މަޢުލޫމާތު ކާމިޔާބު ޙާޞިލް ކުރުމަށް މަސައްކަތް ކުރުމަކީ ވަކި ޢުމުރަކަށް ޚާއްޞަ ކަމެއްނޫނެވެ.
މަޢުލޫމާތު

ކާމިޔާބު ޙާޞިލް ކުރުމަށް މަސައްކަތް ކުރުމަކީ ވަކި ޢުމުރަކަށް ޚާއްޞަ ކަމެއްނޫނެވެ.

1733115844.png

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ޒުވާނުންގެ ކާމިޔާބީތަކާއި ކުއްލިއަކަށް ކުރިއަރައިގެން ދިއުން އާދަޔާ ޚިލާފަށް މަތިވެރިކުރާ ދުނިޔެއެއްގައި، އުމުރުން ދުވަސްވީ ފަހުން އެންމެ މަތީ ދަރަޖައަށް ވާސިލުވި މީހުންގެ ވާހަކަތަކަކީ އާ ރޫހެއް ގެނެސްދޭ އަދި ވަރަށް ބޮޑަށް ހިތްވަރުލިބޭ ޢިބުރަތްތެރި ވާހަކަތަކެކެވެ. ބައެއް މީހުން މުޖުތަމަޢުގެ އާންމު ގޮތްތަކަށް ގޮންޖަހައި، އުމުރަކީ އައު އީޖާދުތަކާއި، އުފެއްދުންތެރިކަމާއި، ކެތްތެރިކަމަށް ހުރަހެއް ނޫންކަން ސާބިތުކޮށްދެއެވެ. އެމީހުންގެ ދަތުރުން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ކާމިޔާބީއަކީ ވަކި ޚާއްޞަ މިނަކަށް ހަނިކުރެވިފައިވާ އެއްޗެއް ނޫންކަމާއި، އިންސާނީ ރޫހަށް އުމުރުގެ ކޮންމެ މަރުހަލާއެއްގައިވެސް މަތިވެރިކަން ހާސިލުކުރުމުގެ ޤާބިލުކަން ލިބިގެންވާކަމެވެ.

 

މިއީ އުމުރުން ދުވަސްވީ ފަހުން އެމީހުންގެ ކާމިޔާބީތަކުން އުންމީދާއި ހިތްވަރުގެ ނަމޫނާއަކަށްވީ ބައެއް ޚާއްޞަ ފަރުދުންގެ ވާހަކައެވެ.

 

1. ކާނަލް ހާލަންޑް ސޭންޑަރސް: 62 އަހަރުގައި ކާމިޔާބީގެ ރެސިޕީ

ކެންޓަކީ ފްރައިޑް ޗިކަންގެ ބާނީ، ކާނަލް ހާލަންޑް ސޭންޑަރސްއަށްވުރެ ފާހަގަކޮށްލެވޭ މަދުބަޔަކު ތިބެދާނެއެވެ. ނަމަވެސް، އޭނާގެ މަޝްހޫރުކަން އައީ އުމުރުން ދުވަސްވަންދެން ކުރަންޖެހުނު މަސައްކަތްތަކަކަށް ފަހުގައެވެ. 1890 ގައި އުފަންވި ސޭންޑަރސް އެކި ވަޒީފާތައް އަދާކުރިއެވެ. ދަނޑުވެރިކަމާއި، ޓެކްސީ ޑްރައިވަރުކަމާއި، އިންޝުއަރެންސް އޭޖެންޓުކަން ކުރުންފަދަ މަސައްކަތްތައް އޭނާ ކުރިއެވެ.

