މަޢުލޫމާތު އިޓަލީގެ އަމަލްފީ – ފަތުރުވެރިއެއްގެ ގޮތުގައި ގޮސްލަން ވަރަށް ހިތްގައިމު ތަނެއް
މަޢުލޫމާތު

އިޓަލީގެ އަމަލްފީ – ފަތުރުވެރިއެއްގެ ގޮތުގައި ގޮސްލަން ވަރަށް ހިތްގައިމު ތަނެއް

1735547709.jpeg

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ފަތުރުވެރިންގެ ޝަޢުޤުވެރިކަން ލިބިފައިވާ މަންޒިލްތައް ދުނިޔޭގައި ވަރަށްގިނައެވެ. އެތަނެއްގައި ޚާއްޞަ ކަންތައްތަކެއް އެކުލެވޭނަމަ ފަތުރުވެރިން އެތަނަކާ ގަޔާވާލެއް ބޮޑެއެވެ. ޚާއްޞަ ބައެއް ކަންތައްތަކުގެ ތެރޭގައި ޤުދުރަތީ ރީތިކަމާއި، އިންސާނުންގެ ފަންނުވެރިކަމުގެ ބޭނުންކޮށްގެން ހަދާފައިވާ ތަންތަނުގެ އިތުރުން ތާރީޚީގޮތުން ޚާއްޞަ ކަމެއް ލިބިފައިވާ ތަނެއްނަމަވެސް ވަރަށްގިނަ ފަތުރުވެރިން އެތަނަކާ މެދު ގަޔާވެ ޝަޢުޤުވެރިވެއެވެ.

މިފަދަ އެއްތަނަކީ އިޓަލީވިލާތުގެ ރަށެއް ކަމަށްވާ އަމަލްފީއެވެ. މިއީ ދުނިޔޭގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ސަރަހައްދެވެ. މިއީ އިޓަލީގެ ދެކުނުގެ ޓައިރެނިއަން އައްސޭރިފަށުގައި ޕޮސިޓަނޯ އިން ފެށިގެން ވިއެޓްރީ ސަލްމާރޭ އާއި ހަމައަށް އޮންނަ މި އައްސޭރިފަށެވެ. އަމަލްފީގެ ކުރިމަތީގައި އޮންނަނީ ގަލްފް އޮފް ސަލަރނޯއެވެ. އަދި ފަހަތުގައި އޮތީ މޮންޓި ލައްޓާރީ އެވެ. އަމަލްފީ އުފެދިފައިވަނީ އުސް ފަރުބަދަތަކާއި، ވަށައިގެންވާ ފަރުބަދަތަކުގެ މެދުގައި އޮންނަ ހިތްގައިމު ގޮނޑުދޮށްތަކާއި، ކުދި ވިލުތަކާއި ފަޅުތަކުގެ މަންޒިލެއްގެ ގޮތުގައެވެ. މީރު މީރު ހުތް މޭވާއާއި މޭބިސްކަދުރާއި ޒައިތޫނި ގަސްތަކުން ފުރިފައިވާ ޓެރެސްތަކާއި، އެންމެ ޒަމާނީ ފެޝަންގެ ފިހާރަތަކާއި ފަންނީ މަސައްކަތްތެރިކަން ފެންނާނެފަދަ ވޯކްޝޮޕްތަކުގެ ސަބަބުން ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލަށް މި މަންޒިލް ވެއެވެ. ސަގާފީ އަދި ގުދުރަތީ ގޮތުންވެސް އަގު ބޮޑު ފުރިހަމަ ކަމަކާއެކު މެޑިޓެރޭނިއަން ކަނޑުގެ މަންޒަރުތައް ވަރަށް ރީތިކޮށް ފެންނަ ރީތި މިސާލެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނިފައި ވުމުގެ އިތުރުން މި ސަރަހައްދަކީ ގަދީމީ މާހައުލަކާއި ޘަޤާފަތެއް އޮންނަ ކުދި ރަށްތަކެއްވެސް ހިމެނޭ ސަރަޙައްދެކެވެ.

