މަޢުލޫމާތު ގޯސްވަމުންދާ ވައިގެ ފެންވަރަށް އަޅުގަނޑުމެން ތިބީ ތައްޔާރަށްތޯ؟
މަޢުލޫމާތު

ގޯސްވަމުންދާ ވައިގެ ފެންވަރަށް އަޅުގަނޑުމެން ތިބީ ތައްޔާރަށްތޯ؟

ގޯސްވަމުންދާ ވައިގެ ފެންވަރަށް އަޅުގަނޑުމެން ތިބީ ތައްޔާރަށްތޯ؟
ރާއްޖޭގެ ވައި ވަނީ އާދަޔާޚިލާފަށް ނުސާފު ވެފައި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ވައިގެ ފެންވަރު ދަށްވެ، މޫސުމީ ގޮތުން ކުރިމަތިވާ ފުސްކަމުގެ ސަބަބުން ޢާންމު ޞިއްޙަތަށް އޮތް ނުރައްކާ ބޮޑުވަމުންދާތީ، އެކަމުގެ ކަންބޮޑުވުންތައް ދަނީ އިތުރުވަމުންނެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުން ދާދިފަހުން ފާހަގަކުރެވުނު ވައި ތަޣައްޔަރުވުމުގެ މިންވަރުތަކަށް ބަލާއިރު، އިތުރަށް ގޯސްވަމުންދާ މިފަދަ ޙާލަތްތަކާ ކުރިމަތިލުމަށް ޤައުމީ ފެންވަރުގައި އެކަށީގެންވާ ތައްޔާރީތަކެއް ވެވިފައިވޭތޯ ވަނީ ސުވާލު އުފެދިފައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު، ގްރޭޓަރ މާލެ ސަރަހައްދުގެ އެއަރ ކޮލިޓީ އިންޑެކްސް (AQI) 159 އަށް އަރާފައިވާއިރު، ކުޅުދުއްފުށީގައި މި މިންވަރު ހުރީ 160 ގައެވެ. މިއީ ޞިއްޙަތަށް ނުރައްކާވާ މިންވަރެކެވެ. ހުޅުމާލެ ފޭސް 3 ގެ ކުނި އެއްކުރާ ސަރަޙައްދެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ދުން ކައިރި ސަރަޙައްދުތަކަށް ފެތުރުމުގެ ސަބަބުން މި ޙާލަތު އިތުރަށް ގޯސްވިއެވެ.

ރާއްޖޭގެ ވައި ނުސާފުވުމަށް މެދުވެރިވަނީ ރާއްޖޭގެ އެތެރޭގެ ސަބަބުތަކާއި އަދި ރާއްޖެއިން ބޭރުގެ ސަބަބުތައް ގުޅިގެންނެވެ. ވައި ނުސާފުވުމާ ގުޅޭ ރާއްޖޭގެ ގައުމީ އެކްޝަން ޕްލޭންގައިވާ ގޮތުން، މާލެ ސަރަހައްދަށް ކުރިމަތިވާ މި މައްސަލައިގެ ގާތްގަނޑަކަށް 70 އިންސައްތައަކީ ރާއްޖޭގެ ސަރަޙައްދުން ބޭރުން އަންނަ ނުސާފު ވައެވެ. ބާކީ 30 އިންސައްތަ އަކީ ރާއްޖޭގެ އެތެރޭގައި ހިންގާ ޙަރަކާތްތަކުން އުފެދޭ ނުސާފު ވައެވެ. އޭގެތެރޭގައި އެއްގަމު އުޅަނދުފަހަރުން ބޭރުކުރާ ދުމާއި، ޢިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ހިރަފުހާއި، ކަނޑު އުޅަނދުފަހަރުން ބޭރުކުރާ ދުމުގެ އިތުރުން ކުނި އެންދުން ހިމެނެއެވެ.

ޢާންމުކޮށް އިރުވައި މޫސުމުގައި އިންޑިއާ ބައްރުގެ ބައެއް ސަރަޙައްދުތަކުން ރާއްޖެއާ ދިމާލަށް ނުސާފު ވައިގެ ބޮޑު ބައެއް ދައުރުވާތީ، މި ޙާލަތު ކުރިއަށް އޮތް ތަނުގައި އިތުރަށް ގޯސްވާނެ ކަމަށް ބެލެވެއެވެ.

މި ނުރައްކަލަށް ޙައްލެއް ހޯދުމަށް ސަރުކާރުން ވަނީ ވައިގެ ފެންވަރު ބެލުމުގެ ނިޒާމު ހަރުދަނާކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރު ނިމުމުގެ ކުރިން ގްރޭޓަރ މާލެ ސަރަޙައްދުގައި އިތުރު ހަތަރު މޮނިޓަރިންގ ސްޓޭޝަން ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ވެސް މިފަދަ ސްޓޭޝަންތައް ދަނީ ހިންގަމުންނެވެ.

އެހެންނަމަވެސް، ހަމައެކަނި ވައިގެ ފެންވަރު ބެލުމަކުން ފުދޭކަށް ނެތެވެ. ތަޖުރިބާކާރުންނާއި ތިމާވެށީގެ ޙިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުން ބާރުއަޅަނީ އުޅަނދުފަހަރުން ބޭރުކުރާ ދުން މަދުކުރުމާއި، ކުނި މެނޭޖުކުރުން ހަރުދަނާކުރުމާއި، ޢިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ނުސާފުވުން ކޮންޓްރޯލްކުރުމުގެ އިތުރުން ޢާންމުން ހޭލުންތެރިކުރުވުން މުހިންމު ކަމަށެވެ.

ވައި ނުސާފުވުމުގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވެދާނެ ކަމުގެ އިންޒާރު ޞިއްޙީ މާހިރުން ވެސް ވަނީ ދެއްވާފައެވެ. ޚާއްޞަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި ނޭވާލާ ނިޒާމުގެ ބަލިތައް ތަޙަންމަލުކުރާ މީހުންނަށް މިކަމުގެ ނުރައްކާ ބޮޑެވެ.

ރާއްޖެއަށް މޫސުމީ ގޮތުން ކުރިމަތިވާ މި ފުސްކަމާއި ސިޓީތަކުގައި ވައި ނުސާފުވުން އިތުރުވަމުންދާއިރު، މިހާރު އޮތް ގޮންޖެހުމަކީ ހަމައެކަނި މައްސަލަ ދެނެގަތުމެއް ނޫނެވެ. އޭގެ ބަދަލުގައި، ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކާއި، ޢާންމު ޞިއްޙަތަށް ބޭނުންވާ ތައްޔާރީތަކާއި، ތިމާވެށީގެ ދުރުރާސްތާ ސިޔާސަތުތައް ތަންފީޒުކުރެވޭނެކަން ކަށަވަރުކުރުމެވެ.

ދިވެހިރާއްޖެއަކީ ސާފު ތިމާވެއްޓެއްގެ ގޮތުގައި ބައިނަލްއަޤުވާމީ ގޮތުން މަޤުބޫލުކަން ހޯދާފައިވާ ޤައުމަކަށްވާއިރު، ރައްޔިތުން ނޭވާލާ ވައިގެ ސާފުކަން ރައްކާތެރިކުރުމަކީ ގައުމީ ފެންވަރުގައި އެންމެ އިސްކަންދޭންޖެހޭ އެއް ކަންތައް ކަމުގައި ހަދަންޖެހެއެވެ.

ޓެގް

ތިމާވެށި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.