މަޢުލޫމާތު އެއްކޮޅަށް ދުއްވާ މަގެއްކަން އަންގައިދޭ ނިޝާން – ޢަމަލީ މައްސަލަތަކަށް ހައްލު ހޯދުމުގައި އިންސާނުންގެ އުފެއްދުންތެރިކަމުގެ ހެއްކެއް
މަޢުލޫމާތު

އެއްކޮޅަށް ދުއްވާ މަގެއްކަން އަންގައިދޭ ނިޝާން – ޢަމަލީ މައްސަލަތަކަށް ހައްލު ހޯދުމުގައި އިންސާނުންގެ އުފެއްދުންތެރިކަމުގެ ހެއްކެއް

1735825336.jpeg

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އެއްކޮޅަށް ދުއްވުމުގެ ނިޝާން ބޯޑަކީ ޒަމާނީ މަގުތަކުގެ ނިޒާމުގެ ސާދާ ނަމަވެސް މުހިންމު ބައެކެވެ. މިއީ ދަތުރުފަތުރުގެ އިތުރުވަމުންދާ ކޮމްޕްލެކްސްކަމަށާއި ރައްކާތެރި އަދި ހަރުދަނާ ޓްރެފިކް މެނޭޖްމަންޓެއްގެ ބޭނުމަށް ޢީޖާދުކުރެވުނު އެއްޗެކެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް، މިއީ ޝަހަރުތައް ރޭވުމުގައި ކޮންމެހެން ބޭނުންވާ އާލާތަކަށް ވެފައިވެއެވެ. އަދި މިއީ ޑްރައިވަރުންނަށް މަގުތަކުގައި ދަތުރުކުރުމަށާއި އެކްސިޑެންޓްތަކުން ސަލާމަތްވުމަށް އެހީތެރިވެދޭ މުހިންމު އެއްޗެކެވެ.

އެއްކޮޅަށް ދުއްވާ މަގުތަކުގެ ޚިޔާލަކީ ޒަމާނީ ދަތުރުފަތުރު ތަޢާރަފު ވުމުގެ ކުރިން އުފެދުނު ޚިޔާލެކެވެ. ރޯމް ފަދަ ޤަދީމީ ޝަހަރުތަކުގައި، ހަނި މަގުތައް އޮތުމާއި، އަދި އެމަގުތަކުގައި ގިނަ އަދަދެއްގެ މީހުން ހިނގާބިނގާވެ އުޅުމުގެ ސަބަބުން، ތޮއްޖެހުން ހުއްޓުވުމަށްޓަކައި ކޮންމެވެސް ބާވަތެއްގެ ޤަވާއިދުތަކެއް ހެދުމަކީ ކޮންމެހެން ބޭނުން ކަމަކަށްވިއެވެ. އެހެންނަމަވެސް، އެއްކޮޅަށް ދުއްވާ މަގުތައް، ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި ރަސްމީކޮށް ބޭނުންކުރަން ފެށުނީ 19 ވަނަ އަދި 20 ވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. އެއީ ސިޓީތަކުގެ ގޮތުގައި ކަނޑައެޅޭ ސަރަޙައްދުތައް ފުޅާވެ، އުޅަނދުތައް ގިނަވެ އާންމުވަމުން އައި ދުވަސްވަރެވެ. އަސް ގާޑިޔާތަކާއި، އަދި ފަހުން އިންޖީނުލީ އުޅަނދުތައް ތަޢާރަފުވުމުން، ހަރުދަނާކަމާއެކު ދަތުރުފަތުރު ކުރެވޭނެ ގޮތަށް މަގުތަކުގެ ޤަވާއިދުތައް އިތުރަށް ސާފުކޮށް އޮޅުންފިލުވައިދިނުމުގެ ބޭނުން ޖެހުނެވެ.

ފުރަތަމަ ފަހަރަށް އެއްކޮޅަށް ދުއްވުމުގެ މަގުތަކުގެ ޤަވާއިދު ތަންފީޒުކުރެވުނީ 1617 ވަނަ އަހަރު ލަންޑަނުގައެވެ. އެގޮތުން، ވަކި މަގުތަކެއް އެއް ދިމާލަކަށް ދުއްވުމަށް ކަނޑައެޅުނެވެ. އެހެންނަމަވެސް، އެއްކޮޅަށް ދުއްވުމުގެ ޒަމާނީ ނިޝާން ބޯޑު ތަޢާރަފުވީ 20 ވަނަ ޤަރުނުގެ ކުރީކޮޅުގައި ތަޢާރަފު ކުރެވެންފެށި އިންޖީނުލީ އުޅަނދުފަހަރުތަކާއެކުގައެވެ. 1920 ތަކާއި 1930 ގެ އަހަރު ތަކުގައި، ކާރުތައް އާންމުވެފައިވާ މިންވަރަށް ބަލައި، ސިޓީތަކުގައި އެއް ދިމާލަކަށް ޓްރެފިކް ގެންދިއުމަށްޓަކައި އެކަން ސާފުކޮށް އެނގޭނެ ފަދަ ނިޝާންތައް ބެހެއްޓެން ފެށުނެވެ. މި ނިޝާންތަކުގައި ގިނަފަހަރަށް ހުންނަނީ ދިމާ ދައްކުވައިދޭ ނިޝާންތަކެއް ނުވަތަ “އެއްކޮޅަށް” ފަދަ ލިޔުންތަކެއް ލިޔެފައެވެ.