އަމަލްފީ ކޯސްޓަކީ ގަލްފް އޮފް ނޭޕާލްސް އާއި ގަލްފް އޮފް ސަލަރނޯ އާއި ދެމެދުގައި އޮންނަ ރަށެކެވެ. އޭގެ ތެރޭގައި ސަލަރނޯ ޕްރޮވިންސްގެ ރީތި 16 ސަރަހައްދު ކަމަށްވާ ސްމެރަލްޑޯ، ފުރޯރޭ، މައިއޯރީ، މިނޯރީ، ޕްރައިއާނޯ، ޕޮސިޓާނޯ، ރައިޓޯ، ރަވެލޯ، ސެންޓް އެގިޑިއޯ ޑެލް މޮންޓޭ އަލްބިނޯ، ސްކަލާ، ޓްރަމޮންޓީ އީ ވިއެޓްރީ ސުލްމާރޭ ހިމެނެއެވެ.

އަމަލްފީ ކޯސްޓްގެ ގޮނޑުދޮށްތަކަކީ ދުނިޔޭގެ އެންމެ ރީތި ގޮނޑުދޮށްތަކުގެ ތެރޭގައި ހިމެނޭ ޓައިރެނިއަން ކަނޑާއި ގުޅިފައިވާ ގޮނޑުދޮށްތަކެކެވެ. ފަރުބަދަތަކުން ވަށާލެވިފައިވާ އަޖައިބު ކުރުވަނިވި ކުދިކުދި ގުންޑޮޅިތަކުގެ ތިރީގައިވާ މޫދުގެ އައްސޭރިތައް މިތަންތަނުގެ ރީތިކަން އިތުރުކޮށްދެއެވެ. ހަމަ އެހާމެ މަގުބޫލު އަމަލްފީ ކޯސްޓް ހޮހަޅަތަކަކީ ގުދުރަތީ ހޮހަޅަތަކެއް ތަޖުރިބާކޮށްލަން ބޭނުންވާ ކޮންމެ މީހަކުވެސް ޝައުގުވެރިވާނެ ތަނެކެވެ.

ތާރީޚުން ސާބިތުވާ ގޮތުގައި، ކުރިން ރޯމަން އެމްޕަޔަރުގެ ބައެއްގެ ގޮތުގައި އޮތް، ގްރީކް-ގޯތިކް ހަނގުރާމައިގެ ދުވަސްވަރު އޭރުގެ އަމަލްފީ ކޯސްޓްގެ ރައްޔިތުން ބައިޒަންޓައިންސް އާއި ގުޅިގެން، އެމީހުންނަށް އެސަރަޙައްދުގެ ކޮންޓްރޯލް ލިބުނެވެ. ފަހުން ސަލަރނޯގެ ލޮންގޯބާޑް ޕްރިންސިޕަލިޓީން އަމަލްފީގެ މައްޗަށް ބާރުވެރިކަން ހޯދިނަމަވެސް، ދާދި އަވަހަށް އަލުން ބައިޒަންޓައިން އެމްޕަޔަރުގެ ބާރުގެދަށަށް އެތަން ގެންދެވުނެވެ.

މެރިޓައިމް ރިޕަބްލިކް އޮފް އަމަލްފީ އަކީ މެރިޓައިމް ރިޕަބްލިކްގެ ހަތަރު ޖުމްހޫރިއްޔަތުގެ ތެރެއިން އެންމެ ދުވަސްވީ ޖުމްހޫރިއްޔަތެވެ. އަމަލްފީގެ ވެރިކަން އެންމެ ބޮޑަށް ފުޅާވެފައިވަނީ 10 ވަނަ ގަރުނުގެ ފަހުކޮޅުގަ އާއި 11 ވަނަ ގަރުނުގެ ކުރީކޮޅު، ޑޫކް މެންސަންގެ ވެރިކަމުގެ ޒަމާނުގައެވެ.

ފަރުބަދަ މަތީ ރަށެއްކަމުން މިރަށުގައި ގެތައް ޢިމާރާތް ކޮށްފައި ހުންނަނީ ފަރުބަދަ ކަނޑައި މަގުތައް އެއްވަރުކޮށްގެނެވެ. ދުއްވާ އެއްޗެއްގައި މައްޗަށް އަރަމުން ދާއިރު ފެންނަ މަންޒަރުތައްވެސް ވަރަށް ހިތްގައިމެވެ. 1997 ވަނަ އަހަރުން ފެށިގެން މިތަންވަނީ ޔުނެސްކޯއިން ކަނޑައަޅާ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނާފައެވެ. އެހެންކަމުން މިތަނަށް ފަތުރުވެރިންގެ ޝަޢުޤުވެރިކަން އިންތިހާއަށް ވަނީ އިތުރުވެފައެވެ. އެއާއެކު މިތަނުގައި ދިރިއުޅޭ މީހުން އެމީހުންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ މައްޗަށް ޚާއްޞަކޮށް ބައްޓަންކުރިއެވެ.

