އަހި ގަހަކީ ރާއްޖޭގައި ވަރަށް ޢާންމުކޮށް ހެދޭގަހެކެވެ. ގިނަފަހަރަށް އަހިގަހަކީ މީހުން ބޭނުންވެގެން ހައްދާ ގަހެއްކަމުގައި ނުވިޔަސް އެގަހުން ކޮންމެވެސް ވަރެއްގެ ފައިދާދަތެއް ލިއްބައިދޭ ގަހެކެވެ. ޚާއްޞަކޮށް އަހިގަހުގައި އަޅާ މޭވާއަކީ ތަފާތު ބަލިބަލީގެ ޝިފާއެއްގެގޮތުން ބޭނުންކުރެވޭ އެއްޗެކެވެ. މި ގަހަކީ މާގަދައަށް އަވިނުދީއޮންނަ، ހިޔާބޮޑު ހިސާބުތަކުގައާއި، އަދި އަތިރިމަތީގައި ވަރަށް ފަސޭހައިން ހެދޭ ގަހެކެވެ. ރާއްޖޭގައި މިގަސް އެހާފަސޭހައިން ހެދޭ ސަބަބަކީ މިއީކަމަށްވުމަކީ އެކަށީގެންވާކަމެކެވެ.
އަހިގަހުގެ ގަސްގަނޑަކީ މާވަރުގަދަ ގަސްގަނޑެއްނޫނެވެ. އެހެންނަމަވެސް ގަހުގެ ފަތްތަކަކީ އާދައިގެ ވަރަކަށްވުރެ ބޮޑެތި ފަތްތަކެކެވެ. ގަހުގެ ޢުރުން ގާތްގަނޑަކަށް 18 މަސްދުވަސް ވުމުން ގަހުގައި ހުދުކުލައިގެ ކުދި މާތަކެއް އަޅާނެއެވެ. މިމަލުގައި ހުންނާނީ ހުދުކުލައިގެ 6 ފިޔައެވެ. އަދި މަލުގެ ކަރުގަނޑުގައި ހުންނާނީ މަޑު ރީނދޫކުލައެއްގައެވެ. ގަހުގައި މާ އަޅާތާ މާގިނަދުވަސް ނުވަނީސް އެމާތައް ވެއްޓި މޭވާ ނިކުންނާނެއެވެ. މި މޭވާއަށް ކިޔަނީ އަހިވަކެވެ. އަހިވަކަކީ ބޭރުތޮށިގަނޑުގައި ކުދި ފިތްތަކެއް ހުންނަށް ސައިޒުން ކުޑަ މޭވާއެކެވެ. މިއިން ކޮންމެ އަހިވަކަކުންވެސް ދުވާވަހަކީ ގިނަމީހުންނަށް މާ މީރުވަހަކަށް ނުވާތީ އަހިވަކަކީ ޢާންމުކޮށް ގިނަމީހުން މާ ގަޔާވާއެއްޗެއްނޫނެވެ. އަހިގަހުގައި މޭވާ އަޅަންފެށުމުން ކޮންމެ މަހަކުވެސް 4 ކިލޯއާއި 8 ކިލޯއާ ދެމެދުގެ ބަރުދަނެއް ހަމަވާވަރަށް އަހިވަށް އަޅާނެއެވެ.
ތެތްކަމެއްނެތް ހިކި ފަސްގަނޑުގައި ރީތިކޮށް ހެދުމަކީ މިގަހަށް މާއުދަގޫ ކަމެއްނޫނެވެ. އެހެންކަމުން ރާއްޖެފަދަ ހޫނުގަދަ ގައުމުތަކުގައި މިގަސް ހެދޭލެއް ގިނައެވެ. އަހިގަސް ޢާންމުގޮތެއްގައި ހެދެނީ ގާތްގަނޑަކަށް 9 މީޓަރު އުސްމިނަށެވެ. އަދި ގަހުގެ ފަތްތަކަކީ ސައިޒުން ބޮޑު، ފެހިކަންގަދަ އޮމާން ފަތްތަކެކެވެ. ފަތުގެ ނާރުތަކަކީ ފަލަ ނާރުތަކެއްކަމުން ފަތުން ނާރުތައް ވަރަށް ބޮޑަށް ފާޅުވާން ހުންނާނެއެވެ. އަދި ފަތުގެ އޮމާންކަމުގެ ސަބަބުން ކޮންމެ ފަތެއްގައިވެސް ކުޑަ ދަޅައެއް ހުންނާނެއެވެ.