އެއްކޮޅަށް ދުއްވާ މަގެއްކަން އަންގައިދޭ ނިޝާން ބޯޑު އީޖާދުކުރެވުނީ މަގުތަކުގެ ރައްކާތެރިކަން އިތުރުކުރުމުގެ ބޭނުމުގައެވެ. ތޮއްޖެހިފައިވާ ސިޓީތަކާއި ސަރަޙައްދުތަކުގައި، ހަނި މަގުތަކުގައި ދެކޮޅަށް ދުއްވުމުގެ ސަބަބުން ގިނަފަހަރަށް އެކްސިޑެންޓްތައް ހިނގައި މަގުބަންދުވުން ކުރިމަތިވެއެވެ. ވަކި މަގުތަކެއް އެއްކޮޅަށް ދުއްވުމަށް ކަނޑައަޅައި، އެކަން ސާފުކޮށް އެނގޭގޮތަށް ނިޝާން ބޯޑުތައް ބެހެއްޓުމުން، އިދިކޮޅަށް ދުއްވާ އުޅަނދުތަކުގެ މެދުގައި ދިމާވާ މައްސަލަތައް މަދުވާން ފެށިއެވެ. ނިޝާން ބޯޑުގެ ސާދާކަމާއި ސާފުކަމުގެ ސަބަބުން އޭގެ ބޭނުން ވަރަށް ރަނގަޅުވެ، ޑްރައިވަރުންނަށް އޭގެ މެސެޖު ވަގުތުން ދޭހަވެއެވެ.

ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު އެއްކޮޅަށް ދުއްވުމުގެ ނިޝާން ބޯޑުގެ ބޭނުންތެރިކަން އިތުރަށް ރަނގަޅުވިއެވެ. ޒަމާނީ ނިޝާން ބޯޑުތަކުގައި ގިނަފަހަރަށް ހުންނަނީ ރޭގަނޑު ފަސޭހައިން ފެންނާނެހެން އަލިގަދަ ކުލަތަކެއް ނުވަތަ އެލްއީޑީ ބައްތިތަކެވެ. ބައެއް ސިޓީތަކުގައި، ޓްރެފިކްގެ ޙާލަތަށް ބަލައި ދިމާ ބަދަލުކުރެވޭ އިލެކްޓްރޯނިކް ނިޝާންތައްވެސް ބޭނުންކުރެއެވެ. މިއީ އަސްލު ޚިޔާލު މިޒަމާނުގެ ބޭނުންތަކަށް ފެތޭގޮތަށް ބަދަލުވެފައިވާކަން ދައްކުވައިދޭ ކަމެކެވެ. މި އައު އީޖާދުތަކާއެކުވެސް، އެއްކޮޅަށް ދުއްވުމުގެ ނިޝާން ބޯޑުގެ އަސާސީ ބޭނުމަކީ ޑްރައިވަރުންނަށް މަގުދެއްކުމާއި ރައްކާތެރި އަދި ހަރުދަނާ ޓްރެފިކް މެނޭޖްމަންޓެއް ކަށަވަރުކުރުމެވެ.

އެއްކޮޅަށް ދުއްވުމުގެ ނިޝާން ބޯޑު އީޖާދުކުރީ ކާކުކަން ތާރީޚުން އެނގެން ނެތްނަމަވެސް އެއީ މަގުތަކުގެ ނިޒާމު ތަރައްޤީވުމުގައި ވަރަށް މުހިންމު ޢީޖާދެކެވެ. މިއީ ޝަހަރުވެރިކަން އިތުރުވުމާއި އުޅަނދުތަކުގެ ދަތުރުފަތުރު އިތުރުވުމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް އީޖާދުކުރެވުނު ސާދާ ނަމަވެސް ވަރަށް ފައިދާހުރި އެއްޗެކެވެ. މިއަދު، އެއްކޮޅަށް ދުއްވުމުގެ ނިޝާން ބޯޑަކީ މަގުތަކުގެ ރައްކާތެރިކަމުގެ ނިޝާނެކެވެ. އަދި މިއީ ޢަމަލީ މައްސަލަތަކަށް ހައްލު ހޯދުމުގައި އިންސާނުންގެ އުފެއްދުންތެރިކަމުގެ ހެއްކެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.