދަވެފައިވަނީ ސަރުކާރުގެ އިސް އޮފިޝަލުންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާގެ އެހީތެރިކަމާއެކު އަލްބޭނިއާގެ ދެކުނު އައްސޭރީގައި ތަރައްޤީކުރަން ނިންމާފައިވާ ލަގްޒަރީ ފަތުރުވެރިކަމުގެ މަޝްރޫޢަކާ ގުޅިގެން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ.

އަންގާރަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީ ކައިރީގައި ދަރިވަރުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކަށްފަހު، ބުދަ ދުވަހުވެސް މުޒާހަރާތައް ވަނީ ކުރިއަށް ގޮސްފައެވެ. އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި އަންގާރަ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން މަދުވެގެން 23 މީހަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުންނާއި ނޫސްވެރިއަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ބުދަ ދުވަހު ވެސް އިތުރު ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

އަލްބޭނިއާގެ ބޮޑުވަޒީރުގެ ނައިބު، އަލްބާނާ ކޯޗިއު ވަނީ ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ މުޒާހަރާކުރުމުގެ ހައްޤަކީ ދައުލަތުގެ މުއައްސަސާތަކަށް ހަމަލާދިނުމަށާއި މުދަލަށް ގެއްލުން ދިނުމަށް އޮތް ހުއްޖަތެއް ނޫން ކަމަށެވެ. އަދި ހަމަނުޖެހުން ހިންގާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.

ޔޫރަޕްގެ އިއްތިހާދުން އަލްބޭނިއާއަށް ކަނޑައަޅާފައިވާ ވަފުދުން ވަނީ މި ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، މަސްލަހަތު ފިނިކުރުމަށް ގޮވާލާފައެވެ. އަދި މުޒާހަރާކުރާ މީހުންނާ ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް އަވަހަށް ތަޙުޤީޤު ކުރުމަށްވެސް އެ އިއްތިހާދުން ވަނީ ގޮވާލާފައެވެ.

ޓެގް

އަލްބޭނިއާ ދަރިވަރުން މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.