މިގޮތަށް އުޅެމުން އޭނާގެ ޢުމުރުން 40 ގެ އަހަރުތަކުގައި އޭނާގެ ތެލުލި ކުކުޅުގެ ރެސިޕީ ފުރިހަމަކުރިއެވެ. އަދި އެ ތެލުލި ކުކުޅު ވިއްކަން އޭނާ ކުޑަ ކުޑަ އައުޓްލެޓެއް ހުޅުވިއެވެ. ނަމަވެސް އަލަށް ހެދި މަގަކާ ގުޅިގެން ޓްރެފިކް ބަދަލުވުމުން މަގުގެ ކައިރީގައި ހުރި އޭނާގެ ރެސްޓޯރަންޓް ބަންދުކުރަން ޖެހުނެވެ. އޭރު ޢުމުރުން 60 ގެ އަހަރުތައް ގުނަމުން ދިޔަ ސޭންޑަރސް އޭނާގެ ތެލުލި ކުކުޅު ފްރެންޗައިޒް ކުރަން ފެށިއެވެ. ގޭގެއަށް ގޮސް ނުހަނު ބުރަކޮށް ކުރި މަސައްކަތުން ފަހުން ކާމިޔާބު ލިބި، ކޭއެފްސީ ދުނިޔޭގެ ފެންވަރުގައި މަޝްހޫރުވެގެން ދިޔައެވެ. އޭނާގެ ވާހަކައަކީ ކުރާ ކަންތަކުގައި ދެމިހުރުމާއި، ވަގުތާ ޙާލަތާއެކު ބަދަލުވުމުގެ މުހިންމުކަން ބުނެދޭ ވާހަކައެކެވެ.

 

2- ގްރޭންޑްމާ މޯސަސް: 78 އަހަރުގައި އަހަރުގައި ދުނިޔެ ކުރަހަން ފެށުން

 

އެނާ މެރީ ރޮބަޓްސަން މޯސަސް، މަޝްހޫރު ނަމުންނަމަ ގްރޭންޑްމާ މޯސަސް، އޭނާގެ ފާހަގަކޮށްލެވޭ ކުރެހުމުގެ ހުނަރުވެރި މަސައްކަތް ފެށީ އޭނާގެ ޢުމުރުން 70 އަހަރު ވީފަހުންނެވެ. އެއީ އޭނާ އެންމެ ކުރާހިތްވާ ތިނޯހުން ކުރާ މަސައްކަތްތައް އާތްރައިޓިސްގެ ސަބަބުން އޭނާއަށް ވޭންދެނިވި ކަމަކަށް ވުމުންނެވެ.

ރަސްމީ ތަމްރީނެއް، ތަޢުލީމެއްވެސް ނެތި، އޭނާ ކުރެހުމަށް އަހުލުވެރިވެ، އެމެރިކާގެ ރަށްފުޅު ދިރިއުޅުން ދައްކުވައިދޭ ކުރެހުންތައް ކުރެހުމަށް އޭނާ ޚާއްޞަވިއެވެ. އޭނާގެ ކުރެހުންތަކަށް ސަމާލުކަން ލިބެންފެށީ އޭނާގެ ޢުމުރުން 80 އަހަރުވީ ފަހުންނެވެ. އެއާއެކު އޭނާ ވެގެންދިޔައީ ބައިނަލްއަޤްވާމީ ގޮތުން މަޝްހޫރު ކުރެހުންތެރިއަކަށެވެ. މިއީ އާ ކަމެއް ފެށުމަކީ ވަކި ޢުމުރަކަށް ޚާއްޞަ ކަމެއް ނޫންކަން ސާބިތުކޮށްދޭ ކަމެކެވެ. ގްރޭންޑްމާ މޯސަސްގެ ކާމިޔާބީއަކީ ދިރިއުޅުމުގެ ކޮންމެ މަރުޙަލާއެއްގައިވެސް ނުފެނިވާ ހުނަރުތައް ފާޅުވެދާނެކަން ހަނދާންކޮށްދޭ މުހިންމު ކާމިޔާބީއެކެވެ.

 

3- ރޭ ކްރޮކް: 52 އަހަރުގައި އެމްޕަޔަރެއް ބިނާކުރުން

ރޭ ކްރޮކް އަކީ މިލްކްޝޭކް މެޝިން ވިއްކާ ވިޔަފާރިއެއްގެ ސޭލްސް މަނެއްގެ ގޮތުގައި އުޅުނު މީހެކެވެ. އެ މަސައްކަތުގައި އުޅެނިކޮށް މެކްޑޮނަލްޑްސްގެ ބާނީން ފަށައިގެން އުޅުނު ބަރގަރ ވިއްކާ ތަނެއް އޭނާއަށް ތަޢާރަފުވިއެވެ. ގިނަ މީހުން ދިރިއުޅުމަށް ކުރަމުން އައި މަސައްކަތް ހުއްޓާލައި ރިޓަޔަރ ކުރަން ވިސްނާ އުމުރު ކަމުގައިވާ 52 އަހަރުގައި، ކްރޮކް ވިސްނީ ފާސްޓް ފުޑް ސިނާއަތް ބަދަލުކޮށްލާނެ ފްރެންޗައިޒް މޮޑެލްގެ ވިޔަފާރިއެއް ފަށާށެވެ.