ގަހުގައި އަޅާ މޭވާއަކީ ގިނަ މީހުންނަށް ނުބައިވަސް ދުވާ މޭވާއެއްނަމަވެސް އެމޭވާގެ ބައެއް ސިފަތަކަށް ބަލާއިރު، އެމޭވާ އެންމެ ވައްތަރުވާނީ ބަނބުކެޔޮ ހުންނަ ގޮތާއެވެ. އެހެންނަމަވެސް ސައިޒުން ކުޑަވާނެއެވެ. އަހިވަކުގެ އެވްރެޖް ސައިޒަކީ 4 ސެންޓިމީޓަރާ 7 ސެންޓިމީޓަރާ ދެމެދުގެ ސައިޒެކެވެ. އަހިވައް އެންމެފުރަތަމަ ހުންނަނީ ފެހިކުލައިގައި ނަމަވެސް ދޮންވުމުން ރީނދޫކުލައަށް ބަދަލުވެއެވެ. މިމޭވާއަކީ ދުވާވަހުގެ ސަބަބުން ޢާންމުގޮތެއްގައި މީހުން ބޭނުންކުރާ މޭވާއެއްނޫންކަމުން ގަހުގައި އިނދެ ފާވެގެން ވެއްޓޭލެއް ވަރަށްގިނަވާނެއެވެ. އަހިވައް ފާވުމުން އޭގައި ހުރި މަޑު ރީނދޫކުލަ އިތުރަށް މަޑުވަމުންގޮސް ހުދުކުލައަކާ ގާތްކުރާ ކުލައަކަށް އޭގެ ކުލަ ބަދަލުވެގެންދެއެވެ. އަދި ފާހަގަކޮށްލެވޭ އެއްކަމަކީ ގަހުގައި އިނދެ އެއް އަހިވަށް ފާވުމުން ގަހުގައި ހުރި އެހެން އަހިވައްތައްވެސް ފާވެގެން ވެއްޓެން މާގިނަދުވަހެއް ނުނަގާނެކަމެވެ. ކޮންމެ އަހިވަކެއްގައި ވަރަށްގިނަ ޢަދަދެއްގެ ކުދިކުދި އޮށްތަކެއް ހުންނާނެއެވެ. މިމޭވާއަކީ ޢާންމުކޮށް ހުހައް ކެއުމަށް އިޙްތިޔާރުކުރެވޭ މޭވާއެއް ނޫންނަމަވެސް ރޯސްކޮށްގެންނާއި، ރިހަކައްކައިގެން އަދި މިނޫން އެހެންގޮތްގޮތަށްވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި އަހިވައް ބޭނުންކޮށްއުޅެއެވެ. ރާއްޖޭގައިވެސް އަހިވައް ހުހަށް ކާމީހުން ކޮންމެވެސް ވަރަކަށް އުޅެއެވެ. އެހެންނަމަވެސް ގިނަމީހުން އަހިވައް ކައިއުޅެނީ ހަކުރާއެކު މޮޑެގެންނެވެ. މިމޭވާގައި މަޑުކުޅިރަހައެއް ހުންނާނެއެވެ. އަދި ފޮނިރަހަވެސް ކޮންމެވެސް މިންވަރަކަށް ހުންނާނެއެވެ.
ބޭސްވެރިކަމުގެ ދުނިޔޭގައި އަހިވަކަކީ ވަރަށް ބޭނުންތެރި އެއްޗެއްކަން ފާހަގަކުރެވެއެވެ. އެގޮތުން އެތެރެހަށީގެ ބައެއް ބަލިބައްޔަށް ޝިފާއެއްގެގޮތުން އަހިވައް ބޭނުންކޮށް އުޅެއެވެ. އަދި އަހިވަކުގެ ޢަރަޤު ނެގުމަށްފަހު އެއިންވެސް ތަފާތު ބޭސްތައް ދިވެހި ބޭސްވެރިކަމުގައިވެސް ތައްޔާކޮށް އުޅެއެވެ. އެފަދަ ބައެއް ބޭސް ދިވެހި ބޭހުގެ ތެރޭގައި ހިމެނިގެން ރާއްޖެއިންވެސް ލިބެން އެބަހުއްޓެވެ. އަހިވަކަކީ ދިވެހިންގެ ދިރިއުޅުމާ ގުޅުންބޮޑު އެއްޗެއްކަން އެނގޭ އެއްކަމަކީ ދިވެހިންގެ ވާހަކަދެއްކުމުގައި މިސާލުބަހެއްގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެއްކަމުންނެވެ. އާދެ. އަހިވަކަކާޖެހި އަހިވަކެއް ފާވާނެކަން އެއީ އަޅުގަނޑުމެން އަބަދުވެސް އަޑުއަހާ ވާހަކައެކެވެ. އަދި އަހިވަކަކީ މީރު ނޫނަސް، އަދި ވަސް ނުބަޔަސް ފައިދާހުރި އެއްޗެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...