ތަފާތު ވައްތަރުތަކުގެ ގަސް އިންދާ ހެއްދުމަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ރީތި އާދައެކެވެ. ގޭ ގޯތިތެރޭގައި ތަފާތު ބާވަތްތަކުގެ މޭވާ ގަސްތަކާއި ފަތްކެޔޮ ގަސްތައް އިންދާ ހެދުމަކީ ކޮންމެ ގޭބިސީއެއްގެވެސް އާދައެއްކަމުގައި އޮތީވެފައެވެ. މެންދުރުކެއުމަށް ސުފުރާމަތި ތައްޔާރުކޮށްލާފައި ހުންނައިރު ތަފާތު ބާވަތްތަކުގެ ތަރުކާރީއާއި ފަތްޕިލާވެލީގެ ސަޓަންޏާއި އެނޫންވެސް އެފަދަ ބާވަތްތައް ފެންނަލެއް އެޒަމާނުގައި ގިނައީ ގޭގައި ހުންނަ އެބާވަތްތަކުގެ ގަސްތައް އިންދާފައި ހުންނާތީއެވެ. ނަމަވެސް މިހާރު އެއިރު ފެނުނު ތިޔާގި ސުފުރާއެއް ނުފެނެއެވެ. ގޯތިތެރޭގައި އިހުގައި އިންދާފައި ހުންނަ ގަސްގަސް މިހާރު ފެންލެއް އަމުދުން މަދުކަން ފާހަގަކުރެވެއެވެ.
މިކަމުގެ ސަބަބުތަކެއްވެސް އެބަހުއްޓެވެ. އެގޮތުން ބަލާއިރު ރަށުގެ އާބާދީ ބޮޑުވުމާއި ގުޅިގެން ދިމާވާ މައްސަލަތަކުގެ ތެރޭގައި ހިމެނިގެން ބިމުގެ ފެންފަށަލަ ތުނިވަމުންގޮސް ބައެއް ރަށްރަށުގައި ފެން ލޮނުވެފައިވުމަކީ އެއް ސަބަބަށް ވެދާނެއެވެ. ގޯތިތެރޭގައި ގަސް އިންދާނެ ހުސްތަން އޮތްނަމަވެސް މިސަބަބާހުރެ މިހާރު އެހާވަރުން ގަސްއިންދާހިތްވާ މީހުން މަދުވުމަކީވެސް އެކަށީގެންވާކަމެކެވެ. ނޫންނަމަ އާޢިލާގެ ތެރެއަށް އަލަށް އުފަންވާ ކުދިން ގިނަވުމުގެ ސަބަބުން ގޯތިތެރޭގައި އޮންނަ ހުސްތަންކޮޅުގައިވެސް ގަސްއިންދުމުގެ ބަދަލުގައި ޢިމާރާތެއް އަޅަން މަޖުބޫރުވުމުގެ ސަބަބުން ގަސް އިންދާހިތްވާ މީހުންނަށްވެސް ގަސްއިންދާނެ މާބޮޑު ފުރުޞަޠެއް ގޭތެރެއިން ނުލިބުމަކީވެސް މިކަމުގެ ސަބަބަކަށް ވެދާނެއެވެ.
ކޮންމެ ގޮތަކަށް ވިސްނިޔަސް އިއްތިފާޤުވެވޭ އެއްކަމަކީ ގަސް އިންދޭލެއް މަދުކަމަށް ފާހަގަކުރެވޭ އެންމެ ބޮޑު ސަަބަބަކީ ބިމުގެ ދަތިކަން ހުރުމުގެ ސަބަބުންކަމެވެ. އަދި ބިމުގެ ފަސްގަނޑުގައި ގަހަށް އެކަށީގެންވާ ކާނާގެ ބާވަތްތައް މަދުކަމާ ބިމުގެ ފެންފަށަލައިގެ މައްސަލަތައް ބޮޑުކަމުންކަމެވެ. މިހުރިހާ ކަމަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދިޔައީ ފެނުގައި ގަސްއިންދުން ނުވަތަ ހައިޑްރޯފޯނިކްސް ރާއްޖެއަށް ތަޢާރަފްވެގެންދިއުމުންނެވެ.
ހައިޑްރޯފޯނިކްސް ނިޒާމުގައި ގަސްއިންދާ ހެއްދުމަށް އެއްވެސް ވަރަކަށް ވެލި ބޭނުންކުރާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި ފެނުގައި ގަސް އިންދައިގެން އޭގެ ފައިދާ ލިބެމުންދާކަން މިހާރު މިދަނީ ފެންނަމުންނެވެ. ރާއްޖޭގެ ރަށްރަށުގެ ފަސްގަނޑުގައި ބައެއް ބާވަތްތަކުގެ ގަސްތައް ހައްދަން އުދަގޫވިނަމަވެސް މިހާރު އެދުވަސް މާޒީއާ އެކުވެގެން ހިނގައްޖެއެވެ.
ފެނުގައި ޢާންމުކޮށް އިންދާ ގަސްގަހުގެ ތެރޭގައި ކިއުކަމްބަރ، ލެޓިއުސް އަދި ޓޮމާޓޯ އާއި ބާމިޔާތޮޅި ފަދަ ބާވަތްތައް ފާހަގަކޮށްލެވެއެވެ. މިއީ އިހުގައި ޢާންމުކޮށް ރާއްޖޭގައި ހައްދާ އުޅުނު ބާވަތްތަކެއްނޫނެވެ. ނަމަވެސް ހައިޑްރޯފޯނިކްސްގެ އެހީގައި މިއަދު މިވަނީ ދިވެހިން ހައްދާ ކިއުކަމްބަރގެ ރަހަ އަރުގައި ލާން ފަށާފައެެވެ.