އޭނާގެ މި ވިސްނުމާއެކު، މެކްޑޮނަލްޑްސްގެ ބާނީންނާ ގުޅިގެން އެވިޔަފާރީގެ ފްރަންޗައިޒްތައް އުފައްދައި އެ ވިޔަފާރި އެމެރިކާއަށާއި މުޅި ދުނިޔެއަށް ފުޅާކުރަން ފެށިއެވެ. އައު ގޮތްތައް ހޯދުމާއި، ފުރިހަމަކަމާއެކު ކޮން ކަމެއްވެސް ކުރުމަށް ކެނޑިނޭޅި މަސައްކަތްކުރުމުގެ ސަބަބުން މެކްޑޮނަލްޑްސް ވެގެންދިޔައީ ދުނިޔޭގެ އެންމެ ކާމިޔާބު ބްރޭންޑްތަކުގެ ތެރެއިން އެއް ބްރޭންޑަށެވެ. ކްރޮކްގެ ވާހަކައިން ހާމަކޮށްދެނީ ކޮންމެ އުމުރެއްގައި ވިޔަސް ކުރާ ކޮންމެ ކަމެއްގެ ތަސައްވުރެއް އޮތުމުގެ މުހިންމުކަމާއި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަމެވެ.

 

 4- ޓޯނީ މޮރިސަން: 60 ގެ އަހަރުތަކުގައި ނޯބަލް ލޯރިއޭޓް

ޓޯނީ މޮރިސަން އޭނާގެ ފުރަތަމަ ނާވިލު، “ދަ ބްލޫއެސްޓް އައި” ޝާއިޢުކުރީ އޭނާގެ ޢުމުރުން 39 އަހަރުގައެވެ. ނަމަވެސް އަދަބިއްޔާތުގެ ދާއިރާގައި އޭނާގެ މަޝްހޫރު ވެގެންދިޔައީ އޭގެ މާފަހުންނެވެ.

އޭނާގެ ފޮތެއްކަމަށްވާ ‘ބިލަވްޑް’ އަށް ޕުލިޓްޒަރ ޕްރައިޒް ލިބުނެވެ. އޭރު އޭނާގެ ޢުމުރުން 56 އަހަރު ވެއްޖެއެވެ. އަދި ޢުމުރުން 62 އަހަރުގައި އޭނާ ވެގެންދިޔައީ ނޯބަލް ޕްރައިޒް އިން ލިޓްރެޗަރ ލިބުނު އެމެރިކާގެ ފުރަތަމަ ކަޅުނަސްލުގެ އަންހެނާއަށެވެ. މޮރިސަންގެ މަސައްކަތުން ފަހުގެ އެތައް ޖީލަކަށް އިލްހާމް ލިބެމުންދެއެވެ. އަދި އުމުރުން ދުވަސްވުމާއެކު އުފެއްދުންތެރިކަމާއި ޙިކުމަތްތެރިކަން އިތުރުވާކަން އޭނާގެ ޙަޔާތުގެ މަސައްކަތަކުން ދައްކުވައިދެއެވެ.

 

 -5 ޕީޓަރ މާކް ރޯޖެޓް: 73 އަހަރުގައި ބަސްތަކުގެ ތަރިކަ

ގިނަ މީހުންނަށް ރޯޖެޓް އެނގެނީ އޭނާ ޝާއިޢުކޮށްފައިވާ ތީސޯރަސްއިންނެވެ. ނަމަވެސް އޭނާ އޭގެ ފުރަތަމަ އެޑިޝަން ޝާއިޢުކުރީ އޭނާގެ ޢުމުރުން 73 އަހަރުގައިކަން އެނގެނީ މަދު ބަޔަކަށެވެ.

ޑޮކްޓަރަކަށާއި ސައިންޓިސްޓަކަށް ވުމުގެ އިތުރުން، ރޯޖެޓްގެ ހިތުގައި ބަހާއި، ލަފުޒުތަކަށް އޮތް ލޯބި އޭނާއަށް މަގުދެއްކީ މިއަދާ ހަމައަށްވެސް ބަހާއި ލިޔުމުގެ މައިގަނޑު ބިންގަލަކަށްވެފައިވާ މަސައްކަތެއް ފެށުމަށެވެ. އޭނާގެ ކާމިޔާބީން ދައްކުވައިދެނީ އުމުރު ދުވަހުގެ ކުރިއެރުމުގެ ޝައުޤު އިންސާނިއްޔަތަށް ދެމިހުންނާނެ ޙިއްޞާއަކަށް ވެގެންދާނެ ގޮތެވެ.