އަމަލްފީއަށް ދެވިއްޖެނަމަ އެ ރަށުގައި ޢިމާރާތް ކޮށްފައިވާ ކުލަކުލައިގެ ރީތި ގެތައް ބަލާލުމާއި، ރަށުގެތެރޭގައިވާ ހަނިހަނި މަގުތަކުން ހިނގާލުމާއި ކޮންމެ ދިމާލަކުން މައްޗަށް އަރާފައިވެސް ތިރި ބަލައިލުމުން ފެންނަ ހިތްގައިމު މޫދު ތަޖުރިބާ ކޮށްލުމަކީ ކޮންމެ މީހަކުވެސް ބޭނުންވާ ކަމެކެވެ. މީގެ އިތުރުންވެސް ރޯމަނުންގެ ޤަދީމީ ޒަމާނުގެ އަސަރުތައް ވމިތަނުން ފެންނަން ހުރެއެވެ. ރީތި ކުލަކުލައިގެ މާގަސްތަކުން މިރަށަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައި ވެއެވެ. މި ހިތްގައިމު މަންޒަރުތައް ދެކެލުމަށް ހިނގާލާފައި ދާނެ 9 ކިލޯމީޓަރުގެ ދިގު މަގެއް އަމަލްފީގެ އައްސޭރި ފަށުގައި އޮވެއެވެ. މިމަގު އަމަލްފީގެ ދެ އަވަށް ކަމަށްވާ އަޖެރޯލާއިން ފެށިގެން ޕޮސިޓާނޯއާ ހަމައަށް ދެމިގެންދެއެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އަމަލްފީއަކީ ރީތި ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށްވެސް މިތަނުގެ އަހުލުވެރިން ޚާއްޞަ އިސްކަމެއް ދެއެވެ. އެގޮތުން ރަށުތެރެ ކުނިކަހައި ސާފުކުރުމާއި، މޫދާއި ގޮނޑުދޮށްތައްވެސް ސާފުރާހިރުކޮށް ބޭއްވުމަށް މިތަނުގައި ދިރިއުޅޭ އެންމެންވެސް ސަމާލުކަން ދެއެވެ. މިރަށަށް ޒިޔާރަތް ކުރާ މެޙްމާނުންނަށް ޚާއްޞަ ކެއުންތައް މިރަށުގެ މީހުން ތައްޔާރު ކުރަނީ އެންމެ ކުރީ ޒަމާނުގެ ރަހަތަކާ އެކުގައެވެ. އެގޮތުން އެންމެ ޚާއްޞަ ކޮށް ތައްޔާރުކުރާ އެއްބާވަތަކީ ސެމޮލީނާއާއި ރިކޮޓާ ޗީޒް އަޅައިގެން ތައްޔާރުކުރާ ޚާއްޞަ ބާވަތެކެވެ. ‘ދުންދޭރީ’ ގެ ނަމުން ނަން ދެވިފައިވާ މި މީރު ކެއުމަކީ ރޯމަނުންގެ ޒަމާނުއްސުރެ އިޓަލީގައި ތައްޔާރު ކުރަމުން އަންނަ ބާވަތެކެވެ.

އަމަލްފީއަށް ޒިޔާރަތް ކޮށްލުމަކީ އިޓަލީއަށްދާ ކޮންމެ މީހަކުވެސް ބޭނުންވާ ކަމެކެވެ. ބައެއް މީހުންގެ ނަޒަރުގައި ޢުމުރުން އެއްފަހަރު ނަމަވެސް އަމަލްފީގެ ހިތްގައިމު މާހައުލުގައި ފޮޓޯއެއް ނެގުމަކީ އެމީހުންގެ ހުވަފެނެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.