ހައިޑްރޯފޯނިކްސް މަޝްރޫޢެއް ކުރިއަށް ގެންދާއިރު ވިސްނާލަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ގަސް އިންދަން ފެން އެޅުމަށް ތައްޔާރުކޮށްފައި ހުންނަ ސިސްޓަމްގެ ތެރޭގައި އަބަދުވެސް ފެން ދައުރުވާގޮތަށް އިންތިޒާމް ކުރުމަކީ މުހިންމުކަމެކެވެ. ފެން ދައުރުނުވާނަމަ ފެންގަނޑުގެ ތެރޭގައި ބައެއްކަހަލަ ޖަރާސީމު އުފެދި އޭދެ ސަބަބުން ގަހުގެ މޫތަކަށް ގެއްލުންވެދާނެއެވެ. އަދި މިގޮތަށް ފެނުގައި ގަސް އިންދި ނަމަވެސް މިގަސްތަކަށް ބޭނުންވާ ކާނާ އެކަށީގެންވާ މިންވަރަށް ލިބެންވާނެއެވެ. ފެނުގައި ގަސްއިންދާނަމަ ގަހަށް ބޭނުންވާ ކާނާ އެއްކުރާނީ ގަސް އިންދާފައި ހުންނަ ފެންގަނޑަށެވެ. މިގޮތަށް ފެނުގައި ގަސްއިންދާފައި ހުންނައިރު އެ ފެންގަނޑުގައި މަދިރިފަނި އާލާވެދާނެތީ ފެންގަނޑަށް ކުދި މަސް ލާފައި ބެހެއްޓިދާނެއެވެ. ނުވަތަ މަދިރިއަށް ނުވަދެވޭގޮތަށް ފެންގަނޑު މަތީގައި މަދިރިދާ އަޅާފައި ބެހެއްޓިދާނެއެވެ.
ރަށުގެ ބިން ކުޑަވުމުގެ ސަބަބުން ދަނޑުވެރިކަން ކުރުމަށް އެންމެ އެކަށީގެންވާ ބިންހޯދުމަކީ ބައެއް ރަށްރަށުގައި މާފަސޭހަކަމަށްނުވެއެވެ. ނަމަވެސް ހައިޑްރޯފޯނިކްސްއަކީ ވަކި ފެންވަރެއްގެ ފަސްގަނޑެއްގައި ނުވަތަ ވަކި ބިމެއްގައި ނޫނޫ ނުކުރެވޭނެކަމެއްނޫނެވެ. ހައިޑްރޯފޯނިކްސް ސިސްޓަމް ބެހެއްޓުމަށް އެކަށީގެންވާ ކޮންމެ ތަނެއްގައިވެސް މިގޮތަށް ދަނޑުވެރިކަން ކުރެވިދާނެއެވެ. ނަމަވެސް ކުރިން ދެންނެވިހެން މިކަން އެންމެ އެދެވޭގޮތުގައި ކުރުމަށް ބޭނުންވާ ކަންތައްތައް ފަހިކޮށްފައި ހުރުމަކީ މުހިންމުކަމެކެވެ. އެގޮތުން ހައިޑްރޮފޯނިކްސް ސިސްޓަމުގައި އިންދާފައި ހުންނަ ގަސްތަކަށް އަވިދޭ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ސިސްޓަމްގެ މަތީގައި ދާއަޅައި ސީދާ ގަދަ އަވި ގަސްތަކާ ހަމައަށް ނުފޯރާނެހެން ހެދުމަކީވެސް މިކަމަށް ބޭނުންވާ އަސާސީ ކަމެކެވެ.
މިކަމަކީ ސައިންޓިފިކް ހޯދުމަކަށްވާތީއާއެކު މިއީ ސްކޫލްތަކުގައިވެސް ދަރިވަރުންލައްވާ ކުރުވުން ރަގަޅުކަމެއްކަމަށް ޤަބޫލްކޮށް ރާއްޖޭގެ ބައެއް ސްކޫލްތަކުގައި އެކިވަރުގެ ހައިޑްރޯފޯނިކްސް ސިސްޓަމްތައް ބަހައްޓައި މިކަން އާލާކުރުމުގެ މަސައްކަތް މިހާރުވެސް ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ކުރެވެމުންދެއެވެ. އަދި މާލޭގެ ލޯކަލް މާރުކޭޓުގައި މިހާރުވެސް ރާއްޖޭގައި ފެނުގައި އިންދައިގެން ހައްދާފައިހުންނަ މޭވާއާއި ތަރުކާރީގެ ބާވަތްތައް ކޮންމެވެސް ވަރަކަށް ލިބެންހުރެއެވެ. އަދި ބިމުގައި އިންދައިގެން ހައްދާފައި ހުންނަ ބާވަތްތަކާ ހައިޑްރޮފޯނިކްސްގެ އެހީގައި ހައްދާފައި ހުންނަ ބާވަތްތަކާ މާބޮޑު ތަފާތެއް ހުންނަކަން ފާހަގަކުރެވިފައެއްވެސް ނުވެއެވެ. ވީމާ، ހައިޑްރޮފޯނިކްސް ނުވަތަ ފެނުގައި ގަސްއިންދުމަކީ އަޅުގަނޑުމެންގެ ރާއްޖެއާ ވަރަށް އެކަށީގެންވާކަމެއްކަމުގައި ބެލެވިދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...