 

މި ވާހަކަތަކުގައި އޮތް އާންމު ކަމަކީ ކުރިއަށް ދިއުމުގެ ހުއްޓުމެއްނެތް އަޒުމެވެ. އެއީ ބޭނުންވެގެން ކަމުގައިވިޔަސްވިޔަސް، ޝައުޤުވެރިކަމުން ކަމުގައިވިޔަސް، ނުވަތަ ކުއްލިއަކަށް އައި ޚިޔާލަކުން ކަމުގައިވިޔަސް، މި މީހުން އާ ފުރުސަތުތަކާ ކުރިމަތިލައި، އުމުރާ ގުޅޭ ގޮތުން މީހުން ދެކޭދެކުންތަކާ ދެކޮޅަށް ނުކުތެވެ.

 

އެ މީހުންގެ ދިރިއުޅުމުން އަހަރެމެންނަށް ހަނދާންކޮށްދެނީ، އަލުން ފެށުމަށް އެއްވެސް އިރެއްގައި ލަސް ނުވާނެކަމެވެ. އެއީ ވަޒީފާ ބަދަލުކުރުން ކަމުގައިވިޔަސް، އުފެއްދުންތެރި މަސައްކަތެއް ކަމުގައިވިޔަސް، ނުވަތަ ވިޔަފާރިއެއް ފެށުން ކަމުގައިވިޔަސް، ފެށުމަކަށް މުއްދަތު ހަމަވާ ދުވަހެއް ނޯވެއެވެ.

އުމުރުން ދުވަސްވުމުން ޚާއްޞަ ފައިދާތަކެއް ލިބެއެވެ. ދިރިއުޅުމުގެ ތަޖުރިބާތަކާއި، ޙިކުމަތްތެރިކަމާއި، ކެތްތެރިކަން ގިނަފަހަރު އުމުރުން ދުވަސްވުމަށްފަހު ލިބޭ ކާމިޔާބީއަށް މަގުފަހިކޮށްދެއެވެ.

ދެމިހުރުމަކީ މުހިންމު ކަމެކެވެ. މި މީހުންނަށްވެސް ގޮންޖެހުންތަކާއި ހުރަސްތަކާ ކުރިމަތިވިއެވެ. ނަމަވެސް އެމީހުންގެ އަޒުމުގެ ސަބަބުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދުނެވެ.

އަވަހަށް ކާމިޔާބުވުމަށް މީހުންނަށް ބާރުއަޅާ މުޖުތަމަޢެއްގައި، ފަހުން ކާމިޔާބުވާ މީހުންގެ ވާހަކަތަކުން ހިތްހަމަޖެހުމާއި ހިތްވަރު ލިބޭ ދެކުމެއް ދެއެވެ: ކާމިޔާބީއަކީ ދުވުމެއް ނޫނެވެ. އެއީ ދަތުރެކެވެ. ކުރިއަށް ދެވެން އޮތް މަގަކީ ކަފިކަފި ވެފައިވާ މަގަކަށްވެސް ވެދާނެއެވެ. އަދި މަންޒިލަށް ވާސިލުވެވެނީ އުންމީދުކުރި ވަގުތަށްވުރެ ފަހުންކަމުގައިވެސް ވެދާނެއެވެ. ނަމަވެސް އުންމީދާއެކު ހިތްވަރު ދޫނުކޮށް ދެމިތިބޭ މީހުންނަށް ލިބޭ ނަތީޖާ ގިނަފަހަރު ވަރަށް ފޮނިވާނެއެވެ.

މި މީހުންގެ ޙަޔާތުން އަހަރެމެންނަށް ހަނދާންކޮށްދެނީ އަހަރެމެންގެ ޤާބިލުކަމަކީ ވަގުތަކާ ގުޅިފައިވާ އެއްޗެއް ނޫންކަމާއި، އަހަރެމެންގެ ވާހަކައިގެ އެންމެ ރަނގަޅު ބައިތައް އަދިވެސް ކުރިއަށް އޮތީ ކަމުގައި ވެދާނެކަމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.